މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޔޫރަޕްގެ ހަތަރު ގައުމެއްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ މޮންޓަނެގްރޯ އަށް އުފަން ޑިފެންޑަރު ނަމާންޏާ ކާޓާލް ސޮއިކޮށްފި އެވެ.
މި ސީޒަން ފެށިއިރު، މާޒިޔާގައި ތިބީ ބިދޭސީ ދެ ކުޅުންތެރިންނެވެ. އެއީ ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮންގެ އިތުރުން ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މާޒިޔާ އިން ކާޓާލް މާޒިޔާ އިން ގެނައުމާ އެކު އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ތިން ކުޅުންތެރިން ވީ އެވެ.
އުމުރުން 27 އަހަރުގެ ކާޓާލް އެންމެ ފަހުން ކުޅެފައިވަނީ މޮންޓަނެގްރޯގެ ފުރަތަމަ ޑިވިޝަން ކްލަބް ރޫޑާ ޕްލްޔެލީވިޔާ އަށެވެ. އޭގެ ކުރިން އޭނާ ވަނީ ގްރީސް އާއި ބޮސްނިއާ އަދި ސާބިއާގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފަ އެވެ.
ކުރިން މޮންޓަނެގްރޯގެ ޒުވާން ގައުމީ ޓީމަށް ކުޅުނު ކާޓާލް މިއަދު ހަވީރު ވަނީ މާޒިޔާގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.

މޮންޓަނެގްރޯ 21 އަހަރުން ދަށުގެ ޓީމުގެ މެޗެއްގެ ތެެރެއިން ކާޓާލް (ކ) ބެލްޖިއަމް ކުޅުންތެރިއަކު އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ
މާޒިޔާ އިން ބިދޭސީ ޑިފެންޑަރެއް ގެނެސްފައި މިވަނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ މުހިންމު މެޗެއް ކުރިމަތިވެފައި ވަނިކޮށެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގައެއް ހޯދަން މާދަމާރޭ މާޒިޔާ އިން ކުޅެން ޖެހޭނީ މި ވަގުތު ތާވަލުގެ އެއް ވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ. މާޒިޔާ ތިން ވަނައިގައި އޮތްއިރު، ދެ ޓީމުގެ ދެމެދުގައި އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ މާޒިޔާ އަށް ވެލެންސިއާ އަތުން މޮޅުވެގެން ފައިނަލްގެ ޖާގަ ކަށަވަރުވާނެ އެވެ. އެކަަމަކު، މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން އީގަލްސް މޮޅުވެއްޖެނަމަ މާދަމާރޭ ވެލެންސިއާއާ އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ފައިނަލަށް ދެވޭނެ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮތީ މި މަހު 23 ވަނަ ދުވަހު ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ. މިއީ ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާލެ އާއި އައްޑޫ ނޫން ސަރަހައްދެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.










