ފުލުހުންގެ ތަހުގީގުގައި އުނި ކަންތައްތަކެއް ހުރުމުން، ލަންކާއިން ރާއްޖެއަށް ޑްރަގް އެތެރެ ކުރި ދިވެހި އަންހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
މީގެ ފަސް އަހަރު ކުރިން މެއި 03، 2016 ގައި ލަންކާ މަގުން ރާއްޖެއަށް އައި ސ. ހުޅޫދޫ، ކްރިކީލަގެ، ޝާނިޔާ ރަޝީދުގެ ލަގެޖުން ޖުމްލަ 621 ގްރާމްގެ ޑްރަގް ފެނިގެން އަތުލާގަނެފައިވާއިރު، އޭނާގެ މައްޗަށް ކުރީ ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު، އުމުރު ދުވަހުގެ ޖަލު ހުކުމަކުން ޝާނިޔާ ސަލާމަތްވީ ފުލުހުންގެ އިހުމާލުންކަން، ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްޔެ ކުރެއްވި ހުކުމުން އެނގެ އެވެ.
އެގޮތުން, އެ މައްސަލާގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށާއި، ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައި ވުމުން، އެތެރެ ކުރި އެއްޗެއްސަކީ މަސްތުވާތަކެތިކަން ސާބިތުކޮށްދެވިފައި ނުވާކަން ހުކުމުގައި ވެ އެވެ.
"މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު ތަކެތި ލިބުނީ ކާކުގެ އަތުން ކަމެއް، ކޮން އިރަކު ކަމެއް އެނގޭކަށް ނެތް," ޝާނިޔާގެ ދަބަހުން ފެނުނު މަސްތުވާތަކެތިން ނެގި ސާމްޕަލްގެ ސީރިއަލް ނަމްބަރާއި، ފުލުހުންގެ ލެބޯޓްރީއިން އެ ސާމްޕަލް ޓެސްޓު ކުރުމަށްފަހު ނެރުނު ފޮރިންގްސިކް ރިޕޯޓުގައިވާ ސީރިއަލް ނަމްބަރާ ތަފާތުކަން ގާޒީ ފާއިޒު ފާހަގަކުރެއްވި އެވެ.

އެހެންވެ ޝާނިޔާގެ ލަގެޖުން އަތުލައިގަތް އެއްޗެއްސަކީ މަސްތުވާތަކެތިކަން ސާބިތުނުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އަދި އެކަން ސާބިތުކޮށްދިނުމަކީ ދައުލަތުން އުފުލަންޖެހޭ ބުރައެއް ކަމަށްވާއިރު، ކޯޓުގެ އަމިއްލަ އިސްނެގުމަށް ބުއްދިން ތަސައްވުރު ކުރެވޭ ކަންކަމުގެ މައްޗަށް މައްސަލަ ނުނިންމާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
މީގެ އިތުރުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގިއިރު، ޝާނިޔާއާ އެކު އެ ފްލައިޓުން އިތުރު މީހެއް އައި ކަމަށް ކަސްޓަމްސްގެ ތިން އޮފިސަރުން ހެކިބަސް ދީފައި ވީނަމަވެސް، އެ މީހާގެ މައްޗަށް ތަހުގީގު ހިންގާފައި ނުވާއިރު، ކުޑަމިނުން ބަޔާނެއް ވެސް ނަގާފައި ނުވާ ކަމަށް ހުކުމުގައި ވެއެވެ. އަދި އެމީހާއަށް އެއްވެސް ވަރަކަށް ފާރަލީ ކަމެއްވެސް އެނގެން ނެތް ކަމަށް ވެއެވެ.
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ޝާނިޔާ ގެސްޓު ހައުސްގެ ރޫމްއަކަށް ގެންދިޔައިރު، އެއްވެސް އަންހެން ފުލުހެއް ނެތި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވާތީ ވެސް ގާޒީ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
"ފިރިހެން ފުލުހުންތަކާ އެކު އަންހެން ފުލުހަކު ނެތި، ގެސްޓް ހައުސްއެއްގެ ރޫމެއްގެ ތެރޭގައި ގިނަ އިރުތަކެއް ހޭދަވާ ގޮތަށް، އޭނާ (ޝާނިޔާ)ގެ މިނިވަންކަން ހިފެހެއްޓުމަކީ އޭނާގެ އިންސާނީ ކަރާމާތަށް އުނިކަން އަންނާނެ ކަމެއް، އެގޮތަށް އަމަލު ކުރުމަކީ އަހުލާގީ ކުށަކަށް ނޫނީ ނުވާނެ،" އެ އޮޕަރޭޝަންގައި ފުލުހުން އަމަލުކޮށްފައި ވަނީ އާންމު އަހްލާގީ މިންގަނޑާ ހިލާފަށް ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ.
ޑްރަގް އެތެރެ ކުރީ އެނގިހުރެ، އޭނާގެ ލޯބިވެރިޔާގެ ކޮއްކޮ ބުނެގެން ކަމަށް ކަސްޓަމްސް އޮފިސަރުންނާ، ފުލުހުން ކައިރީ ޝާނިޔާ ބުނި ނަމަވެސް، ޝަރީއަތުގައި އެ ތުހުމަތަށް އިންކާރުކުރި އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން އަދި ދައުލަތުން ނުނިންމަ އެވެ.












