ކޮވިޑް-19 ޖެހޭ ކުޑަކުދިންގެ ހަށިގަނޑުން މަލްޓި އިންފްލެމެޓަރީ ސިންޑްރޯމް އިން ޗިލްރެން (މިސްކް) މި ދުވަސްވަރު ފެންނަމުންދާ ކަމަށް މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލު ވިދާޅުވީ އިއްޔެ އެވެ.
މަލްޓި އިންފްލެމެޓަރީ ސިންޑްރޯމަކީ ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވުމަށް ދީފައިވާ ނަމެކެވެ. މި ސިންޑްރޯމް އެންމެ ފުރަތަމަ ފާހަގަވީ 2020 ވަނަ އަހަރުގެ ތެރޭގައި، ކޮވިޑްޖެހުނު ބައެއް ކުޑަކުދިންގެ ހަށިގަނޑުންނެވެ.
ކޮވިޑުގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ހަލުވިކޮށް ރާއްޖެ އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ފެތުރެމުންދާއިރު، އެ ބަލި ޖެހިފައިވާ ކުޑަކުދިންގެ ތެރެއިން އިއްޔެއާ ހަމައަށް 15 ކުއްޖަކު އޮތީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފަ އެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތް 15 ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހަށިގަނޑުން މިސްކުގެ އަލާމާތްތައް ފެންނަ ކަމަށް މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ޑރ. ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މިސްކުގެ އަލާމާތްތައް ކުޑަކުދިންގެ ހަށިގަނޑުން ފެންނަނީ ކޮވިޑް ކެހޭތާ ދެ ހަފްތާ ނުވަތަ ތިން ހަފްތާ ފަހުން ކަމަށެވެ.

"މި ބަލި ކޮންޓްރޯލް ކުރަން ބޭނުމިއްޔާ ކޮވިޑް ކޮންޓްރޯލް ކުރަންވީ،" ޑރ، ފައިސަލް ވިދާޅުވި އެވެ.
މިސްކް
މިސްކުގެ ސަބަބުން އާންމުކޮށް ގުނަވަންތަކުގެ އިތުރުން ޓިޝޫ ވެސް ދުޅަވެ އެވެ. އަސަރު ކުރާ ބައެއް ގުނަވަންތަކުގެ ތެރޭގައި ކިޑްނީ، ހިތް، ފުއްޕާ ޕޭ، ހަޖަމު ކުރާ ނިޒާމް، ބްލަޑް ވެސެލްސް، ސިކުނޑި، ލޯ އަދި ހަންގަނޑު ހިމެނެ އެވެ.
މިހާތަނަށް މިސްކު ކްލެސިފައި ކުރަނީ ސިންޑްރޯމެއްގެ ގޮތުގަ އެވެ. މާނައަކީ ބައްޔެއްގެ ގޮތުގައި މިސްކު ފާހަގަ ކުރުމުގެ ބަދަލުގައި އެ ސިފަ ކުރަނީ ވަކި ކަމެއް މެދުވެރިވުމުން ފެންނަ އަލާމާތެއްގެ ގޮތުގަ އެވެ. އޭގެ އެއް ސަބަބަކީ މިސްކާ ގުޅޭ ގިނަ މައުލޫމާތު އަދި ވެސް ސައިންޓިސްޓުންނަށް ދަނެގަނެވިފައި ނެތުމެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ދަނީ އެ ގައުމުގެ އެކި އިދާރާތަކާ ގުޅިގެން މިސްކާ ގުޅޭ ދިރާސާތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލު ކުރުމެވެ.
މިސްކު ޖެހޭ ކުދިންނަށް ބޭސްކޮށްގެން ވަރަށް އަވަހަށް ފަސޭހަވެ އެވެ. ނަމަވެސް ބައެއް ކުދިންގެ ހާލު ވަރަށް ބޮޑަށް ދެރަވެ، ފުރާނަ ނުރައްކާވާ ހިސާބަށް ވެސް ބަލިބޮޑުވެ އެވެ. އަދި ކުޑަކުދިންގެ އިތުރުން ވަރަށް މަދުން ނަމަވެސް ބޮޑެތި މީހުންގެ ހަށިގަނޑުން ވެސް މިސްކުގެ އަލާމާތްތައް ފެނެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ބޮން ގޮއްވި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކާ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އިއްޔެ އެވެ.
- ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވެރިކަން ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ އިއްޔެ އެވެ.
- އދ. ދަނގެތީގައި އެ ރަށު ވިޔަފާރިވެރިއެއް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ބިދޭސީ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ އިއްޔެ އެވެ. މީހަކު މެރުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވި އެވެ.
ދުވަހުގެ ކޯޓޭޝަން
ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް އެ ދާއިރާގެ މަރޮއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވީ:
"އެހެންވީމާ ތިޔަ ބޭފުޅުންނަށް އޮޅިވަޑައިގަންނަވައިގެން އަދި އެހެން ޕާޓީތަކުން އައިސް ދައްކާ ވާހަކަތަކެއްގެ ސަބަބުން މީހަކު ދިއްކޮށްލާ ހަދިޔާއެއްގެ ސަބަބުން، ދިއްކުރީއެކޭ ނޫން މި ދެންނެވީ، [ނަމަވެސް ހަދިޔާއެއްގެ] ސަބަބުން ހިތް ބަދަލުނުކުރައްވާށޭ. ރައްޔިތުންނަށް، މި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކުރިއެރުމަށް ތަނަވަސްކަން ހޯދުމަށް ބޭނުންވާ ކަމަށްވާ ނަމަ ކޮންމެ އިރެއްގައި ވެސް އެ އިރެއްގައި ސަރުކާރުގައި ހުންނަ ވެރިއެއްގެ ވިސްނުމާ އެއްގޮތަށް ތިބޭފުޅުން ކަންތައްކުރައްވާށޭ."
ދުވަހުގެ ފޮޓޯ

އިންޑަސްޓްރިއަލް އައިލެންޑު ތިލަފުއްޓާއި މާލެއާ ދެމެދު ބްރިޖަކުން ގުޅާލުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތުގައި ދެ މީހަކު އިއްޔެ ހަރަކާތްތެރިވަނީ: އެ ބްރިޖު އެޅުމަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާއިރު އެއީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ އަގުބޮޑު އެއް ޕްރޮޖެކްޓު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އެސެސްމެންޓް އޮފް މޯލްޑިވިއަން ކޮރަލް ރީފްސް އިން 2009 އާފްޓާ ނެޗުރަލް ޑިޒާސްޓާސް"
އެއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ މެރިން ރިސާޗް ސެންޓަރުން 2010 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއެކެވެ. އެ ދިރާސާ ކުރައްވާފައި ވަނީ ލޭންޑް އެންޑް މެރިން އެންވެރަމެންޓަލް ރިސޯސާސް ގްރޫޕް ޕްރިވެޓް ލިމިޓެޑުގެ ހުސެއިން ޒާހިރާއި ފިޖީގެ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކުގެ ނޯމަން ޖޯން ކުއިން އާއި ހިންގި މޯލްޑިވްސް އެންވަރަމެންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓުގެ އިންޓާން ނިކީ ކާގިލިއާ އެވެ.
އެ ދިރާސާގައި ސުނާމީގެ ސަބަބުން ދިވެހިރާއްޖޭގެ ފަރުތަކަށް ލިބުނު ގެއްލުން ބަލާފައިވެ އެވެ. އަދި 1988 ގައި ފަރުތަކަށް ލިބުނު ގެއްލުން ވެސް ދިރާސާކޮށްފައިވެ އެވެ. އެ ދިރާސާގައި 14 ސަރަހައްދެއްގައި އުފެދިފައިވާ ފަރު ދިރާސާކޮށްފައިވެ އެވެ.












