އެޕެއްގެ ކޮޕީރައިޓް މައްސަލައެއްގައި ކޯޓަށް، ގެއްލުމުގެ ބަދަލު ހޯދަން ވަނީ އެދިފައި

އެޕެއްގެ ކޮޕީރައިޓް މައްސަލައެއްގައި ކޯޓަށް، ގެއްލުމުގެ ބަދަލު ހޯދަން ވަނީ އެދިފައި

ވެބްސައިޓެއްގެ އެޕް ހަދަން ހަވާލުކުރި މީހަކު, އެ މައުލޫމާތުތައް ބޭނުންކޮށްގެން އަމިއްލަ އެޕެއް ހަދައި އެ ބޭނުން ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ކޯޓަށް ގޮސްފި އެވެ.

މި މައްސަލަ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ކޮޕީރައިޓް ގާނޫނުގެ ދަށުންނެވެ. އެއީ މި ގާނޫނުގެ ދަށުން މިފަދަ މައްސަލައެއް ރާއްޖޭގެ ކޯޓަކަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ފެށުނީ ލޭ ހަދިޔާ ކުރުމަށް ތައްޔާރުކޮށްފައިވާ "ހަދިޔާ.އެމްވީ" ކިޔާ ވެބްސައިޓެއް އެޕަކަށް ބަދަލުކުރުމަށް ލ. ފޮނަދޫ, ފާހި އަހުމަދު އަނަސްއާ ހަވާލުކުރި ހިސާބުންނެވެ. ނަމަވެސް, އެ މަސައްކަތް ކޮވިޑާއެކު ހުއްޓިފައި އޮއްވާ އަނަސް ވަނީ ލޭ ހަދިޔާކުރުމުގެ އޭނާގެ އަމިއްލަ އެޕެއް ކަމަށްވާ "ތިކި" ލޯންޗުކޮށްފަ އެވެ.

"ހަދިޔާ.އެމްވީ" އަކީ ލ. ފޮނަދޫ, ޑޭލައިޓް ޔޫސުފް ހަލީލަށް ލޭގެ ކެންސަރު ޖެހި އެ އުފުލި ވޭނާއި ކުރި ތަޖުރިބާގެ ސަބަބުން އޭނާގެ އަމިއްލަ ހިޔާލުން އުފަންކުރި ވެބްސައިޓެކެވެ. އޭނާއަކީ ގަވައިދުން ލޭ ހަދިޔާ ކުރަމުން ދިޔަ މީހެއް ނަމަވެސް, ލޭގެ ކެންސަރަށްފަހު އެކަން މަނާވި އެވެ. އެހެންވެ, އޭނާ ބޭނުންވީ އޭނާއަށް ލޭ ހަދިޔާ ނުކުރެވުނު ނަމަވެސް ލޭ ހޯދާ މީހުންނަށް ފަސޭހައެއްކޮށްދޭށެވެ.

އެ ވެބްސައިޓްގައި ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތުތައް ހިމެނި އެވެ. ލޭ ހޯދާ ކޮންމެ މީހަކަށް ވެސް ވެބްސައިޓް ބަލައިގެން ފަސޭހައިން ލޭ ހޯދުމުގެ އިންތިޒާމް އޭގެން ފަހިވި އެވެ.

"ހަދިޔާ.އެމްވީ" ގެ ވެބްސައިޓް ހެދުމަށް ވެސް ޔޫސުފް އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަނަސްއާ އެވެ. ނަމަވެސް, އޭރު އޭނާއަށް އެކަން ކުރަން ނޭނގޭތީ ވެބްސައިޓް ހެދީ އެހެން މީހެއް ލައްވާ އެވެ. ވެބްސައިޓް, ޔޫސުފް ހެދީ 20,000 ރުފިޔާ ހޭދަކޮށްގެން ކަމަށް އޭނާ ބުނެ އެވެ. "ހަދިޔާ.އެމްވީ" އެއްވެސް ފީއެއް ނުވަތަ މާލީ އެހީއެއް ޔޫސުފް ނުހޯދަ އެވެ.

ކޯޓަށް ޔޫސުފް ހުށަހެޅި މައްސަލާގެ ދައުވާ ފޯމްގައި ބުނެފައިވާ ގޮތުގައި ލޭ ހޯދާ މީހުންނަށް އިތުރަށް ފަސޭހަކުރުމަށްޓަކައި "ހަދިޔާ.އެމްވީ"ގެ އެޕް ހެދުމަށް އަނަސްއާ ހަވާލުކުރީ އެވެ. އެކަން ކުރުމަށް ވެބްސައިޓްގައި ހުރި މައުލޫމާތުތަކަށް އެކްސެސްވެވޭ ގޮތަށް ލޮގިންއެއް ދިން ކަމާއި އެޕްގައި ހިމަނަން ބޭނުންވާ ފީޗާތަކުގެ މައުލޫމާތުތައް ވެސް އަނަސްއާ ހިއްސާކުރި އެވެ. ނަމަވެސް, އޭގެ ފަހުން އެ މަސައްކަތުން އަނަސް ވަކިކުރީ އެވެ.

އޭގެފަހުން, މިދިޔަ އަހަރު ފަހުކޮޅު އަނަސް ވަނީ އޭނާގެ އަމިއްލަ އެޕް "ތިކި" ލޯންޗުކޮށްފަ އެވެ. އެ އެޕަކީ ވެސް ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތު ފަސޭހައިން ފެންނަ އެޕެކެވެ. އެ އެޕްގައި މިހާރު ވެސް 649 ޑޯނަރުން އެބަތިއްބެވެ.

"ތިކި އެޕްލިކޭޝަންނަށް އަޅުގަނޑު ވަދެ ބެލިއިރު އޭގައި ހިމަނާފައިވަނީ އަނަސްގެ އަތަށް ހަދިޔާ.އެމްވީ އެޕްލިކޭޝަންގައި ހިމެނުމަށް ދީފައިވާ ސްޕެސިފިކޭޝަންގައި ހިމެނޭ ހުރިހާ ސްޕެސިފިކޭޝަންތައް," ދައުވާގައި ބުނެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަނަސް މިވަނީ ހަދިޔާ.އެމްވީގެ އެޑްމިން ލޮގިން ބޭނުންކޮށްގެން ހަދިޔާ.އެމްވީގައި ހިމެނޭ މެންބަރުންގެ ޒާތީ މައުލޫމާތުތަށް ބޭނުންކޮށްގެން ތިކި އެޕްލިކޭޝަން ހަދައި އަޅުގަނޑަށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގަށް އަރައިގެންފައި."

އަދި, ޔޫސުފް ދައުވާކުރާ ގޮތުގައި ހަދިޔާ.އެމްވީއަށް ރުހުމާއެކު އެ ވެބްސައިޓްގެ މެންބަރުން ދީފައިވާ އެ ފަރާތްތަކުގެ ޒާތީ މައުލޫމާތުތަކުން އަނަސް ވަނީ ވައްކަންކޮށްފަ އެވެ. ތިކި އެޕްގައި ހިމެނޭ ގިނަ މީހުންނަކީ ހަދިޔާ.އެމްވީގައި އަމިއްލައަށް ރަޖިސްޓްރީވެފައިވާ މީހުންނަށްވާއިރު, ތިކި އެޕަށް އެމީހުން ރަޖިސްޓްރީނުވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ޔޫސުފް ބުންޏެވެ.

"ތިކި އެޕްލިކޭޝަން ވުޖޫދުވިތާ އަދި މާގިނަ ދުވަސްތަކެއް ނުވާއިރު އަދި މެންބަރުން ހޯދުމަށް ހަރަކާތެއް ހިންގާފައިނުވާއިރު ހަދިޔާ އެމްވީގެ ރަޖިސްޓްރީވެފައި ތިބި ގިނަ މެންބަރުންތަކެއް ތިކި އެޕްލިކޭޝަންގައި ހިމެނުމަކީ އިއްތިފާގަކަށްވުން މުސްތަހީލް ކަމެކެވެ," ދައުވާގައި ބުންޏެވެ.

އެހެންވެ, ޔޫސުފް ދައުވާގައި އެދިފައިވަނީ ތިކި އެޕް ހުއްޓުވައި އެކަމުގެ ސަބަބުން އޭނާއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު, ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން އަނަސް "އަދަދު"އަށް ބުނީ އެ ހުރިހާ ތުހުމަތުތަކަށް ސާފުކޮށް އިންކާރުކުރާ ކަމަށެވެ.

"ދައުވާގައި މި ތުހުމަތު ކުރަނީ ހިޔާލު ވަގަށް ނެގުމާއި ހަދިޔާ.އެމްވީގެ ވެބްސައިޓުގައި ހުރި ޑޯނަރުންގެ މައުލޫމާތު ބޭނުންކުރި ކަމަށް. އެ ތުހުމަތުތަކަށް އިންކާރު ކުރަން. އެފަދަ ކަމެއް ނުކުރަންކަން ހަމަ ޔަގީން،" އަނަސް ބުންޏެވެ.

އެ މައްސަލަ މިހާރު ކޯޓުގައި އޮތުމުން އެކަމާ ގުޅޭ އިތުރު ވާހަކައެއް ދެއްކޭނީ ވަކީލުން މެދުވެރިކޮށް ކަމަށް އޭނާ އިތުރަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox