ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ގުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
މި ކޮމިޓީ އެކުލަވާލާފައިވަނީ ގުރުއާން ހިތުދަސް، އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް އިލްމުވެރިން ހިމަނައިގެން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.
މި ކޮމިޓީ އެކުލަވާލައްވައި ކޮމިޓީގެ މެންބަރުންނާއި އިސްލާމިކް މިނިސްޓާ، ޑރ. އަހުމަދު ޒާހިރު ވަނީ މިއަދު ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެގޮތާމެދު މަޝްވަރާކުރައްވާފައިވެ އެވެ.
މިފަދަ ކޮމިޓީއެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ކީރިތި ގުރުއާނުގެ ކަރާމާތްތެރިކަން ރައްކާތެރި ކުރުން ކަން އެ މިނިސްޓްރީން ބުންޏެވެ. ގުރުއާން ލިޔެ ޗާޕްކޮށްފައި ހުންނަ ބައެއް ފޮތްތަކުން ކުށް ފާހަގަ ކުރެވުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ބައެއް މައްސަލަތައް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.
މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ޓެކްސްޓް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވުމާ ގުޅޭ މައްސަލައެއް ފެންމަތިވެފަ އެވެ. މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ބަލާ ތަހުގީގުކޮށްފަ އެވެ.














