ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟ އެއްވެސް މީހަކަށް މާ ބޮޑު ޔަގީންކަމެއް ނެތް

ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާއެއް -- ފޮޓޯ: ފައިލް

ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާއެއް -- ފޮޓޯ: ފައިލް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަރ، ސޭފްޓީ އެންޑް ސެކިއުރިޓީ އިންޑަސްޓްރީ (މަފްސީ) އިން ބޭއްވި ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ސެޕްޓެމްބަރު 29 އަދި 30 ގައި މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގަވާއިދުތަކަށް ބޯލެނބުމާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމާއި އަދި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދެއްކުމަށްޓަކައި ސިނާއަތުގެ އިސްފަރާތްތަކާއި، ސަރުކާރާއި، އަދި ހައްލުތައް ފޯރުކޮށްދޭ ފަރާތްތައް އެއްތަނަކަށް ޖަމާކުރުމެވެ. މިއީ މާ ބޮޑު ކަމެއްހެން ހީނުވި ނަމަވެސް، މިއީ މި ގައުމުގައި ނުހަނު މަދުން ނޫނީ ނުފެންނަ ކަމެކެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި މިއީ ގިނަ ބަޔަކު ސަމާލުކަން ދިން މިންވަރަށް ވުރެ މާ މުހިންމު ކަމެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން، ރިސޯޓުތަކުގައި ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޮސްޕިޓާލިޓީ މަޖައްލާއަކަށް އަޅުގަނޑު ލިޔުމެއް ލިޔުނީމެވެ. ނަމަވެސް އެ ލިޔުން ފޮނުވައެއް ނުލަމެވެ. ސަބަބަކީ، އިތުރަށް ޚަރަދުކުރަން ބުނުމުން އެކަމަށް ފަސްޖެހޭކަމަށް އަޅުގަނޑުދެކޭ ސިނާއަތަކުން އެ ލިޔުމަށް މާ އެދެވޭ ތަރުހީބެއް ނުލިބޭނެ ކަމަށް ހީވުމެވެ. މަފްސީން މިހާރު މި ވާހަކަ ފާޅުގައި ދައްކަމުންދާތީ، އަޅުގަނޑުގެ ވިސްނުންވެސް ހިއްސާކޮށްލާނަމެވެ.

އަޅުގަނޑުމެން ފާޅުގައި ނުދައްކާ ވާހަކަ

Advertisement

ރާއްޖެއިން ވޭތުވެދިޔަ ފަންސާސް އަހަރު ވިއްކަމުން އައީ އެއް ވައުދެކެވެ؛ އެއީ ރީތިކަމާއި، އެކަހެރިކަމާއި، އަދި ދުނިޔެއާ ވަކިން އޮތް ކަމުގެ އިހުސާސެވެ. މިތަނުގައި ލަގްޒަރީ ޚިދުމަތްތައް ފޯރުކޮށްދެނީ ވަރަށް ފުރިހަމައަށެވެ. ނަމަވެސް، ސޭފްޓީ އާއި ސެކިއުރިޓީ (ރައްކާތެރިކަމާއި އަމާންކަން) އެ ފެންވަރަށް ތަރައްގީވެފައެއް ނުވެއެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބަޔަކަށްވެސް މިކަން އެނގޭ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

ގިނަ ރިސޯޓުތަކުގައި ސެކިއުރިޓީގެ ކަންކަން ބަހައްޓަނީ ވަރަށް ހަމަހިމޭންކޮށް، ލޮލަށް ފާހަގަ ނުވާނޭ ފަދަ ގޮތަކަށެވެ. އެއީ އެކަހެރިކޮށް އޮތުމަކީ އޭގެ ޒާތުގައި ރައްކާތެރިކަމެއްގެ ގޮތުގައި ދެކޭ ފަދައިންނެވެ. އެއްވެސް ހާދިސާއެއް ނުހިނގާހާ ހިނދަކު މިފަދައިން ގަބޫލުކުރުމަކީ ފަސޭހަ ކަމެކެވެ. މީގެ ފަހަތުގައި ވަނީ އަޅުގަނޑަށް ވަރަށް ގިނައިން އަޑުއިވި، ފަރިތަވެފައިވާ ވިސްނުމެކެވެ؛ އެއީ އަޅުގަނޑުމެން މިތިބީ އަމާންކަންމަތީގައެވެ، އަދި އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ދިމައެއް ނުވާނެއެވެ. މިފަދަ އިހުސާސެއް އުފެދޭ ސަބަބު އަޅުގަނޑަށް ވިސްނެއެވެ. އެކަމަކު ސެކިއުރިޓީ ދާއިރާގައި ގާތްގަނޑަކަށް ތިރީހަކަށް އަހަރު ހޭދަކުރުމަށްފަހު އަޅުގަނޑަށް ބުނަން ކެރެނީ، ހަމައެކަނި އުއްމީދަކީ ސްޓްރެޓެޖީއެއް ނޫން ކަމަށެވެ. ރަށް އެކަހެރިވެފައި ދުރުގައި އޮތުމަކީ ރިސޯޓަށް ލިބޭ ރައްކާތެރިކަމެއް ނޫނެވެ. ކަންވަނީ އޭގެ އިދިކޮޅަށެވެ. ސަބަބަކީ ކަމެއް ގޯސްވެއްޖެ ހިނދެއްގައި، އެހީތެރިކަން ލިބުން އޮންނަނީ ވަރަށް ދުރުގައެވެ.

މިކަން ފަތުރުވެރިންނަށް ފާހަގަނުވެޔެއް ނުދެއެވެ. ދިވެހިރާއްޖޭގެ އަގުބޮޑު ފަތުރުވެރިކަމަށް އަގުތައް ދައްކާ މީހުން އުއްމީދުކުރަނީ އެކަހެރިކަމަށާއި، ކަންކަން ސިއްރުވެފައި އޮތުމަށާއި، އަދި ގާބިލު ބަޔަކު އެމީހުންގެ ކަންކަން ބަލަހައްޓަމުންދާ ކަމުގެ އިހުސާސް ލިބުމަށެވެ. އެމީހުންގެ ކުރިމަތީގައި ގާޑުން ތިބޭކަށް އެމީހުން ބޭނުމެއް ނުވެއެވެ. އަދި ރައްކާތެރިކަމުގެ އިންތިޒާމުތައް އެމީހުންނަށް ފެންނާކަށްވެސް ނުޖެހެއެވެ. އެކަމަކު އެފަދަ ނިޒާމެއް އޮތުމަށް އެމީހުން އުއްމީދުކުރެއެވެ. ހިނގާ ހާދިސާއެއް ރަނގަޅަށް މެނޭޖް ނުކުރެވޭ ރިސޯޓަކަށް ލިބޭ ގެއްލުން، އެ ހާދިސާއަކުން އެކަނި ލިބޭ މާލީ ގެއްލުމަށް ވުރެ މާ ބޮޑެވެ. ސޭފްޓީއަކީ ލަގްޒަރީއާ އިދިކޮޅު އެއްޗެއް ނޫނެވެ. މީހުންނަށް ހިތްހަމަޖެހިގެން އަރާމުކޮށްލެވެނީވެސް އެ ސޭފްޓީ އޮތުމުންނެވެ.

ދައުލަތަށް ބަރޯސާވުން

 އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް އާދައަކީ ހުރިހާ ކަމެއް ދައުލަތުގެ ބޮލަށް ދޫކޮށްލުމެވެ. ރިސޯޓު ހިންގާ ފަރާތްތަކާ ވާހަކަދައްކާއިރު، ސީރިއަސް ހާދިސާއެއް ދިމާވެއްޖެނަމަ އެމީހުންގެ ހިތުގައި އޮންނަ ނުދައްކާ ޕްލޭނަކީ ފުލުހުން، ސިފައިންގެ ފަޔަރ ސަރވިސް ނުވަތަ ކޯސްޓްގާޑު އަންނާނެ ކަމެވެ. އާނއެކެވެ، އެބޭފުޅުން ވަޑައިގަންނަވާނެއެވެ. އަދި ވަރަށް ބުރަކޮށް މަސައްކަތްވެސް ކުރައްވާނެއެވެ. އެކަމަކު ދިވެހިރާއްޖޭގެ ޗާޓަށް ބައްލަވާށެވެ. އެތައް ސަތޭކަ ރަށްތަކެއް، ދިގު ރާސްތާތަކެއް، އަދި އޮތީ މަދު ލޯންޗުފަހަރާއި މަދު މީހުންނެވެ. ކިތަންމެ ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރި ނަމަވެސް އެހީ ފޯރުކޮށްދިނުމަށް ވަގުތު ނަގާނެއެވެ. އަދި ކަމެއް ހިނގާ ފުރަތަމަ ގަޑިއިރު ބިނާވެފައި އޮންނަނީ އެ ރަށެއްގައި އެވަގުތު ތިބި ބައެއްގެ މައްޗަށެވެ.

އެގަޑިއިރަކީ ރިސޯޓުގެ ޒިންމާއެކެވެ. އޭގެ މާނައަކީ، ހަދަންވީ ގޮތް އެނގޭ ތަމްރީނު ލިބިފައިވާ މުވައްޒަފުން ތިބުމާއި، ހަގީގަތުގައިވެސް ޑްރިލްތައް ބާއްވާފައި އޮތުމާއި، ހަގީގީ ބާރުތަކެއް ލިބިފައިވާ ސެކިއުރިޓީ މެނޭޖަރަކު ހުރުމާއި، އަދި ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ކުރިންވެސް ކަމާބެހޭ އިދާރާތަކާ ދެމެދު ގުޅުން ގާއިމުވެފައި އޮތުމެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކުންވެސް އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށް އަޅުގަނޑު ސާފުކޮށް ބުނާނަމެވެ. އެފަރާތްތަކަކީ ރަނގަޅަށް ތަމްރީނުވެފައިވާ، އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން މަސައްކަތްކުރެވޭ، އަދި މިފަދަ ވިހުރިފައިވާ ޖަޒީރާ ގައުމަކަށް ބޭނުންވާ އިންތިޒާމްތަކެއްގެ ދަށުން ހަރަކާތްތެރިވާ އަދި ވަސީލަތްތައް ފުރިހަމައަށް ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. އެއްވެސް ފަރާތަކަށް އަނެއް ފަރާތް އަންނަންދެން މަޑުކުރެވޭކަށް ނެތެވެ. މިހާރު ފެންނަ ފެނުމުގައި، ކޮންމެ ފަރާތަކުންވެސް ހީކުރަނީ އަނެއް ފަރާތުން ކަންކަން ހަމަޖައްސާނެ ކަމަށެވެ.

ޤަވާޢިދު ތަންފީޛްކުރުމުގައި ހުސްކަން

އަލިފާނުގެ ހާދިސާތަކަކީ މިކަމުގެ އެންމެ ސާފު މިސާލެވެ. އެމްއެންޑީއެފްގެ ދަށުން ހިންގާ ފަޔަރ އެންޑް ރެސްކިއު ސަރވިސް މެދުވެރިކޮށް މިނިސްޓްރީ އޮފް ޑިފެންސުން އަލިފާނުގެ ރައްކާތެރިކަމުގެ ނިޒާމުތައް ވަޒަންކޮށް، އިންސްޕެކްޝަންތައް ހިންގައެވެ. އަދި ކުރެހުންތައް ފާސްކުރުމާއި އޮޕަރޭޓިންގ ލައިސަންސް ދޫކުރުމުގެ ކަންކަން ބަލަހައްޓަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. މިއީ މަދުވެގެން ބޯޑެއްގައި ކުރަހައިގެން ނަމަވެސް ސާފުކޮށް ބަޔާންކޮށްދެވިދާނެ ކަމެކެވެ.

ޕްރައިވެޓް ސެކިއުރިޓީގެ ކަންކަން އޮތީ މާ ނުސާފުކޮށެވެ. ސެކިއުރިޓީ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާއި، އެކަން ރެގިއުލޭޓް ކުރުމުގެ ސާފު މެންޑޭޓެއް އޮތް އެއްވެސް އިދާރާއެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޗާޓަރުގައި ސިއްޙަތާއި ރައްކާތެރިކަމާ ބެހޭ ދާއިރާގެ މަސައްކަތްތެރިންނަށް ލައިސަންސް ދިނުމުގެ ވާހަކަ ބަޔާންކޮށްފައި އޮތް ނަމަވެސް، އޭގެ ޢިބާރާތްތައް ހުރިގޮތުން އެއީ ކޮން ބައެއް ކަމެއް، ނުވަތަ ޙަޤީޤަތުގައި އެއްވެސް ފަރާތަކަށް ލައިސަންސް ދޫކުރަމުންދޭތޯއެއް އަޅުގަނޑަކަށް ނުބުނެވޭނެއެވެ. ސެކިއުރިޓީ ގާޑު ކުންފުނިތައް ހިނގަމުންދެއެވެ، ރިސޯޓުތަކުން އެ ފަރާތްތައް ވަޒީފާއަށް ނަގައެވެ، އަދި އެ ފަރާތްތަކުގެ ފެންވަރު ވަރަށް ރަނގަޅު ފެންވަރުން ފެށިގެން ދަށް ފެންވަރާ ދެމެދުގައި އުޅެއެވެ. ކަމެއް ގޯސްވުމުގެ ކުރިން، އެ ފެންވަރުގެ ތަފާތު އިތުބާރާއެކު ދެނެގަނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސެކިއުރިޓީއާ ގުޅޭ ޤަވާޢިދެއް އެބައޮތެވެ. ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމާ ބެހޭ ޤަވާޢިދަށް )ޤަވާޢިދު ނަންބަރު: (2020/R-27 ޢަމަލުކުރަން ފެށީ 2020 ގައެވެ. އޭރު އަޅުގަނޑު ހުރީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އަދި ސެކިއުރިޓީ މިންގަނޑުތައް ކަނޑައަޅާ ފަރާތެއްގެ ގޮތުގައި އެ ޤަވާޢިދުގައި ޕޮލިސް ސަރވިސް ބަޔާންކޮށްފައިވާތީ، އަޅުގަނޑު މި ވާހަކަ މި ލިޔަނީ މިކަމާ ގުޅުމެއް ނެތް ބޭރު މީހެއްގެ ހައިސިއްޔަތަކުން ނޫނެވެ.

އޭގައި މުހިންމު ކަންތައްތަކެއް ހިމެނެއެވެ. ލައިސަންސަށް އެދި ހުށަހަޅާއިރު، ތަންތަނުން ސެކިއުރިޓީ ޕްލޭނެއް ހުށަހަޅަންޖެހެއެވެ. ކަނޑައެޅިފައިވާ ސެކިއުރިޓީ މެނޭޖަރަކާއި، ސެކިއުރިޓީ ކޮންޓްރޯލް ރޫމަކާއި ބެކަޕް ކޮންޓްރޯލް ރޫމެއްގެ އިތުރުން، ސީސީޓީވީ، އެކްސެސް ކޮންޓްރޯލް، ކަރަންޓު ކެނޑިއްޖެނަމަ ބޭނުންކުރާނެ ބެކަޕް ނިޒާމު، އަދި ޓެރަރިޒަމްގެ އިންޒާރެއް، އަލިފާނުގެ ހާދިސާއެއް ނުވަތަ މޫދަށް އެރިއުޅުނު މީހަކު ގެއްލުން ފަދަ ކަންކަމުގައި ޢަމަލުކުރާނެ ލިޔެވިފައިވާ އުސޫލުތައް ހުންނަންޖެހެއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު، ކޮންމެ ދެ އަހަރުން އެއްފަހަރު ސެކިއުރިޓީގެ އިންތިޒާމުތައް އިންސްޕެކްޓްކޮށް ފާސްކުރުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެކެވެ.

އެހެންނަމަވެސް، މި ޤަވާޢިދުން ރެގިއުލޭޓް ކުރަނީ ޚިދުމަތްދޭ ތަނެވެ؛ އެ މަސައްކަތްކުރާ މީހުންނެއް ނޫނެވެ. އަދި އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައްވެސް ނޫނެވެ. ގާޑުންނަކީ ކޮން ބައެއް ކަމެއް، އެމީހުންގެ ކިބައިގައި ހުރީ ކޮން ތަމްރީނެއް ކަމެއް، ނުވަތަ އެމީހުން ވަޒީފާގައި ގެންގުޅޭ ކުންފުންޏަކީ އެއްވެސް މިންގަނޑަކަށް ފެތޭ ކުންފުންޏެއްތޯ އެ ޤަވާޢިދުގައެއް ނުބުނެއެވެ. ލައިފްގާޑުންނަކީ ސެޓްފިކެޓް އޮންނަންޖެހޭ ބައެކެވެ. އެކަމަކު ސެކިއުރިޓީ އޮފިސަރުންނަށް އެފަދަ އެއްވެސް ޝަރުޠެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ޖޫރިމަނާގެ އެންމެ މަތީ މިންވަރަކީ 100،000 ދިވެހި ރުފިޔާ އެވެ. އަދި އެއީވެސް ތިންވަނަ ފަހަރަށް ކުށް ތަކުރާރުކުރުމުންނެވެ. އަދި ޙަޤީޤަތުގައި އިންސްޕެކްޝަންތައް ބާއްވަނީ ކިހާ މުއްދަތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިނިސްޓްރީން އެ ޢަދަދުތައް ޢާންމުކުރާނަމަ، އަޅުގަނޑުމެން އެންމެންނަށްވެސް އެކަން އެނގޭނެއެވެ.

 

 

އިނގިރޭސިވިލާތުގައި މިކަން ޙައްލުކުރިގޮތް

އިނގިރޭސިވިލާތުން މި މައްސަލަ ޙައްލުކުރީ ޕްރައިވެޓް ސެކިއުރިޓީ އިންޑަސްޓްރީ އެކްޓް 2001 ގެ ދަށުން އުފެއްދި ސެކިއުރިޓީ އިންޑަސްޓްރީ އޮތޯރިޓީ މެދުވެރިކޮށެވެ. ދޮރުމަތި ބެލެހެއްޓުން، ސެކިއުރިޓީ ގާޑުކަން، ސީސީޓީވީ އޮޕަރޭޓްކުރުން، ނުވަތަ ކްލޯޒް ޕްރޮޓެކްޝަން (ބޮޑީގާޑްކަން) ފަދަ ލައިސަންސް ބޭނުންވާ މަސައްކަތެއް ކުރާ ކޮންމެ މީހަކަށްވެސް ލައިސަންސް އޮންނަންޖެހެއެވެ. އެގޮތުން އައިޑެންޓިޓީއާއި ކުށުގެ ރެކޯޑު ބެލުމުގެ އިތުރުން، ފާސްކޮށްފައިވާ ތަމްރީނުތައް ފުރިހަމަކުރަންޖެހެއެވެ. ލައިސަންސް ދިނުމަށް އިންކާރުކުރުމާއި، ސަސްޕެންޑް ކުރުމާއި، އަދި ބާޠިލުކުރުމުގެ ބާރު ރެގިއުލޭޓަރަށް އޮވެއެވެ. އަދި ހަމައެކަނި ވަކިވަކި ފަރުދުންގެ އިތުރުން ކުންފުނިތަކުގެ ފެންވަރުވެސް ވަޒަންކުރެވެއެވެ.

މި ނިޒާމު އޮތްގޮތަށް އެއްވެސް ބަޔަކު ކޮޕީކުރާކަށް ނުޖެހެއެވެ. ޔޫކޭގެ ސެކިއުރިޓީ ދާއިރާއަކީ މާ ބޮޑު ދާއިރާއެކެވެ. އަދި އެ ޤައުމުގެ ޤާނޫނީ ނިޒާމުވެސް ތަފާތެވެ. އެކަމަކު އޭގެ އަސާސީ އުސޫލު އެހެން ތަންތަނަށްވެސް ބޭނުންކުރެވިދާނެއެވެ؛ އެއީ މި މަސައްކަތް ކުރެވޭނީ ކޮން ބަޔަކަށް ކަމާއި، އެކަން ކުރަންވާނީ ކޮން ފެންވަރެއްގައިކަން ކަނޑައަޅައި، އެ މިންގަނޑަށް ނުފެތޭނަމަ ލައިސަންސް އަތުލުމުގެ ޒިންމާ އަދާކުރާނެ އެއް އިދާރާ އޮތުމެވެ.

ކަން ހައްލުކުރުމަށް އަޅުގަނޑަށް ފެންނަގޮތް

އަޅުގަނޑު ފަށާނީ ކުޑަކޮށެވެ. މައިގަނޑު ގާޑިންގ ރޯލުތަކަށާއި، އެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ލައިސަންސް ދިނުމުންނެވެ. އަދި ތަމްރީނާއި، މީހުން ޗެކްކުރުމުގައި (ވެޓިންގ) އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑެއް ކަނޑައެޅުމުންނެވެ."މިކަން ރެގިއުލޭޓް ކުރަނީ ކާކު ހެއްޔެވެ؟" މި ސުވާލަށް އޮތީ އެންމެ ޖަވާބެއް ކަން ކަށަވަރުކުރުމަށްޓަކައި، އައު އިދާރާއެއް ނުވަތަ އެކަށީގެންވާ މެންޑޭޓެއް އޮތް މިހާރުގެވެސް އެޖެންސީއެއް ނަމަވެސް، ވަކި އެއް އޮތޯރިޓީއެއް ކަނޑައަޅާށެވެ. ކިތައް އިންސްޕެކްޝަން ހެދުނު ކަމާއި، އެ އިންސްޕެކްޝަންތަކުން ފާހަގަވި ކަންކަން އާންމުކޮށް ޝާއިއުކުރާށެވެ. ލައިސަންސް ފީއިން އެކަމަށް ޚަރަދު ހަމަޖައްސައި، އިންޑަސްޓްރީގެ އަޑެއްގެ ގޮތުގައި މަފްސީ (MAFSSI) އަށް ވެސް އެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭށެވެ.

މިކަމުގައި ގޯސްވެދާނެ ކަންކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން ޖެހެއެވެ. މިހާރުވެސް ރާއްޖޭގައި އެކިކަންކަމުގެ ރެގިއުލޭޓަރުން ތިބީ ނުކުޅަދާނަވާ ވަރަށް މަސައްކަތް ބުރަވެފައެވެ. އަދި އައު އިދާރާއެއް އުފެއްދި ނަމަވެސް، އެތަން ފަސޭހަކަމާއެކު ހަމައެކަނި ފީ ބަލައިގަނެ، އެއްވެސް ކަމެއް ބަލައި ފާސްކުރުމެއް ނެތި ސެޓްފިކެޓް ދޫކުރާ އޮފީހަކަށް ބަދަލުވެދާނެއެވެ. އެއީ މިހާރު މިއޮތް ހުސްކަމަށް ވުރެ ވެސް މާ ގޯސް ހާލަތަކަށް ވާނެއެވެ. ސަބަބަކީ އޭގެ ސަބަބުން އެންމެންނަށް ވެސް ކަންކަން ރަނގަޅުކަމުގެ ދޮގު ހިތްހަމަޖެހުމެއް ލިބިގެންދާނެތީއެވެ. އެކަށީގެންވާ ގޮތެއްގައި މުވައްޒަފުން ނުބޭތިއްބޭނެ ނަމަ، އެފަދަ ތަނެއް އުފައްދައިގެން ވެސް ނުވާނެއެވެ. އަދި ރިސޯޓުތަކުގެ ވެރިން ޚަރަދުގެ ވާހަކަ ދައްކާނެއެވެ. އެކަމުގެ ސަބަބުން އިތުރު ޚަރަދެއް ހިނގާނެ ކަމަށް ބުނާ ބުނުމަކީ ތެދެކެވެ. އެކަމަކު، ފަތުރުވެރިންނާއި، އިންޝުއަރެންސް ކުންފުނިތަކާއި، އަދި ލޯނު ދޭ ފަރާތްތަކުން ދާނީ ދުވަހެއް ދުވަހަކަށް ޖަވާބުދާރީވާން އުނދަގޫ ސުވާލުތައް ކުރަމުންނެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ހީކުރެވުނީއޭ ބުނުމަށް ވުރެ، ދޭނެ ޖަވާބެއް އޮތުން މާ ރަނގަޅުވާނެއެވެ.

ފަހުބަސް

މިފަދަ މަޝްވަރާއެއް އިސްނަގައިގެން ފެށި ކަމަށްޓަކައި މަފްސީ އަށް ތައުރީފު ހައްގެވެ. އިންޑަސްޓްރީއަށް އަމިއްލަ މިންގަނޑުތައް މަތިކުރެވޭނީ ވެސް ވަކި ހައްދެއްގެ ތެރޭގައެވެ. ރިސޯޓުތަކުގެ އިސްވެރިން އަދި ޖުމްލަކޮށް ފަތުރުވެރި ސިނާއަތުން، ސެކިއުރިޓީއަކީ ހަމައެކަނި ފަސްމަންޒަރުގައި އޮވެ، އަމިއްލައަށް ހަމަޖެހިގެން ހިނގައިދާނެ ކަމެއް ކަމަށް ދެކޭ ދެކުން ހުއްޓާލަން ޖެހެއެވެ. އަދި މި ދާއިރާއަށް ސާފު މެންޑޭޓަކާއި، ބަލައި ޗެކްކުރެވޭނެ މިންގަނޑުތަކާއި، އަދި ނަތީޖާއެއް ނެރެދޭނެ ފަދަ އަދަބުތަކެއް ދައުލަތުގެ ފަރާތުން ކަނޑައަޅަން ޖެހެއެވެ.

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox