އިންޓަނޭޝަނަލް އެއާޕޯޓަކާއި ކާގޯ ޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލަކާއި ކޭނިން ފެކްޓަރީއަކާއި ގޭސް ޕްލާންޓެއް ހިމެނޭހެން ގދ. ތިނަދޫ އަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުގެ ރައީސް ސައުދު އަލީ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރުން އެ ރަށަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމަށާއި ކަންކަން އަވަސްކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު އިސްވެ މަސައްކަތްކުރައްވާ ކަމަށެވެ.
ސައުދު ވިދާޅުވީ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ ތިނަދޫގައި ގާއިމްކުރާ ޕޯޓް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތިނަދޫ އަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭން ބޭރަށް ދަތުރުކޮށް ރާއްޖޭން ބޭރުގެ މާކެޓްތަކަށް ހުޅުވާލައިގެން ވިޔަފާރިކުރަމުން ދިޔަ ވިޔަފާރިވެރިންތަކެއް އުޅުނު ރަށެއް ކަމަށާއި އެހެންވެ މި ރަށުގައި ޕޯޓެއް އޮންނަން ޖެހޭ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.
"ތިނަދޫގައި ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް، ސަރުކާރުގެ އިސްނެގުމާ އެކީގައި ކުރިއަށް އެބަ ގެންދޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި 2022 ނިމުމުގެ ކުރީގައި އެ ޕޯޓްގެ ހިދުމަތް ހުވަދުއަތޮޅުގެ ރައްޔިތުންނަށާއި ތިނަދޫ ރައްޔިތުންނަށް ލިބިގެންދާނެ،" ސައުދު ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު--ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިނަދޫގެ ބައެއް ވިޔަފާރިވެރިންނަކީ ރާއްޖޭން ބޭރުން ސީދާ މުދާ ގެނެސް ވިޔަފާރިކުރާ ބަޔެކެވެ. އެހެންވެ މާލެއަށް މުދާ ބޭލުމުގެ ބަދަލުގައި ކޮންޓެއިނަރުތައް ސީދާ ތިނަދޫ އަށް ބޭލޭނެ ގޮތްވެއްޖެ ނަމަ މުދަލުގެ އަގުހެޔޮވާނެ އެވެ. އަނެއްކޮޅުން އެއީ މާލޭގެ ޕޯޓުގެ ކާރޫބާރުބޮޑުކަމަށް ލިބޭނެ ލުޔެކެވެ.
ޕޯޓާ އެކު ކަސްޓަމްސް އާއި އިމިގްރޭޝަނުގެ ވަޒީފާތަކެއް ތިނަދޫގައި އުފެދިގެންދާނެ އެވެ. އެއީ ވެސް އޮތް ހިތްހަމަޖެހުމެކެވެ.
ތިނަދޫގައި ބޮޑު އާބާދީއެއް އޮތުމުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތަށް އެދޭ މީހުންގެ އަދަދު ވެސް މައްޗެވެ. އަދި އެ ރަށަށް މިހާރު ވެސް ސިއްހީ ކަންކަމުގައި އަތޮޅުގެ އެހެން ރަށްރަށުންމީހުން ޒިޔާރަތްކުރެ އެވެ. ސައުދު ވިދާޅުވި ގޮތުގައި ތިނަދޫ ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމަށެވެ.
"މިއަހަރު ތެރޭގައި އެ މަސައްކަތް ފެށްޓޭނެކަމުގެ ފެހި ސިގްނަލް އަޅުގަނޑުމެންނަށް ލިބިފައި ވަނީ. ހުވަދުއަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ،" އޭނާ ވިދާލުވި އެވެ.
ދެން އޮތީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމެވެ. އެގޮތުން މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށްޓަކައި ތިނަދޫގައި މަސްދަޅު ބަންދުކުރާ ފެކްޓްރީއެއް ވެސް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
"މަސްވެރިކަމަކީ ރާއްޖޭގެ ދެވަނަ ސިނާއަތު، އެހެންވީމާ އެ ސިނާއަތަށް ބަދަލެއް ގެނައުމަށް ޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް އެބަކުރެވޭ،" ސައުދު ވިދާޅުވި އެވެ.
"ދުވާލެއްގެ މައްޗަށް 25 ޓަނު ނެގޭ ވަރުގެ ކޭނިން ފެކްޓްރީއެއް (އަޅަން މި އުއްމީދުކުރަނީ.) އަޅުގަނޑުމެންގެ އުއްމީދަކީ ތިނަދޫގައި ދަޅު ބަންދުކޮށްފައި ދުނިޔޭގެ ބާޒާރަށް އެ މަސްދަޅުތައް ބޭރުކުރުން. އެއީ ވަރަށް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ވެސް ކަމެއް."

ތިނަދޫ މަސްވެރިން މަސްކަނޑަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެއާ އެކީގައި ސަރުކާރުން އަންނަނީ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ތިނަދޫގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި މިހާރު ހުރި 25 ޓަނުގެ އައިސްޕްލާންޓުގެ ކެޕޭސިޓީ 30 ޓަނަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ނިމިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ސައުދު ވިދާޅުވި އެވެ.
ތިނަދޫ މަސްވެރިންގެ އެދުމުގެ މަތިން ތިނަދޫގައި އަޅާ ބޭރުތޮށީގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ އެކީގައި އެކީގައި ވަރަށް އަވަހަށް ސޮއިކުރާނެ އެވެ. އަދި އެތަން އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް އެއާ އެކު ފަށާނެ އެވެ.
މި ރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް، މިވަގުތު ތިނަދޫގައި އަންނަނީ ގާއިމްކުރަމުންނެވެ. އެއީ ވެސް ފުދޭ ވަރެއްގެ ވަޒީފާ އުފެދިގެންދާނެ އަދި ދެކުނުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ގޭސް ލިބޭނެ ޕްރޮޖެކްޓެކެވެ.
ތިނަދޫ ކައުންސިލުން ވަނީ ހުވަދުގެ އަތޮޅުގެ ދެބުރި އަށް ބޭނުންވާ ކާބޯތަކެތީގެ ސްޓޯރޭޖެއް ގާއިމްކުރަން ބޭނުންވާ ބިން އެސްޓީއޯއާ މިހާރު ހަވާލުކޮށްފަ އެވެ. ކައުންސިލުގެ ބޭނުމަކީ އެއްވެސް ކަހަލަ ޝޯޓޭޖެއް ނައިސް، ހުވަދުއަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ތިނަދޫއިން ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމްވެފައި ހުރުމެވެ.
"މޫސުން ގޯސްވުމުގެ ސަބަބުން މާލޭން ކޮންމެ ފަހަރަކު ކާޑު ގެންނަން ދަތިތަކެއް އެބަ ދިމާވޭ. ގަޑިއަށް، ނޫނިއްޔާ އެ މުއްދަތަށް ނުލިބިދާ ދިއުން އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެގެންދޭ،" ސައުދު ވިދާޅުވި އެވެ. "އެކަމަށް ހައްލެއް އަންނާނެ މީގެ ސަބަބުން."
ތިނަދޫ ކައުންސިލުން އުއްމީދުކުރަނީ ވަރަށް އަވަހަށް އެ ރަށް ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީވެގެން ދިއުމެވެ. ސައުދު ވިދާޅުވި ގޮތުގައި މި ދައުރު ނިމުމުގެ ކުރިން އެ އުއްމީދު ހަގީގަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
"އެ މަސައްކަތް އަޅުގަނޑުމެންގެ މެމްބަރުން އަންނަނީ ރައީސުލްޖުމްހޫރިއްޔާއާ އެކީގައި، ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން. އެކަމުގައި އިދާރީގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުގެ ތެރެއިން ކޮށް ނިމިއްޖެކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބެނީ. އެހެންވީމާ އެއީ އަޅުގަނޑުމެންނަށް ލިބޭ ފެހި ސިގްނަލެއް،" ސައުދު ވިދާޅުވި އެވެ.

ތިނަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިޔަށްދަނީ -- : މުހައްމަދު ޝާބިން/ އަދަދު
ތިނަދޫގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ފްލަޑް މިޓިގޭޝަން ސިސްޓަމެއް އެޅުމުގެ މަސައްކަތާއި ތިނަދޫ ހިއްކި ބިމުގައި ތާރު އެޅި މަގުތައް ހެދުމުގެ މަސައްކަތް ހިމެނެ އެވެ. ހިއްކި ބިމުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.
ތިނަދޫގެ ތައުލީމީ ހާލަތު ރަނގަޅެވެ. މަތީ ތައުލީމުގެ ކޯސްތައް ނެޝަނަލް ޔުނިވާސިޓީ އާއި އެވިޑް ކޮލެޖާއި މައި ކޮލެޖުން އަންނަނީ ހިންގަމުންނެވެ. ކައުންސިލުގެ އުއްމީދުގައި ތިނަދޫގައި ރިސާޗް ސެންޓަރެއް ގާއިމްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ސެންޓަރަށް ޒިޔާރަތްކޮށް، އެކި އެކި ރިސާޗްތައް ހެދުމުގެ ފުރުސަތު ހޯދައިދިނުމެވެ.
"އެކަން ހާސިލުވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ސައުދު ވިދާޅުވި އެވެ.
މި ހުރިހާ ކަމަކާ އެކު ރަށަށް އާބާދީ އިތުރުވާނެ އެވެ. އެކަމަށްޓަކައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ވެސް ހިންގާނެ އެވެ. އެގޮތުން ރަށު މީހުންނާއި ރަށުން ބޭރު މީހުން ހިމެނޭހެން ބިން ދޫކުރަން އަންނަނީ ރާވަމުންނެވެ. އެކަމަށް އެދޭ މިންވަރަށް ބަލައި އިތުރަށް ބިން ހިއްކުމުގެ ފުރުސަތު އެބައޮތެވެ. ހައުސިން ޔުނިޓްތަކެއް އެޅުމުގެ ވިސްނުން ވެސް އެބަހުއްޓެވެ.
"އުއްމީދަކީ 18 އަހަރުވެ ޒަވާޖީ ހަޔާތެއް ފަށާ ކޮންމެ މީހަކަށް ދިރިއުޅޭނެ ތަނެއް ހޯދައިދިނުން،" ސައުދު ވިދާޅުވި އެވެ.













