މޯލްޑިވިއަންގެ ދުވަސްވީ ފްލީޓު ބަދަލުކުރަން އައިލެންޑް އޭވިއޭޝަނުން ގަންނަން ސޮއިކޮށްފައިވާ އޭޓީއާރު މަރުކާގެ ތިން ފްލައިޓަށް 863.5 މިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އޭޓީއާރު 600-72 ދެ ބޯޓާއި އޭޓީއާރު 600-42 ބޯޓެއް ގަންނަން އައިލެންޑް އޭވިއޭޝަނުން އެ ބޯޓުތައް އުފައްދާ ފްްރާންސުގެ އޭޓީއާރު ކުންފުންޏާ އެކު ސޮއިކުރީ މިދިޔަ ހަފުތާާ ތެރޭގަ އެވެ.
އޭރު މި ބޯޓުތައް ގަންނަން ހަރަދުވާނެ ވަރެއް އެ ކުންފުނިން ހާމަނުކުރި ނަމަވެސް މިއަދު ކުރި އިއުލާނުގައި މި އެއާކްރާފްޓުތަކުގެ އަގުތައް އާންމުކޮށް، ބޭންކު ލޯނެއް ނޫނީ ކްރެޑިޓް ފެސިލިޓީއަކުން މިކަމަށް ފަންޑުކޮށްދިނުމަށް ނޫނީ ސޭލް އެންޑް ލީސްބެކް މޮޑެލްގެ ދަށުން ފަންޑުކޮށްދޭން ވަނީ ހުޅުވާލާފަ އެވެ.
މޯލްޑިވިއަނުން ގަންނަ ފްލައިޓުތަކުގެ އަގު
- އޭޓީއާރު 600-72 - 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ)
- އޭޓީއާރު 600-42 - 16 މިލިއަން ޑޮލަރު (246.7 މިލިއަން ރުފިޔާ)
މޯލްޑިވިއަންއަށް އެ ފްލައިޓުތައް ލިބޭނީ މި އަހަރުގެ ފަހު ކުއާޓާގެ ތެރޭގަ އެވެ. އެގޮތުން އޭޓީއާރު 600-72 ދެ ބޯޓު އޮކްޓޫބަރުގައި އަދި އޭޓީއާރު 600-42 ބޯޓު ނޮވެމްބަރުގައި ލިބޭނެ އެވެ.
އައިލެންޑް އޭވިއޭޝަނުން އަންނަނީ މޯލްޑިވިއަންގެ ދުވަސްވީ ފްލީޓު ބަދަލުކުރަން އޭޓީއާރު ފްލައިޓުތައް އިތުރުކުރަން ނިންމާފަ އެވެ. އާ ބޯޓުތަކެއް ގަތުމުގެ އިތުރުން، އޭޓީއާރު އިތުރުކުރަން އެ މަރުކާގެ ދެ ފްލައިޓު ކުއްޔަށް ނަގަން ވެސް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާރު އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަނީ ޑޭޝް-8 މަރުކާގެ ބޯޓުތަކެވެ. އެކަމަކު އޭޓީއާރު ބޯޓުތައް މި ބޯޓުތަކަށް ވުރެ ހިންގުމުގެ ހަރަދާއި ތެލުގެ ހަރަދު ކުޑަ އެވެ.











