އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާތީ އެ މައްސަލައިގައި ދައުވާ ކުރާ ޝާ އޮލަމް މިއާ (ސާލިމް) ގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ.
މަހްމޫދް، 57، މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ފެންވަޅު ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޯބަރު 13، ގަ އެވެ. ފައިސާގެ ބޭނުމަށް މަހްމޫދް މަރާލީ އޭނާ ކަމަށް ފުލުހުންގެ ތަހުގީގާއި ޝަރީއަތުގައި ސާލިމް ވަނީ އެއްބަސްވެފަ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ސާލިމް ކުށަށް އިއުތިރާފްވީ ނުފޫޒެއް ނެތި ތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެ އިއުތިރާފް ދެމެހެއްޓުމުން އިތުރަށް ކަށަވަރު ކުރުމަށްޓަކައި މަހުމޫދުގެ ފޮޓޯއެއްވެސް އޭނާ ދައްކާފައި ވެއެވެ.
އެ ފޮޓޯ ދެއްކުމުން ސާލިމް ބުނީ މަހުމޫދުގެ ނަން ރަނގަޅަށް ނޭނގޭ ކަމަށެވެ. އަދި އޭނާ މަރާލީ "ޝައިތޯނާ ވަސްވާސްދީގެން" ކަމަށެވެ.
މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއަށް ވެސް ސާލިމް އެއްބަސްވި އެވެ. އެހެންކަމުން, ކޯޓުން ކަނޑައެޅީ އެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ހަމަ މިއަދު އެ މައްސަލައިގައި ހިމެނޭ ވާރިސުން ޔަގީން ކުރުމަށް ދަނގެތީ ކޯޓަށް ހެކިން ހާޒިރުކޮށް ހެކިބަސް ނަންގަވާނެ ކަމަށް ވެސް އިސް ގާޒީ ޝަކީލް ވިދާޅުވި އެވެ. ނަމަވެސް، ބައެއް ވާރިސުން ކަރަންޓީނުގައި ތިބުމުން އެ މީހުންގެ ބަސް ނެގޭނީ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، މަހުމޫދު ގެއްލިގެން ހޯދަނިކޮށް އޭނާ ފެނުނީ އަތް ފައި ބަނދެ، ބޮލާއި ފައި ގޯންޏަކަށްލައި، ވަޅަލަކަށް އެއްލާލާފައި އޮއްވަ އެވެ. މަހުމޫދު މަރާލާފައި ވަނީ އޭނާގެ ބޮލަށާއި ކަރަށާއި މެޔަށް ވަޅިއަކާއި، ކޮޅު ތޫނުކޮށްފައިވާ ދަގަނޑެއް ހަރާލައިގެންނެވެ.
މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނިކުމެ ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އެއިރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.
މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ސީރިއަސްކޮށް ފެށުމާ ހަމައިންނެވެ. ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކުޅެފަ އެވެ.
ރަށުގައި ކެފޭއެއް ހިންގަމުންދިޔަ މަހްމޫދު ނިޔާވިއިރު އޭނާގެ އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.













