ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާާ ގުޅިގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާ ޑިޕާޓްމަންޓްގެ މަސައްކަތަށް ބަދަލުތަކެއް ގެނެސްފައިވާތީ، މުއްދަތު ހަމަވެފައިވާ ކާޑުތައް ކުރިއަށް އޮތް ހަ މަސް ދުވަސްވަންދެން ބަލައިގަތުމަށް އެ އޮފީހުން ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝިނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ނެރުނު އިއުލާނެއްގައި ބުނެފައި އޮތީ އެ އޮފީހުގެ މަސައްކަތްތައް ޑައުންގްރޭޑްކޮށްފައިވާތީ ކުރިން ކުރަމުންދިޔަ ރޭޓުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. މުއްދަތު ހަމަވާ އައިޑީ ކާޑުތައް ހަ މަސް ވަންދެން ބަލައިގަތުމަށް އެ ޑައުންގްރޭޑާއެކު އާންމުންނަށް އޭގެ ސަބަބުން ދަތިވިޔަ ނުދިނުމަށެވެ.
"މި ދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން މިޑިޕާޓްމަންޓަށް ހާޟިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފިން،" އައިޑީކާޑު ޔުނިޓުން ކުރި އިއުލާނުގައިވެ އެވެ.
އެގޮތަށް ހަމަޖެއްސުމުން އައިޑީކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ މުއައްސަސާއަކުން ހިދުމަތް ދިނުމުގައި މި އިއުލާނަށް އަމަލުކުރަން ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން އަންނަ ފެބްރުއަރީ 5، ގައި ބާއްވަން ތައްޔާރުވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމުގައި ވެސް މުއްދަތު ހަމަވާ ކާޑުތައް ބޭނުން ކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ.

"ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އިއުލާނާ އެއްގޮތަށް އެފަދަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ބަލައިގަތުމަށް މިކޮމިޝަނުން ނިންމާފައިވާކަމުގައި ދަންނަވަން،" އިލެކްޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރު ކުރި ނަމަވެސް އޮންލައިންކޮށް ކާޑުހެދުމަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ އިދާރާގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
އަދި އައިޑީ ކާޑު ހަދަން ހުށަހަޅާ ފަރާތްތަކުގެ އައިޑީކާޑު ނިމުމުން އެ ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މައުލޫމާތު ހިދުމަތަށް އެދޭއިރު ހުށަހަޅައިފައިވާ ފޯނު ނަމްބަރަށް ފޮނުވާނެ ކަމަށް ވެސް ޑީއެންއާރުން ފާހަގަކުރެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްދީފައި ވެއެވެ.
ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވަމުންދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2،000 އިން މަތީގަ އެވެ. 115 ހާހަށް ވުރެ ގިނަ މީހުންނަށް މިހާރު ބަލި ޖެހިފައި ވާއިރު، އޭގެ ތެރެއިން 48 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން ޖުމްލަ 270 މީހަކު ވަނީ މަރުވެފަ އެވެ.













