ކުރީގެ ގާނޫނުތަކުން؛ ރަސްމީ އާދަކާދައިގެ ދެރުންތަކުގެ ގާނޫނުގެ މައްޗަށް ބަލައިލުމެއް

ކުރީގެ ގާނޫނުތަކުން؛ ރަސްމީ އާދަކާދައިގެ ދެރުންތަކުގެ ގާނޫނުގެ މައްޗަށް ބަލައިލުމެއް

ގާނޫނަކާ ހެދި ފޮރުއްޕާކަށްނެތޭ ބުނެ ގުންފައި ޖަހައި ގުޅަކުޅޭ ފަސްގަނޑަށް ނުކުމެ، ގާނޫނުއަސާސީ ވީދާލުމަކީ އަހަރުމެންގެ އިހުތިބީން ހަމަތިބެފައި ކޮށްލި ކަމެއް ނޫނެވެ. އެއަކީ ރުޅިބޮތްކެއް ނޫނެވެ. އެއީ، ވެރީންގެ ފުށުން ދިވެހިން ތަހައްމަލުކުރި ލައްކަ ގިނަ ދުއްތުރާތަކުގެ ސަބަބުން އުފެދިގެން އައި ކަނީގެ ހުޅުފަޅައިގެން ދިއުމެކެވެ.

އެ ޒަމާނުގައި ވެސް ކޮއިލު ތެރެއިން އަންނަ މަދު ފަތްތޫރައެއްގެ ޒަރީއާއިން މެނުވީ ދިވެހީންގެ މައްޗަށް އެއްވެސް ކަމެއްގައި ގައިދެއް ނޯވެ އެވެ. ކުރާންވީ ކަންކަމާއި އުޅޭންވީ ގޮތް ދައްކާ ގިނަ އަމުރުތަކެއް ނުހުރެ އެވެ. ރަދުންނާއި ބޮޑުންގެ ޒާތުކޮޅާ ބެހުމެއް ނެތް ކަންކަމުގައި ނަމަ ދިވެހީންނަކީ ފުރިހަމަ މިނިވަނުންނެވެ. ދިވެހިން ތިބީ އަހުލާގުގެ އާދަކާދަ އަކީ ގާނޫނު ކަމަށް ދެކި، އާދަކާދައިގެ މައްޗަށް ބަނދެވިގެންނެވެ. އަންދުވަހުއާދައަކީ އެއީ އެވެ. މިހެން އޮތް ރާއްޖެއެއްގެ މަތީފަޑިން އުފެދުނު ތައުލީމުޔާފުތާއިން ދިމާކުރީ ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ތައާރަފުކުރާށެވެ. މުޖުތަމައުގައި ތިބި ތަންދޮރު ދަންނަ، އުޑިކިބަފިލާފައި ތިބި މީހުން ތިބާއީ ހެޔޮރަނގަޅު ކަމެކޭ ބުންޏެވެ. އެހެންނަމަވެސް، ބަދަލަކަށް އަމާޒު ހިފި ބޭފުޅުންނަށް އެކަމުގެ ފުރަތަމަ ފިޔަވަޅު ވެސް އެޅުއްވުނީ މާ އަވަހަށެވެ. ގާނޫނުއަސާސީއެއް ފާސްކޮށް އެއީ ދައުލަތް ހިންގުމުގެ އަސާސްކަމުގައި ކަނޑައެޅިއިރު ގާނޫނުއަސާސީއަކީ ކޯއްޗެއްކަން އެނގެނީ އެ އެއްޗެއް އެކުލަވާލި ބޮޑުންނަށާއި އޭގެއިން ބޭފުޅަކު އެވާހަކަ ވިދާޅުވީތީ އަޑުއެހި މީހަކަށެވެ.

ރަދުންގެ އަމުރުފުޅާއެކު ދިވެހިންގެ މައްޗަށް އެ ގާނޫނުއަސާސީ ހިންގާން ފެށުނުތާ ފުރިހަމަ އަހަރެއް ނުވަނީސް އޭގެ 'ބަލާވެރިކަން' ދިވެހީންނަށް ޖެހެން ފަށައިފި އެވެ. އެއީ އެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ރައްޔިތުންގެ މަޖިލީހާއި ސެނެޓުން ފާސްކުރަމުން ދިޔަ ބިލުތަކެވެ. ބިލަކަށްފަހު ބިލެކެވެ. ޖެނުއަރީ 12، 1933 އިން ފެށިގެން 9 ސެޕްޓެމްބަރު 1933 އަށް ވެއަތުވީ 7 މަހާއި 28 ދުވަހުގެ ތެރޭގައި ޖުމުލަ 40 ގާނޫނެއް ދިވެހިންގެ މައްޗަށް ހިންގާން ލާޒިމުކޮށްފި އެވެ.

މިއިން ގާނޫނަކަށް އަމަލުކުރަން ފަށާއިރު އެކަމުގެ މައުލޫމާތު ފިލާފައި އޮންނަނީ މަދު ބަޔަކަށެވެ. ނުވެސް އެނގި ހުއްޓައި އޮންނަނީ ކޮންމެވެސް ގާނޫނެއްގެ ދަށުން ކުށްވެރިވެފަ އެވެ. ތަންތަނަށް އެއްވެ ހޯބޯލަވައި ތަޅައިފޮޅައި ނުހެދުން، ނަމާދު ވަގުތަށް ވިޔަފާރިކުރުން މަނާކުރުން، ބޮލާފޮށާއަޅައިގެން އުޅުން މަނާކުރުން ފަދަ އެތައް ގާނޫނެއްގެ ދަށުންނެވެ. މި ގާނޫނުތަކުގެ ތެރެއިން މި ލިޔުމުގައި ބަލާލަން ގަސްތުކުރަނީ 'ރަސްމީ އާދަކާދައިގެ ދެރުންތަކުގެ ގާނޫނު' ގެ މައްޗަށެވެ.

އެ ގާނޫނު ތަސްދީގުކުރެވުނީ ހިޖުރައިން، ސަފަރު 25، 1352 ގަ އެވެ. މީލާދީން ޖޫން 18، 1933 އެވެ.

ގާނޫނުގެ ތައާރަފުގައި އޮތީ، އެ ގާނޫނަކީ އިހުއްސުރެ މާލޭގައި އޮތް ރަސްމީ އާދަކާދައިގެ ދެރުންތަކާމެދު ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދެކެވި، އެ ޒަމާނަށް އެކަށީގެންނުވާކަމަށް ފެނުނު ދަރަނިތައް ކެނޑުމަށާއި، ހުރުން ރަނގަޅުކަމަށް ފެނުނު ދަރަނި އެގޮތުގައި ބެހެއްޓުމަށް ފާސްކުރެވުނު ގާނޫނެއް ކަމަށެވެ.

ގާނޫނުގައި ބުނެދީފައި ހުރީ ރަސްމީ އާދަކާދަތަކާ ހިލާފުވާ މީހަކު ޖޫރިމަނާ ކުރެވިދާނޭ ހާލަތުތަކާއި، ޖޫރިމަނާގެ ގޮތުގައި އަތުލެވޭ ލާރިއަށް ހަދާނޭ ގޮތެވެ. މާތްކަމާއި ދަރަޖަ ދެއްވާފައިތިބި މީހުންނަށާއި ތަކެއްޗަށް އިހާނާތްތެރިކޮށް ހިތުން އެއީ ނިސްބަތުން ބޮޑެތި ޖޫރިމަނާ ކަނޑައެޅިފައިހުރި ކަންކަމެވެ.

އެ ގާނޫނުގެ ތިންވަނަ މާއްދާ ބުނާގޮތުން، ގަނޑުވަރުތެރޭ ލޯގަނޑު ކެނޑި، ދަންބެރު ނާބަ ބޭލި މިއިން ކަމެއްވެއްޖެ ނަމަ އެކަން ބަލަހައްޓާންވީ މީހާ ފަނަރަ ލާރިއަށް ދަރާނެ އެވެ. އަދި މި ޖޫރިމަނާ ދައްކައި އެކަން ރަނގަޅުނުކޮށް ހޭދަވާ ކޮންމެ ގަޑިއަކަށް ޖޫރިމަނާއަށް ފަނަރަ ލާރި އިތުރުވާނެ އެވެ.

ލޯގަނޑު ކެނޑުމަކީ ގަނޑުވަރުތެރޭގައި ދަމު އަށީގައި އެލުވައިފައި ހުންނަ ލޯގަނޑުގައި ޖަހަންވާ ގަޑީގައި ނުޖެހުމެވެ. ނާބަ އަކީ މަގުރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްހާނުން ޖަހައި އުޅުނު ބެރެވެ. ނާބަ ބޭލުމަކީ މި ބެރު ޖަހަންވާ ވަގުތަށް ނުޖެހުމެވެ. މިގޮތަށް މެދުވެރިވެއްޖެނަމަ، އާދަކާދައިގެ ގޮތުން އަމަލުކުރާ ގޮތަކީ ކުދިބޭކަލަކު، ލޯގަނޑާއި، ނާބަޖަހާ ބެރާއި ދަނޑިގަނޑު ބާލައިގެން ދެގެ ދޭތެރެއަށް ގެންދިއުމެވެ. ދެން އެތަކެތި އަނބުރާ ލިބޭނީ އެ ދަމެއްގައި (ޑިއުޓީއެއްގައި) ތިބި ބަޔަކު، ދަމުގައި ތިބޭ އަނެއް ދަންފަޅީގެ މީހުންނަށް ކެއުމެއް ދިނުމުންނެވެ. މި އާދަކާދަ ރަސްމީ އާދަކާދައިގެ ދެރުންތަކުގެ ގާނޫނުގައި ލިޔެވުނުއިރު އޮތީ ފަނަރަ ލާރިއަށް ދަރާނެ ކަމަށެވެ. އެއީ އޭރުގެ ނިސްބަތުން ބަލާއިރު ކުޑަ އަދަދެއް ނޫނެވެ.

ވެރިކަމުގެ ފަރާތުން ކަންކަން މަތިކޮށްފައި ތިބޭ މީހުންނަށް ކަނަށް، ވަގަށް ނުވަތަ މައިފަބައި ގޮވުމަކީ އިހުތިރާމް ކުޑަކުރުމުގެ އިންތިހާ އެވެ. މިކަން މި ގާނޫނުގައި އޮތީ ވަރަށް ބޮޑަށް މަނާކުރެވިފަ އެވެ. ހަނގުބޭކަލަށް ކަނަށް ވަގަށް ނުވަތަ މައިބަފައި ގޮވައިފިނަމަ އަދަބަކީ ހަ ދުރޯއަށް ދެރުމެވެ. ދުރޯއަކީ ދުއިސައްތަ އަށްޑިހަ ލާރި އެވެ. ހަނގުބޭކަލުންނޭ ކިޔަނީ ރަދުންގެ ލަޝްކަރުގައި ހިމެނޭ މީހުންނަށެވެ.

އޮޅިމެދެއް އޮތް މީހަކަށް ކަނަށް، ވަގަށް ނުވަތަ މައިފަބައި ގޮވައިފި މީހެއްގެ އަދަބަކީ އެއް ދުރޯއަށް ދެރުމެވެ. އޮޅިމެދަކީ ހަނގުކަމާ، ވަރުހަނގުކަމާ، އައްތާރަފަނިކަމާ، އަސްކަރުކަމެވެ. ހަނގުކަމަކީ ރަސްގެފާނުގެ ލަޝްކަރުގައި ހިމެނުމެވެ. ވަރުހަނގުކަމަކީ ހަނގުންގެ ތެރެއިން ދޮށިމޭނާގެ، ވެލާނާގެ، ހަކުރާގެ މި ތިން ބަހާއިން ކުރެ ބަހާއަކަށް ނިސްބަތްވުމެވެ. އައްތާރަފަނިކަމަކީ ފާމުދޭރިޔަ ބޭކަލެއްގެ ވެރިކަމުގެ ދަށުގައިވާ އޮޅިމެދެއްގައި ހިމެނުމެވެ. އަސްކަރަކީ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ބައެއް ރަށްރަށު މީހުން ނުކިޔަމަންތެރިވެގެން އެކަން ހަމަޖައްސަވާން، ހަވަރުގެ ތެރެއިން އެކިބައިމީހުން އެކި ރަށްރަށަށް ފޮނުއްވިއިރު އުތުރުގެ ރަށްރަށަށް ފޮނުއްވި މީހުންނެވެ. އެ ބަހާގައި ހިމެނުނު މީހުންނެވެ.

ޒިކުރުވެރިންނަކީ ވެސް ހާއްސަ ބަޔެކެވެ. ޒިކުރުވެރީންނޭ ކިޔަނީ އިމާމަކަށް ވެގެން މާލޫދާއި ޒިކުރުލަވަ ފަށައި ހުއްޓުމުގެ ހުއްދަ ސަރުކާރުން ދެއްވައިފައި ތިބޭމީހުންނަށެވެ. މިއިން ބޭކަލަކަށް ކަނަށް، ވަގަށް ނުވަތަ މައިފަބައި ގޮވައިފި މީހެއްގެ އަދަބަކީ ތިންސަތޭކަ އަށްޑިހަ ލާރިން ޖޫރިމަނާކުރެވުމެވެ.

މިއީ ހަނގުބޭކަލުންނާއި އޮޅިމެދު ބޭކަލުންނަށާއި ޒިކުރުވެރިންނަށް އޮތް އިހުތިރާމާއި ރައްކާތެރިކަމެވެ. ގަނޑުވަރުތެރޭގެ ކަންކަމާ ބެހިއުޅުން ހުއްދަވެގެންވާ ކޮންމެ މީހަކަށް މި ގާނޫނުން މިފަދަ ރައްކާތެރިކަން ލިބިދެ އެވެ. އާންމު ރައްޔިތުންގެ ކިބައިންނާއި، ގަނޑުވަރުތެރޭގެ އެކި މަސައްކަތްތަކުގައި އުޅޭ އެކި ގިންތިތަކުގެ މީހުންގެ ކިބައިންނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާ މެނުވީ ބެހިހަދައި އުޅުން މި ގާނޫނު މަނާ ކުރެ އެވެ.

ގާނޫނު ބުނާގޮތުން، ފަހާ މީހުން ކުއްލާބުގޭގައި ފަހާން އިށީނދެ ތިބޭ ކުނާ މައްޗަށް އަރައިފި މީހަކު ތިންސަތޭކަ ލާރިއަށް ދަރާނެ އެވެ. އަމުދުން ތުނޑުކުނާކޮޅު މައްޗަށް އަރައިފިނަމަ، އެއީ ފަހާ މީހުންގެ ތެރެއިން މީހެއް ކަމުގައިވިޔަސް ސޯޅަލާރިއަށް ދަރާނެ އެވެ. ކުއްލާބުގެއަކީ ގަނޑުވަރުތެރޭ ބޭފުޅުން ހިތާނުފުޅު ކުރެއްވުމާއި، ރަސްމީ ފެހުންތައް ފަހައި ފޯއްކޮށައި، ބިލެތްކަފައި، ހެދުމަށް ގަނޑުވަރު ތެރޭގައި ހުންނަ ގެ އެވެ.

ބަޑިބޭސް މުގުރާ މީހުން ބޭސް މުގުރަން ތިއްބައި، ބޭސްގެއާއި ބުރުޒު ފާރާއި ދެމެދުން މީހަކު ގޮސްފިނަމަ އެ މީހަކު ސޯޅަ ލާރިއަށް ދަރާނެ އެވެ. ބަޑިބޭސް މުގުރާމީހުންނޭ ކިޔަނީ ބަޑިބޭސް ހެދުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ލައްވާފައި ތިބޭ މީހުންނެވެ. އެ މަސައްކަތަކީ ނުހަނު ފަރުވާތެރިކަމާއެކު ކުރަންޖެހޭ މަސައްކަތަކަށްވާއިރު، އެ މަސައްކަތާ ނުބެހޭ މީހަކު އެ މަސައްކަތްކުރާ ސަރަހައްދަން ވަދެ އުޅުމަކީ ހުރިހާ ގޮތަކުންވެސް ހިރާސް އޮތް ކަމަކަށް މެނުވީ ނުވާނެ އެވެ. އެހެންވީމާ، މި ޖޫރިމަނާ ކަނޑައެޅިފައި މިއޮތީ ކަމުގެ ހައްސާސްކަމުން އެ މަސައްކަތް ރައްކާތެރިކަމާއެކު ކުޅައުމަށް ފުރުސަތު ލިބިދިނުމަށް ކަމަށް ބުރަވެވެ އެވެ.

ގަވާއިދުން ބަންގިބެރު ޖެހުމަކީ ގާނޫނުން ވަރަށް ބޮޑަށް ބާރުއަޅާފައި އޮތް ކަމެކެވެ. ބަންގިބެރަކީ ރަދުން ހުކުރު ނަމާދަށް ނުވަތަ އީދު ނަމާދަށް ވަޑައިގަންނަވާކަން އިއުލާނުކުރުމަށް ޖަހާ ބެރެވެ. މި ބެރު ޖަހާ ބެރުވެރީންނަށް ބެރު ޖަހަންވާ ވަގުތަށް ނުޖެހިއްޖެނަމަ އެމީހަކު 5 ރުފިޔާއަށް ދަރާނެ އެވެ. މިއީ ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެވެ. އޭގެ އިތުރުން މުދިންބޭކަލުންނަށް ބާވީސްނާޅިބައި ހަނޑުލާއި، ބަކަރިޔަކާއި އެތަކެތި ކެއްކޭނޭ މިންވަރުގެ ހަވާދަށް ވެސް ދަރާނެ އެވެ. މިތަކެތި ދޭންވާނީ ސީދާ މުދިމު ބޭކަލުންނަށެވެ.

ބެރުވެރީން މަޖިލީހެއްގައި ބެރު ޖަހަނިކޮށް ދެބެރު ދޭތެރެއިން ތެދުވެގެން ގޮސްފި މީހެއްގެ ޖޫރިމަނާއަކީ ސޯޅަ ލާރި އެވެ. ދެބެރު ދޭތެރެއިން ދިއުމަކީ ބެރު ޖަހައި ނުނިމެނީސް ތެދުވެގެން މަޖިލިސް ދޫކޮށް ދިއުމެވެ. މިއީ ބެރުވެރީންނަށް އިހުތިރާމު ކުޑަކޮށްލުމުގެ އަމަލެކެވެ.

އަމުރުނެތި އެދުރުބެރުގައި ޖަހައިފި ނަމަ، އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް ސަތޭކަލާރިއަށް ދަރާނެ އެވެ. އެދުރު ބެރަކީ ބެރުވެރީންގެ އެދުރު މީހާގެ ބެރެވެ. ބެރުއެދުރުކަމަކީ ސަރުކާރުން ދެއްވާ ވަޒީފާ އެކެވެ. ބެރުވެރީން ބެރުޖެހުމުގައި ތަބާވާނީ އެދުރުބެރުގެ ހަމައަށެވެ. އަމުރު ނެތް މިހަކު އެ ބެރުގައި ޖެހުމަކީ އިންތިޒާމު އޮޅޭނޭ ކަމެކެވެ. މިއީ މި ސަބަބަށްޓަކައި މިކަން މަނާކުރުމަށް ކަނޑައެޅިފައި އޮންނަ ޖޫރިމަނާއެއް ކަމަށް ގަބޫލުކުރެވެ އެވެ.

އަރިއަން ލިޔާ މީހުން ދައުލަތުގެ އެއްޗެތިކޮޅެއް ލިޔަނިކޮށް އެކަމާ ނުބެހޭ މީހަކު އެއިން އެއްޗެއްގައި އަތްލައިފިނަމަ ނުވަތަ ލިޔާ މީހުންގެ ހުއްދަ ނެތި ލިޔާފިލާ މަތީގައި އިށީނދެއްޖެނަމަ އަށްޑިހަ ލާރިއަށް ދަރާނެ އެވެ. އަރިއަން އަކީ ބޮމަކަނދުގައި ހިއްޕައިގެން ލިޔާ ލިޔުމަށް ކިޔާ ނަމެވެ. ލާފެންކުރުމާއި ލިޔެލާޖެހުމުގެ މަސައްކަތް އިހުގައި ކުރެވުނީ ބޮމަކަނދު ބޭނުންކޮށްގެންނެވެ. ލާފެންކުރުމަކީ ފާލިސްކުރުމެވެ. މިއީ އިހުޒަމާނުގައި ޒަމާންތަކަށް ދަމަހައްޓަން ބޭނުންވާ އިމާރާތުގެ ލަކުޑީގެ ތަންތަނާއި ތަކެތީގައި ހާއްސަ އަހަމިއްޔަތެއް ދެވިގެންކުރާކަމެކެވެ. މި ޒަމާނުގައި އެކަމަށް ހާއްސަ މެޝިނަރީޒް ބޭނުންކޮށްގެން މި މަސައްކަތްކުރެވުނު ނަމަވެސް، ކުރިން މި މަސައްކަތް ކުރީ ބޮމަކަނދު ބޭނުންކޮށްގެންނެވެ. މިއީ ވަރަށް ކަވި މަސައްކަތެކެވެ. ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާ ގުޅޭ މިފަަ މަސައްކަތަކަށް ދަތިނުވާނޭ އިންތިޒާމު ހަމަޖެއްސުމަކީ މި ޖޫރިމަނާ ކަނޑައެޅިފައި އޮތުމުގެ ބޭނުންކަމަށް ފެނެ އެވެ.

ޖަމާއަތްތެރީންނަކީ ވެސް ދައުލަތުގެ ވަޒީފާ އަދާކުރާ ބަޔެކެވެ. ރަސްމީ އާދަކާދައިގެ ދެރުންތަކުގެ ގާނޫނުގައި ވެސް ޖަމާއަތްތެރިންގެ މަސައްކަތަށް ރައްކާތެރިކަން ދީފައި ވެއެވެ. ޖަމާއަތްތެރިންގެ ލާޖެހި އުނދަލީގައި މީހަކު އަތްލައިފިނަމަ އެމީހަކު ޖޫރިމަނާވާނެ އެވެ. އަތްލީ އެއްލަންބަރު އުނދަލީގައި ނަމަ އެއްސަތޭކަ ލާރި އެވެ. ދެލަންބަރު އުނދަލީގައި ނަމަ ފަންސާސް ލާރި އެވެ. ލަންބަރަކީ ނަންބަރު ނުވަތަ ދަރަޖަ އެވެ.

ވަޑިންނަށް ވެސް ހާއްސަ ރައްކާތެރިކަމެވެ. ވަޑިހަނގުބޭކަލަކު ވަޑާންކުރައްވަނިކޮށް އެހެން މީހަކު ރިޔާ ދަށަށް ވަދެއްޖެނަމަ އެމީހަކު ފަންސަވީސް ލާރިއަށް ދަރާނެ އެވެ. ވަޑިހަނގުބޭކަލުންނަކީ ގަނޑުވަރުތެރޭގެ ވަޑާމުގެ ކަންތައް ކުރުމަށް ބަނޑުހަނޑޫ ދެއްވާފައި ތިބޭމީހުންނެވެ.

މިނާ މީހުން ގެންގުޅޭ ގުދަނު ތަޅުދަނޑީގައި އެއިގެ މީހަކު ނޫން އެހެން މީހަކު އަތްލައިފިނަމަ ސަތޭކަ ލާރިއަށް ދަރާނެ އެވެ. އެގޮތަކީ އެމީހުން ކުރާ މަސައްކަތަކީ އިންތިހާއަށް ފަރުވާތެރިވާންޖެހޭ، އަދި ހިސާބު ބެލެހެއްޓެވޭ މަސައްކަތެކެވެ. މިނުމުގައި އޮޅުވާލުމަކީ ބޮޑެތި އުގޫބާތްހުރި ކަންކަމެވެ.

ރަސްކަމުގެ މާތްކަމާއި، ހައިބަތާއި ގަދަރު ދެމެހެއްޓުމަކީ ފުރަތަމަ ގާނޫނު އަސާސީން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެކެވެ. ފުރަތަމަ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގައި އޮތީ '... ރަދުންގެ ޒާތުފުޅީ އެއްވެސް ކަހަލަ އިހާނެތިކަމެއް ނުކުރެވޭނޭ ރައްކައުތެރިވެގެންވާ ޒާތުފުޅެކެވެ.' މިހެންނެވެ. ގަނޑުވަރުތެރޭގެ ބޭފުޅުންނަށާއި، ރަދުންގެ ވަޒީފާގައި ތިބޭ އެކި ގިންތީގެ މީހުންނަށް ގާނޫނުތަކުން ލިބިދިން އިނާޔަތްތަކާއި ރައްކާތެރިކަމަކީ ރަދުންގެ ޒާތުފުޅުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކެވެ.

ރަދުންނާއި، ބޮޑުންގެ ހުރުމަތާއި، ހައިބަތު ރައްކާތެރިވެފައި އޮތީ އެކަންޏެއް ނޫނެވެ. އެމީހުންގެ ހަރަދުބަރަދު ބެލެހެއްޓުންވެސް އޮތީ ޒާތަކަށް ރައްޔިތުންނާ މަތިވެފަ އެވެ. 'ކަނޑުމަހުންނާއި ފަރުމަހުންނާއި ހަކުރުން ވެރިންނަށް ބައި ދިނުމުގެ ގާނޫނު' އަކީ މިމަގުން ފާސްކުރެވުނު ގާނޫނެކެވެ. ރާވެރިއެއްނަމަ ރަށު ކަތީބާއި މުދިމަށް ކޮންމެ މަހަކު ހަކުރު އަޑުބައެއް ދިނުން ލާޒިމެވެ. ރަށު ފަޅުން ހިފާ ވެހިމަހާއި، ރޮދުމަހުން އެ މަސައްކަތުގައި ބައިވެރިވި ވެރިޔަކަށް ދެބައި، ބައިވެރިނުވާ ވެރިޔަކަށް އެއްބައި ދޭންޖެހެ އެވެ. ނާއިބަކަށް ބައިނޭޅޭނޭ އެއްވެސް މަސައްކަތެއް ނެތެވެ.

ފުރަތަމަ ގާނޫނު އަސާސީއަށްފަހު އެކުލަވާލެވުނު ގާނޫނުތަކާއި، އެ ގާނޫނުތައް ފާސްކުރި ގޮތާމެދު ސުވާލު އުފައްދަނީ މި ޒަމާނަކު އެކަންޏެއް ނޫނެވެ. އޭރުވެސް އެފަދަ ޝުއޫރުތަކެއް ހުއްޓެވެ. 'ގާނޫނު އަސާސީގެ ހަޔާތް' މި ފޮތުގެ ތިންވަނަ މަޒުމޫނުގައި، މިކަންކަމާމެދު ސުވާލު އުފައްދަވަމުން އަމީންދީދީ ވިދާޅުވީ 'އަށް މަސް ދުވަހުގެ ތެރޭގައި ސާޅީސް ގާނޫނެވެ. (މިއީ) ދުނިޔޭގެ އެއްވެސް ތަނެއްގެ ގާނޫނުހަދާ މަޖިލީހަކުން ފަސޭހައިން އެއްކޮށްލެވޭނޭ ރެކޯޑެއް ނޫންކަން ގައިމެވެ.'

އަމީންދީދީ ވިދާޅުވެފައި އޮތީ ފުރަތަމަ ގާނޫނު އަސާސީ އުވިދިއުމުގެ ސަބަބަކީ ވެސް އެ ގާނޫނުއަސާސީއާއެކު ފާސްކުރެވުނު ގާނޫނުތައް ކަމަށެވެ. ގާނޫނު އަސާސީ ފާސްވުމުގެ ކުރިން އާދަކާދައިގެ ގޮތުން ހުރި ޖޫރިމަނާތަކަކީ ރަސްކަމުގެ އިއްޒަތާއި ހައިބަތަށްޓަކައި އެކަށައެޅިފައި ހުރި ޖޫރިމަނާތަކެކެވެ. ރަދުންގެ ޒާތުފުޅާއި، ގަނޑުވަރުގެ ޝަރަފަށްޓަކައި އެކަށައެޅިފައި ހުރި ގަވާއިދުތަކެކެވެ. ގާނޫނު އަސާސީއެއް ފާސްވެ، ރައްޔިތުންގެ މިނިވަންކަމާ ގުޅޭ ބާބެއް އެ ގާނޫނު އަސާސީގައި ލިޔެވުމުންވެސް އެކަމުގައި ރައްޔިތުންނަށް ލިބުނު ލުޔެއް ނެތެވެ.

ފުރަތަމަ ގާނޫނު އަސާސީ އުވިދިޔަނަމަވެސް ރަސްމީ އާދަކާދައިގެ ދެރުންތަކުގެ ގާނޫނު ދިރިއޮތެވެ. ރުޅިއައިސްފައި ތިބި ރައްޔިތުން މަތަކުރުމަށްޓަކައި އެ ގާނޫނު ޒަމާންގަނޑެއް ވަންދެން 'ބާއްވާލާފައި' އޮތެވެ. އަދި ނަމެއްގައި ގާނޫނު އުވާވެސްލި އެވެ. އެހެންނަމަވެސް ފަހުން ރަސްމީ ދެރުންތަކުގެ ގާނޫނުގެ ނަމުގައި، ހަމަ އިހު ހުރި މާއްދާތަކުގެ މައްޗަށް ޒަމާންތަކެއް ވަންދެން އެ ގާނޫނު ހިންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox