މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަހަލަ ޓީމަކާ ގުޅުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި، އުންމީދަކީ އެންމެން ވެސް އޭނާގެ ފަރާތުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ދެއްކުން ކަމަށް މިއަދު މާޒިޔާއާ ގުޅުނު ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ބުނެފި އެވެ.
މާޒިޔާ އަށް މިއަދު ސޮއިކުރި ޓަނާ އަކީ ފަހުގެ ތާރީހެއްގައި ޔޫރަޕްގެ މަތީ ފަންތީގެ ލީގެއްގައި ކުޅުމަށް ފަހު ރާއްޖޭގެ ކުލަބަކާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. ޓަނާ ވަނީ 2015-2018 އަށް ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަށް ކުޅެ، ރެއާލް މެޑްރިޑް ފަދަ ވަރުގަދަ ޓީމުތައް ކޮޅަށް ގޯލު ޖަހައި، ތަފާތު ދައްކައިފަ އެވެ.
މާޒިޔާއަށް ސޮއިކުރުމަށްފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޓަނާ، 31، ބުނީ ރާއްޖޭގެ ޗެމްޕިއަން ކުލަބަށް ސޮއިކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފުރުސަތު އޭނާ އަށް ތަނަވަސްކޮށްދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ޓަނާ ބުނެފައިވެ އެެވެ.
ކޮންމެ ކުލަބަކާއި ގުޅުމަކީ ވެސް ބޮޑު ޗެލެންޖެއްކަން ފާހަގަކޮށް ޓަނާ ބުނީ ޔޫރަޕުން އައިސް ދެކުނު އޭޝިއާގެ ކުލަބަކަށް ކުޅުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި އޭނާ ނުގަނާނެ ކަމަށެވެ. އުންމީދަކީ ރަނގަޅު ކުޅުމެއް ދައްކައި ކޮންމެ މެޗަކުން ވެސް މާޒިޔާ މޮޅުކޮށްދޭން އެހީވުން ކަމަށް ޓަނާ ބުނެފައިވެ އެވެ.

މާޒިޔާ އަށް ސޮއިކުރި މިޑްފީލްޑަރު ޓަނާ، "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"މާޒިޔާ އިން މި ދިން ފުރުސަތަށް ޝުކުރު އަދާކުރަން، އުންމީދުކުރަނީ ވަރަށް ރަނގަޅަށް ކުޅެ ޓީމު މޮޅުކޮށްދިނުން. އުއްމީދުކުރަން ކޯޗާއި މެނޭޖްމަންޓް ހިތްހަމަޖެހޭވަރުގެ ކުޅުމެއް ދެއްކޭނެ ކަމަށް" ލަލީގާގައި 83 މެޗު ކުޅެފައިވާ ޓަނާ ބުންޏެވެ.
ޓަނާ މާޒިޔާއާއިއެކު ކުޅޭނެ ފުރަތަމަ މުބާރާތަކީ މި މަހުގެ 16 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގެވެ. އަދި މާޒިޔާ ހިމެނޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ކުޅެނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ.
ޓަނާއާއިއެކު މާޒިޔާގެ ބިދޭސީ ކުޅުންތެރިން ހަމަވީ އެވެ. މިހާރު އެކުލަބުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ މޮންޓަނެގްރޯގެ ޑިފެންޑަރު ނަމާންޏާ ކާޓާލް، ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮންގެ އިތުރުން ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.
މާޒިޔާއިންވަނީ މިދިޔަ ބުރާސްފަތި ދުވަހު ޔޫރަޕާއި އެފްރިކާ އަދި އޭޝިއާގެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗެއް ކަމަށްވާ ސާބިއާގެ މަޔޮޑްރަގް ޖެސިކް ގެނެސްފަ އެވެ. އަދި އޭނާއާ އެކު ޓްރެއިނަރު/ފިޓްނަސް ކޯޗު ގޯރާން ގުޒިޖާން ވެސް މާޒިޔާއާ ގުޅުނެވެ.











