ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބައިތިއްބަން ކ. ހިންމަފުށީގައި ހަދާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން ބުނެފި އެވެ.
ކުޑަކުދިން ބެހެއްޓުމަށް ހާއްސަ ޖަލެއް ހަދަނީ، ކުރިން އެ ކުޑަކުދިން ބަހައްޓަނީ 18 އަހަރުން ދަށުގެ ކުޑަކުދިން ބެހެއްޓުމަށް އެކަށީގެންނުވާ ޖަލެއްގައި ކަމަށް އެޗްއާރްސީއެމުން އޮކްޓޯބަރު، 2021 ގައި ކަނޑައަޅާފައިވާތީ އެވެ. އެ ކޮމިޝަނުގެ ނިންމުމާއެކު މަރުގެ މައްސަލަތަކެއްގައި ޖަލުގައި އައްސޭރި ޖަލުގައި ބަންދުކޮށްފައި ތިބި ފަސް ކުޑަކުދިން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ކުޑަކުދިން ބޭތިއްވުމަށް ހަދާ ހާއްސަ ޖަލުގެ މަސައްކަތް މިދިޔަ ޑިސެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމައި ޖަލު ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެ އެވެ.
ކުޑަކުދިން ބޭތިއްބުމަށް ހަދާ ޖަލާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ޖަލުގެ މަސައްކަތް އެއްކޮަށް ނިމިފައިވާ ކަމަށާއި އެ ޖަލުގެ ފެންވަރު ވަޒަން ކުރުމަށް އެޗްއާރުސީއެމްގައި އެދިފައިވާނެ ކަމަށެވެ.
ނަމަވެސް އެޗްއާރްސީއެމުން ބުނީ ކަރެކްޝަންސްގެ އެދުމަށް ޖަލު އިންސްޕެކްޓު ކުރުމަށް ޑިސެމްބަރު 29، ގައި އެ ކޮމިޝަނުން ދިޔައިރު އެތަނުގެ ބައެއް މުހިންމު މަސައްކަތްތައް ނުނިމޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިޔާރާތުގައި ފާހަގަވި އެ ޖަލުތަކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި ކޯލް ސެންޓަރާއި ތަމްރީން ޔުނިޓްތަކާއި ތަމްރީން ކޮޓަރިތަކުގެ އިތުރުން ވެސް ބައެއް ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނުނިމޭކަން. އަދި ރީ-ކްރިއޭޝަނަލް ކޮޓަރީގެ [މަސައްކަތާއި] އާއި އެ ޖަލުގެ ކަރަންޓުގެ މަސައްކަތް ވެސް އެކީ ނުނިމި ހުރިކަން [ފާހަގި]،" މި ނޫހާ ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން ވިދާޅުވި އެވެ.
އަދި އެ މަސައްކަތްތައް ފުރިހަމަ ކުރުމަށްފަހު އެ ކޮމިޝަނަށް އެންގުމަށް އެދިފައި ވީނަމަވެސް ޖަލުގެ މަސައްކަތް ނިމިފައިވާކަން މިހާތަނަށް ވެސް ކަރެކްޝަންސްއިން އަންގާފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"އެ ސެންޓަރަކީ އަދި ޖަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއް ނޫން. އަޅުގަނޑުމެންނަށް [އަމިއްލަ އިހްތިޔާރުގައި] އެތަނަށް ވަދެވޭނީ ޖަލެއްގެ ގޮތުގައި ކަނޑައެޅީމަ. އޭގެ ކުރިން އެތަނަށް ވަދުމަށް ގާނޫނު ތަނެއް ނުދޭ. ނޫނީ ކަރެކްޝަނުން ޖެހޭނީ އަޅުގަނޑުމެންނަށް ދައުވަތު ދީގެން ގެންދަން،" ޔާމީން ވިދާޅުވި އެވެ.
ކުޑަކުދިން ބައިތިއްބަނީ އެކަށީގެންވާ ޖަލެއްގައި ނޫން ކަމަށް ކަނޑައެޅުމުން ގެއަށް ބަދަލު ކުރި ކުދިންގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި ކުދިން ހިމެނެ އެވެ. އޭގެ ތެރޭގައި މާލޭގައި ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ހިމެނެ އެވެ.
އޭގެ އިތުރުން، ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ ވެސް ގެއަށް ބަދަލު ކުރި އެވެ.












