ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް ބޭނުންވާ އޭޓީއާރު 600-72 މަރުކާގެ ދެ ބޯޓު ދޮޅު އަހަރުގެ ދުވަހުގެ މުއްދަތަކަށް ކުއްޔަށް ނަގަން މިއަދު އިއުލާނުކޮށްފި އެވެ.
ދާދި ފަހުން އޭޓީއާރު މަރުކާގެ ތިން ފްލައިޓެއް ގަންނަން އެ ބޯޓުތައް އުފައްދާ ކުންފުންޏާއެކު އައިއޭއެސްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ އެ ކުންފުނީގެ އޮޕަރޭޝަންސް އެންޑް އެކްޕޭންޝަން ޕްލޭނުގެ މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރުކުރަން ގެންގުޅޭ ވިސްނުމުގެ ދަށުން އޭގެ ބޯޓުތަކެއް ކުއްޔަށް ނަގަން ކުރި އިއުލާނެކެވެ.
އައިއޭއެސްގެ އިއުލާނުގައި ބުނާ ގޮތުން މި ދެ ފްލައިޓު އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާން ޖެހެ އެވެ. އެގޮތުން އެއް ފްލައިޓު އޭޕްރިލުގައި އަދި އަނެއް ފްލައިޓު މެއި މަހު މޯލްޑިވިއަންއާ ގުޅެން ޖެހެ އެވެ.
ބިޑު ހުށަހެޅުމުގެ ތާވަލު އެކުލަވާލާވާފައިވަނީ ފެބްރުއަރީ، 10 ގައި ބިޑު ހުށަހެޅުމުގެ ފުރަތަމަ މަރުހަލާ (ޓެކްނިކަލް ޑޮކިއުމެންޓުތައް) އަދި ފެބްރުއަރީ، 15 ގައި ދެވަނަ މަރުހަލާ (ޓެކްނިކަލް އަދި ފައިނޭންޝަލް ޑޮކިއުމެންޓުތައް ހުށަހަޅާ ގޮތަށެވެ.
މި ބިޑުތައް އިވެލުއޭޓު ކުރުމަށްފަހު ބޯޓުތައް ކުއްޔަށް ނަގާނެ ފަރާތެއް މާޗު ކުރީކޮޅު އެ ކުންފުނީގެ ބޯޑުން ނިންމާނެ އެވެ.
އައިއޭއެސްގެ ފްލީޓަށް އޭޓީއާރު އިތުރުކުރަން މަސައްކަތް ކުރަނީ މި ބޯޓުތަކަކީ ތެލުގެ ހަރަދާއި މެއިންޓެނަންސް ހަރަދު ކުޑަ ބޯޓުތަކަކަށް ވާތީ އެވެ. އޭޓީއާރުން ބުނާ ގޮތުން މީގެ ކޮންމެ ފްލައިޓެއްގެ ހިންގުމުގެ ހަރަދުން އަހަރަކު މިލިއަން ޑޮލަރު ސަލާމަތް ވާނެ އެވެ.
މިހާރުގެ މޯލްޑިވިއަނުގެ ފްލީޓުގައި ގެންގުޅެނީ އެއާބަސް މަރުކާގެ ދެ ފްލައިޓާއި ޑޭޝް-8 މަރުކާގެ 10 ފްލައިޓާއި 11 ޓްވިން އޮޓާ އެއާކްރާފްޓެވެ.











