ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން ބިދޭސީ ޓީޗަރުންނަށް ޓާގެޓު ކުރާ ކަމަށް ބުނެ އެކަން ނުކުރުމަށް ސަރުކާރުން ވަރުގަދަ އިންޒާރުތަކެއް ދިނީ އިއްޔެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ށ. ފުނަދޫ ސްކޫލުގައި އިންޑިއާ އައުޓް ލިޔުނީ "ގޭގޭގެ ފާރުތަކުގައި އެ އިބާރާތް ލިޔަންވެއްޖެ ކަމަށް" ރައީސް ޔާމީން ވިދާޅުވި ފަހުން ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ފޭބުމަށް ގޮވާލާ ކުރަމުން އަންނަ ކެމްޕެއިނެކެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުގެ ފާރުގައި އިންޑިއާ އައުޓް ލިޔުމުން "ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް" ކަމަށެވެ.
"އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުން ސްކޫލުތަކުގައި އެދެމުންދޭ،" ސަރުކާރުން ބުނެފައިވެ އެވެ.

ސްކޫލެއްގެ ފާރުގައި އިންޑިއާ އައުޓް ލިޔެފައި: އެއީ ސީދާ އެތަންތަނުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ޓާގެޓް ކުރުން ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ސްކޫލްތަކުގައި އިންޑިއާ އައުޓް ލިޔުމާއި އެ ކެމްޕެއިނުގެ ބެނާތައް ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ހަރުކުރުމަކީ "ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތަކެއް" ކަމަށް ވެސް ސަރުކާރުން ސިފަ ކުރި އެވެ.
އޭގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީ ޓީޗަރުންނަށް އިންޒާރުތަކެއް ދިން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މުހިންމު ބައެއް ހަބަރުތައް
- ކޮމިއުނިޓީ ސާވިސްގެ އުސޫލުން އަދަބު ދިނުމަށް ފަށާފައި ވަނީ އިއްޔެ އެވެ. ކޮމިއުނިޓީ ސާވިސްގެ އުސޫލުން އަދަބު ދޭން ފެށުމުން ރާއްޖޭގެ ޖަލުތަކުގައި ތޮއްޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްކެއް ލިބިގެންދާނެ އެވެ. ކޮމިއުނިޓީ ސާވިސްގެ ތަންފީޒީ އިދާރާއަކީ ވެސް ކަރެކްޝަންސް އެވެ.
- އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިތުރު ކުރީ އިއްޔެ އެވެ. މިވަގުތު އޭސީސީގައި އެއްވެސް މެމްބަރަކު ނެތެވެ. އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
- ދެ ވަނަ ޓާމްގެ ކިޔެވުނުން މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށީ އިއްޔެ އެވެ. ދެ ވަނަ ޓާމްގެ ކިޔެވުން ފަށާފައި މި ވަނީ 21 ދުވަހުގެ ބަންދަކަށްފަހު އެވެ. ކިޔެވުން ފެށިއިރު ކޮވިޑް-19 ފެތުރޭތީ ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ދުވަހުގެ ކޯޓޭޝާން
އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެއްވެސް މެމްބަރަކު މިވަގުތު ނެތުމުން އެސޯސިއޭޝަން ފޯ ޑިމޮކްރަސީގެ ފަރާތުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ:
"ކޮމިޝަނަށް ވަގުތީ މެމްބަރުން އައްޔަންކޮށްގެން ނަމަވެސް މެމްބަރުން އައްޔަންކުރާ އިޖްރާތު އިސްލާހުކޮށްގެން ނަމަވެސް އެ މުއައްސަސާގެ ވާޖިބުތައް މެދުކެނޑުމެއް ނެތި އަދާކުރެވެން ޖެހޭނެ. އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަކީ ދިވެހި ދައުލަތެއް އޮވެ، ސަރުކާރެއް އޮވެ، ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް."
ދުވަހުގެ ފޮޓޯ

ދަރިވަރަކު ސްކޫލަށް ވެއްދުމުގެ ކުރިން ޓީޗަރަކު އެ ކުއްޖާގެ ހުން ހުރިތޯ ބަލަނީ: ސްކޫލްތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ދަ މޮސްކްސް އިން ދަ މޯލްޑިވް އައިލެންޑްސް: އަ ޕްރިލިމިނަރީ ހިސްޓޮރިކަލް ސާވޭ"
އެއީ ދިވެހިރާއްޖޭގެ މިސްކިތްތަކާ ބެހޭ ގޮތުން އެންޑްރޫ ޑީ.ޑަބްލިއު ފޯބްސް މީގެ 43 އަހަރު ކުރިން 1979 ގައި ޝާއިއު ކުރި ދިރާސާއެކެވެ.
އެ ދިރާސާގައި ރާއްޖޭގެ ތާރީހާއި މިސްކިތްތަކުގެ ތާރީހާއި މިސްކިތްތަކުގައި ލިޔެފައިވާ ލިޔުންތައް ދިރާސާކޮށްފައިވެ އެވެ. ބައެއް މިސްކިތްތަކުގެ ޑިޒައިން ވެސް އެ ދިރާސާގައި ކުރަހާފައިވެ އެވެ. އަދި ރާއްޖޭގެ މީހުން ބުދައް އަޅުކަން ކުރި ޒަމާނުގައި ހަދާފައި ހުރި ބައެއް އިމާރާތްތައް ވެސް އެ ކަރުދާހުގައި ދިރާސާކޮށްފައިވެ އެވެ.












