ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް 1-0 އިން ކުރިހޯދައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
މިއީ މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ސަސް އިން ޔޫތު ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސަސް ކުޅުނު ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން ބަލިވި ނަމަވެސް މިރޭ ވަނީ ރަނގަޅަށް މަސައްކަތްކޮށް މާޒިޔާގެ މައްޗަށް ކުރިހޯދައިފަ އެވެ.
މިރޭގެ މޮޅާ އެކު ސަސް އަށް ވަނީ ތިން ޕޮއިންޓް ލިބި ދެ ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. މާޒިޔާ އަށް ދެ ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕް އޭގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރި އީގަލްސް އެވެ. އީގަލްސް މިއަދު ހަވީރު ވަނީ 6-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމު ވެސް ފެނުނީ ދާދި އެއްވަރުކޮށެވެ. ފުރަތަމަ 15 މިނިޓަށް ބަލާއިރު ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ފުރުސަތެއް ނުލިބެ އެވެ.
ފުރަތަމަ ހާފުގައި ގޯލެއް ޖެހުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މާޒިޔާ އަށެވެ. އިޝްފާގް ވާނީ ނަގައިދިން ހުރަސް މާޒިޔާގެ ފޯވާޑް މުހައްމަދު އިޔާން ހަސަން ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ. އެ ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރުންނެވެ.
މާޒިޔާއިން ވަނީ އޭގެ ފަހުން ގިނަ އިރު ބޯޅަ ގެންގުޅެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކޮށްފަ އެވެ. ސަސްގެ ޑިފެންޑަރު މުހައްމަދު ރިލްވާން އަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ މާޒިޔާގެ މުޙައްމަދު ސާއިން ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ.
މާޒިޔާގެ އިޔާން އަށް މެޗުގެ 26 ވަނަ މިނެޓުގައި އިތުރު ފުރުސަތެއް ލިބުނެވެ. ރިފާހު ނެގި ހުރަސް އިޔާން ފޮނުވާލުމުން މި ފަހަރު ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
ސަސް އަށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ މެޗުގެ 35 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން ވިޝާހު އަބްދުލްމަޖީދު ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ތާއިފް އަލީ ނަސީމް ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ.
ފުރަތަމަ ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. ހާފް ނިމެން އުޅެނިކޮށް އެ ޓީމަށް ލިބުނު ކޯނަރަކުން ޔޫޝައު ބިން އަލީ ނަޝީދު ނަގައިދިން ހުރަސް މުޙައްމަދު ސާއިން ބޮލުން ފޮނުވާލުމުން ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ ދިފާއުކޮށްފަ އެވެ.
މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި މިރޭ ސަސްގެ ޑިފެންޑަރުންނާއި ކީޕަރު މީސަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ ހަމައެކަނި ގޯލު ސަސް އިން ޖެހީ 62 ވަނަ މިނިޓްގަ އެވެ. މި ގޯލް ސަސް އަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުތާއު އަހުމަދު އެވެ. މިއީ އަލީ ޝާޒް ހަބީބު ތަނަވަސްކޮށްދިން ފުރުސަތަކުން އިޝްއާފް މުހައްމަދު ފޮނުވާލި ބޯޅަ ކީޕަރު ތޯއިފްގެ އަތުގައި ޖެހިފައި ރީބައުންސަށް ނުކުތްވަގުތު މުތާއު ޖެހި ގޯލެކެވެ.
ސަސް އަށް ލީޑުލިބުމާ އެކު އެ ޓީމުން ދެން ބާކީ ވަގުތުގައި ކުޅުނީ ލަސްކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން މާޒިޔާ އަށް ފުރުސަތުތައް ތަނަވަސްކުރުމުގައި އުނދަގޫތަކާއި ކުރިމަތިވި އެވެ.
މާޒިޔާ އިން ދެ ވަނަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ފޯވާޑް އިޔާން އެވެ. އޭރިއާ ތެރޭގައި ހުރެފައި އިޔާން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ދަނިކޮށް އެ ބޯޅަ ކީޕަރު މީސަމް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަސްގެ ޑިފެންޑަރު އަހުމަދު އައިހަމް މޫސާ އެވެ.
މި މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.











