ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

އާޓްވޯކް: އަދަދު

އާޓްވޯކް: އަދަދު

ބާރަ ބިލިއަން ޑޮލަރެވެ. އެތައް ހާސް ވަޒީފާއެކެވެ. ހޮޓާތަކާއި، މަތީ ފަންތީގެ ތަންތަނާއި، މެރީނާއަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި ފިހާރަތަކެވެ. ރާއްޖެއަށް އޮހިގަންނާނެ ބޭރުގެ އިންވެސްޓްމަންޓްތަކެވެ. ކަނޑުން އުފުލިގެން އަންނަ އާ އިގްތިސާދީ މަރުކަޒެކެވެ. އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ މި އެއްބަސްވުމަކީ ހަމައެކަނި މިހާރުގެ ޖީލަށް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ވެސް އޭގެ މަންފާ ކުރާނެ، ގައުމުގެ މޫނުމަތި ބަދަލުކޮށްލާނެ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން އެބަ ސިފަކުރެ އެވެ.

މިވަރުގެ މަންފާ ހުރި ކަމެއްގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު މި ދެކޮޅު ހަދަނީ ކީއްވެގެންބާ އެވެ. ގައުމަށް ހެވެއް ނޭދޭތީ ހެއްޔެވެ؟ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީ.އެން.ސީ. ގެ ބައެއް މެންބަރުން ވިދާޅުވަނީ އެހެންނެވެ. ވީމާ.. ކަމުގެ އެކޮޅުމިކޮޅު އޮތްގޮތެއް ބަލާލަމާ ހިނގާށެވެ.

ދިވެހިންގެ އަމިއްލަ ހަރަދުގައި ހިއްކި ބިމެއްގެ ތެރެއިން 500 ހެކްޓަރުގެ ބިން، ހުސްނުވާ 99 އަހަރަށް ދޫކޮށްލާއިރު ހަގީގަތުގައި އުފައްދަންޖެހެނީ ވަރަށް ސާދާ ސުވާލެކެވެ. އެއީ ދިވެހިން މި ދޫކޮށްލަނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި އޭގެ ބަދަލުގައި ދިވެހިންނަށް ލިބެނީ ސީދާ ކޮން އެއްޗެއް ހެއްޔެވެ؟

Advertisement

މި ސުވާލަށް އެއްވެސް ޖަވާބެއް ލިބިފައި ނެތުމަކީ މި ޕްރޮޖެކްޓުގައި އޮތް އެންމެ އަސާސީ މައްސަލަ އެވެ.

ރަސްމާލެއަކީ އީގަލް ހިލްސް އިން ހޯދި ރަށެއް ނޫނެވެ. އެއީ ދިވެހި ދައުލަތުން ބޮޑު ހަރަދުކޮށް، ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވައިގެން ހިއްކާފައިވާ ބިމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހިއްކާފައިވާ ބިމަކީ އޭގެ ވަށައިގެން އިގުތިސާދީ ހަރަކާތްތައް އިތުރުވާ ވަރަކަށް އޭގެ އަގު އުފުލޭނޭ، ދައުލަތުގެ ވަރަށް އަގުބޮޑު މުދަލެކެވެ. އެހެންނަމަވެސް، ސަރުކާރުން މިވަނީ ދައުލަތުގެ މި އަގުބޮޑު މިލްކިއްޔާތުން ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން އީގަލް ހިލްސްގެ މަޝްރޫއަށް ދިނުމަށް ނިންމާފަ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، އެ ބިމަށް އީގަލް ހިލްސް އިން "އެކިއުޒިޝަން ކޮސްޓް" އެއް ނުވަތަ އާންމު އުސޫލުން ދައްކާ ކުއްޔެއް ނުދައްކާނެ އެވެ. ސަރުކާރުގެ ތަރުޖަމާއަކީ ބިމަށް ކުރިއާލާ ފައިސާ ނެގުމުގެ ބަދަލުގައި، އެ މަޝްރޫއުގެ މުޅި މުއްދަތުގައި އުފެދޭ އިގުތިސާދީ ހަރަކާތްތަކުން ދައުލަތަށް ހިއްސާ ލިބޭނެ ގޮތް ހެދުމެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، ވިޔަފާރި އުސޫލުން ވިއްކާ ތަންތަނުން 10 އިންސައްތައިގެ ހިއްސާއަކާއި، މުއާމަލާތްތަކުން ހަތަރު އިންސައްތައިގެ ފީއެއްގެ އިތުރުން ކަނޑައެޅިފައިވާ ޓެކްސްތައް ދައުލަތަށް ލިބޭނެ އެވެ. ޕްރޮޖެކްޓްގެ ހަބަރުތައް މި ލިބެނީ އެކި ބޭފުޅުން ދޫފުޅުން އެކި ފަހަރު އެކި މިންވަރަށް، އެކި ގޮތްގޮތަށެވެ.

މުސްތަގުބަލުގައި ލިބޭނޭ އިގުތިސާދީ ފައިދާއަށް ބަލައި، ސަރުކާރުތަކުން މަޝްރޫއުތައް ހިންގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް، މި ދޫކޮށްލާ ބިމަކީ ގައުމުގެ ވެރިރަށާ ޖެހިގެން އަލަށް ހިއްކާފައިވާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން ކަމަށްވާއިރު، މި މުއާމަލާތަކީ އޭގެ ހަމަ އަގު ލިބޭނެ ކަމެއްތޯ އެނގުމުގެ ހައްގު ރައްޔިތުންނަށް ލިބިގެން ވެ އެވެ.

ވީމާ، ސަރުކާރުންނާއި، ސަރުކާރުގެ މި ނިންމުމަށް ތާއީދުކުރައްވާ ބޭފުޅުން، މި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ.

އެ ބިމުގެ އަގު ކަނޑައަޅާފައިވާ ރިޕޯޓު ކޮބައިހެއްޔެވެ؟ މިއަދުގެ ބާޒާރުގައި ރަސްމާލޭގެ 500 ހެކްޓަރުގެ އަގަކީ ކޮބައިހެއްޔެވެ؟ ކުރިއަށް އޮތް 10 އަހަރު، 30 އަހަރު ނުވަތަ 50 އަހަރު ތެރޭގައި އެ ބިމުގެ އަގު ހުންނާނެ ކަމަށް ލަފާކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ވާދަވެރި ބިޑަކަށް ހުޅުވާލައިގެން އެ ބިން ކުއްޔަށް ދިން ނަމަ ދައުލަތަށް ލިބޭނީ ކިހާވަރެއްގެ ކުއްޔެއް ހެއްޔެވެ؟ އެހެން ޑިވެލޮޕަރަކު ކުރިއާލާ ދައްކަން ހުށަހަޅާނީ ކިހާވަރެއްގެ ފައިސާއެއް ހެއްޔެވެ؟ މިކަމުގައި ވާދަވެރި ބިޑަކަށް ހުޅުވާލި ހެއްޔެވެ؟ އެހެން ފަރާތްތަކުގެ ހުށަހެޅުންތަކަށް ފުރުސަތު ދިން ހެއްޔެވެ؟ ބިމަށް ކުރިއާލާ ފައިސާ ނެގުމުގެ ބަދަލުގައި މުސްތަގުބަލުގައި ލިބޭ އާމްދަނީއަށް ބަރޯސާވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ނިންމިއިރު ބެލީ ކޮން އަގުތަކަކަށް ހެއްޔެވެ؟

މި ހިސާބުތައް ނެތި، މި މުއާމަލާތަކީ ރާއްޖެއަށް ފައިދާހުރި ކަމެއްތޯ ކަނޑައަޅާކަށް ނޭނގޭނެ އެވެ. ސުރުހީގައި ޖަހާލާ ބޮޑު އަދަދަކުން މި ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ.

މި މަޝްރޫއަކީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ސަރުކާރުން ފުރަތަމަ ބުންޏެވެ. ނަމަވެސް އީގަލް ހިލްސްގެ އިއުލާނުގައި ބުނެފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ހިންގާ މި މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު ކަމަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ފަހުން ރިޕޯޓުކުރީ 12 ބިލިއަން ޑޮލަރުގެ އަދަދެވެ.

އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެފައިވާ ގޮތުގައި، މިފަދަ މަޝްރޫއުތަކަށް އާންމުކޮށް ފައިސާ ހޯދަނީ އަމިއްލަ ކެޕިޓަލްއާއި، ލޯނާއި، އަދި ތަންތަން ނިމުމުގެ ކުރިން ވިއްކައިގެން ލިބޭ ފައިސާ އެއްކޮށްލައިގެންނެވެ. އަދި މި މަޝްރޫއު ނިންމަން 10 ނުވަތަ 15 އަހަރު ނަގާފާނެ އެވެ. އެހެންކަމުން، މަޝްރޫއުގެ ޖުމްލަ އަގާއި، ރާއްޖެއަށް ވަގުތުން ވަންނާނެ ފައިސާއާއި، ދައުލަތަށް ލިބޭނެ އާމްދަނީއާ އޮޅުވާލައިގެން ނުވާނެ އެވެ. މި ތަފާތު ދެނެގަތުން މުހިންމެވެ.

އިންވެސްޓަރަކަށް ވަރަށް އަގުބޮޑު ބިމެއް ލިބި، އެ ބިމުގައި އިމާރާތްތައް ހަދައި، އެ މަސައްކަތަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ލޯނާއި ތަންތަން ގަންނަ މީހުން އަތުން ކުރިއާލާ ނަގާ ފައިސާއިން ހަމަޖައްސާނަމަ، މިއީ ހަމައެކަނި "ރާއްޖޭގައި 12 ބިލިއަން ޑޮލަރު އިންވެސްޓްކުރުން" ފަދަ ޝިއާރަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. މީގެ ވިޔަފާރި އޮނިގަނޑު މާ ބޮޑަށް ވެސް އޮޅުންބޮޅުން ބޮޑެވެ.

ރާއްޖެ ފަދަ ގައުމެއްގެ ހަޔާތުގައި 99 އަހަރަކީ އާދައިގެ ވިޔަފާރި މުއްދަތެއް ނޫނެވެ. މިއަދު އުފަންވާ ކުއްޖަކަށް ވެސް އެ މުއްދަތު ހަމަވާތަން ފެނުމަކީ ނާދިރު ކަމެކެވެ. އެކުދިންގެ ދަރިންނަށް ވެސް އެ މުއްދަތު ހަމަވާތަން ނުފެނިދާނެ އެވެ.

ގާނޫނުއަސާސީގައި މިކަމުގެ ނާޒުކުކަން ބަލައިގެންފައި ވެ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ފަރާތަކަށް މިލްކުކޮށްދިނުން މަނާކުރެ އެވެ. އަދި ބޭރުގެ ފަރާތަކަށް ކުއްޔަށް ނުވަތަ "އެނޫންވެސް ގޮތަކަށް" ރާއްޖޭގެ އެއްވެސް ބައެއް 99 އަހަރަށްވުރެ އިތުރަށް ނުދެވޭނެ ކަމަށް ބަޔާންކުރެ އެވެ. މީގެ އިތުރުން 250 ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ މިލްކިއްޔާތުގައިވާ މުދަލަކާ ގުޅޭގޮތުން ކުރެވޭ މުއާމަލާތްތައް ކުރަންޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ގާނޫނުއަސާސީން 99 އަހަރަށް ބިން ދޫކުރުމުގެ ހުއްދަ އޮތުމަކީ، އޭގެ ޒާތުގައި މި މުއާމަލާތަކީ ގާނޫނީ ގޮތުން ސައްހަ، ބުއްދިވެރި ނުވަތަ ވިޔަފާރީގެ ގޮތުން ފައިދާހުރި ކަމެއް ކަމަށް ނިންމޭނެ ހުއްޖަތެއް ނޫނެވެ. 99 އަހަރަކީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ އެންމެ މަތީ މިންވަރެވެ. އެއީ ކޮންމެ ބޮޑު މަޝްރޫއަކަށް އެންމެ ދިގު މުއްދަތު ދޭންޖެހޭނެ ކަމަށް އޮތް އިރުޝާދެއް ނޫނެވެ.

ކަންބޮޑުވާންޖެހޭ އިތުރު ސަބަބެއް ވެސް އެބައޮތެވެ.

އީގަލް ހިލްސް އިން ފުރަތަމަ މި މަޝްރޫއު އިއުލާނުކުރިއިރު، އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ ތަންތަން ދޫކުރާނީ 99 އަހަރުގެ މުއްދަތަށް ކަމަށާއި، އެ ތަނެއް ވިއްކާލާ ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ރިޕޯޓުކުރީ އެގޮތަށެވެ. މީގެ ނަތީޖާ ވަރަށް ސާފެވެ. ތަކުރާރުކޮށް އާވާ 99 އަހަރުގެ މުއްދަތުގެ ނަތީޖާއަކީ ރަސްމާލޭގެ އެ ބިމުގެ މިލްކުވެރިކަން ދިވެހިންނަށް ގެއްލުމެވެ.

އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން، އީގަލް ހިލްސް އިން ފަހުން ވަނީ އެ ބަޔާން ބަދަލުކޮށް އެ ޖުމްލަ އުނިކޮށްފަ އެވެ. ސަރުކާރުން ބުނެފައިވަނީ ތަންތަން ބަދަލުކުރެވޭނީ ދައުލަތުގެ ހުއްދައާއެކު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށާއި، ބިމުގެ މިލްކުވެރިކަން އޮންނާނީ ދިވެހި ދައުލަތަށް ކަމަށެވެ. މި ތަފްސީލަކީ މުހިންމު އެއްޗެކެވެ. ނަމަވެސް މިއާއެކު އުފެދޭ އެހެން ސުވާލެއް އެބައޮތެވެ.

ބިން ދޫކުރުމުގެ އުސޫލާ ގުޅޭ މިފަދަ އަސާސީ ކަމެއް އިންވެސްޓަރު ފުރަތަމަ އިއުލާނުކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ ސަރުކާރާއެކު އެއްބަސްވި ވިޔަފާރީގެ އުސޫލުތަކުގައި އޮތް ގޮތް ހެއްޔެވެ؟ ނުވަތަ އެއީ ހަމައެކަނި އީގަލް ހިލްސްއަށް އެރި އޮޅުމެއް ހެއްޔެވެ؟ ބަދަލުވީ ވިޔަފާރީގެ އެއްބަސްވުން ހެއްޔެވެ؟ ނުވަތަ ހަމައެކަނި އާންމުކުރި ބަޔާން ހެއްޔެވެ؟

މި ހުރިހާ ސުވާލަކަށް ޖަވާބު ދެވޭނެ ވަރަށް ފަސޭހަ ގޮތެއް އެބައޮތެވެ. އެއީ އެއްބަސްވުން ހާމަކުރުމެވެ.

ސެޕްޓެމްބަރު 21 ގައި ސޮއިކުރި ލިޔުމަކީ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" އެކެވެ. އީގަލް ހިލްސް އިން ބުނާ ގޮތުގައި މިއީ މަޝްރޫއުގެ ތަސައްވުރާއި އަސާސީ އުސޫލުތައް ކަނޑައަޅާ އެއްބަސްވުމެކެވެ. އަދި މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އެއްބަސްވުންތައް އެކުލަވާލެވޭނެ އެވެ. ބަންޑާރަ ނައިބު ވެސް ވިދާޅުވެފައިވަނީ މިއީ އަދި ފަހު އެއްބަސްވުން ނޫން ކަމަށާއި، މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން އިތުރު އެއްބަސްވުންތަކާއި ގާނޫނީ ބަދަލުތައް ބޭނުންވާނެ ކަމަށެވެ.

މީގެ މާނައަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ހާމަކުރުން އިންތިހާއަށް މުހިންމުވުމެވެ. ދައުލަތުން އެނބުރި ނާދެވޭނެ ފަދަ އިލްތިޒާމްތަކެއްގައި ސޮއިކޮށް، ތިންވަނަ ފަރާތްތަކުގެ ހައްގުތަކެއް އުފެދުމުގެ ކުރިން، އެއްބަސްވުމުގެ އުސޫލުތައް ރައްޔިތުންނަށް އެނގެންޖެހެ އެވެ.

މައްސަލައަކީ ބޭރުގެ އިންވެސްޓްމަންޓް ރަނގަޅުވުން ނުވަތަ ނުބައިވުމެއް ނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ އެހީގަ އެވެ. ވީމާ، ބޭރުގެ އިންވެސްޓްމަންޓުތަކުގެ މުހިންމުކަމާމެދު ދެބަސްވާނޭ ދިވެއްސަކު ނުހުންނާނެ އެވެ. މިއީ އީގަލް ހިލްސްއަކީ ބޭރު ކުންފުންޏަކަށް ވާތީ ކުރާ ބަހުސަކަށް ވެސް ވެގެން ނުވާނެ އެވެ. އިންވެސްޓަރުގެ ގައުމިއްޔަތަކީ މި މުއާމަލާތުން ރާއްޖެއަށް ފައިދާހުރިތޯ ނިންމާނެ މިންގަނޑެއް ނޫނެވެ.

އަސްލު ސުވާލުތަކަކީ ވިޔަފާރީގެ އަދި ގާނޫނީ ސުވާލުތަކެވެ.

ދިވެހި ދައުލަތުގެ ރަސްމީ ހިސާބުތަކުގައި އެ ބިމުގެ އަގަކީ ކޮބައިހެއްޔެވެ؟ މި އިންވެސްޓަރު ހޮވީ ކީއްވެގެން ހެއްޔެވެ؟ އިތުރު އިންވެސްޓަރުން ހޯދަން ބެލި ހެއްޔެވެ؟ މި މުއާމަލާތުން ދައުލަތަށް ސީދާ ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ އީގަލް ހިލްސް އިން އަމިއްލައަށް އުފުލަންޖެހޭ މާލީ ނުރައްކަލަކީ (ރިސްކް) ކޮބައިހެއްޔެވެ؟ ދިހަ ނުވަތަ ވިހި އަހަރު ފަހުން މަޝްރޫއު ހުއްޓިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ 500 ހެކްޓަރުގެ ތެރެއިން ތަރައްގީ ނުކޮށް އޮންނަ ބައިތައް އަނބުރާ ހޯދިދާނެ ހެއްޔެވެ؟ އެހެން ފަރާތްތަކަށް ބިން ބަދަލުކުރުމާއި ކުއްޔަށް ދިނުމުގައި އޮތީ ކޮން ހުރަސްތަކެއް ހެއްޔެވެ؟ އަސާސީ ހިދުމަތްތަކުގެ ހަރަދު އުފުލަނީ ކާކު ހެއްޔެވެ؟ އީގަލް ހިލްސްގެ ޒިންމާތައް ކަށަވަރުކުރުމަށް ދީފައިވާ ގެރެންޓީއަކީ ކޮބައިހެއްޔެވެ؟ ދައުލަތުގެ 10 އިންސައްތަ ހިއްސާ ހިނގަނީ ސީދާ ކޮން ކަންތައްތަކަކަށް ހެއްޔެވެ؟ އަންނަން އޮތް ސަރުކާރުތަކަށް މި އެއްބަސްވުން ބަދަލުކުރެވިދާނެ ހެއްޔެވެ؟ އެއްބަސްވުން އުވާލައިފިނަމަ ދައްކަންޖެހޭ ބަދަލަކީ ކޮބައިހެއްޔެވެ؟ ތަންތަން ގަންނަ މީހުންނަށް ދިވެހި ބިމުގެ މައްޗަށް ލިބޭނީ ކޮން ހައްގުތަކެއް، އަދި ކިހާ މުއްދަތަކަށް ހެއްޔެވެ؟

މިއީ ތަރައްގީއާ ދެކޮޅު މީހުން ކުރާ ސުވާލުތަކެއް ނޫނެވެ. މިއީ ގައުމާމެދު ވިސްނާ ހޭޖެހޭ މީހުން ކޮންމެހެން ކުރަންޖެހޭ ސުވާލުތަކެވެ.

މި މުއާމަލާތުގައި އެއްފަރާތަކަށް ބުރަވެފައިވާ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އިންވެސްޓަރުގެ ޒިންމާތައް އަދާކުރާނީ އެތައް އަހަރަކަށް ބަހާލައިގެންނެވެ. އިމާރާތްތައް އަޅާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ވިއްކޭނީ ބާޒާރުގެ ޑިމާންޑަށް ބަލާފަ އެވެ. އިންވެސްޓްމަންޓް ކުރިއަށްދާނީ ފައިސާ ލިބޭ މިންވަރަކުންނެވެ. ނަމަވެސް، ބިމަކީ ފެށުނީއްސުރެ އޮތް ހަގީގަތެކެވެ. ރާއްޖެއިން މި ދޫކޮށްލަނީ އެންމެ އަގުބޮޑު ރައުސްމާލެވެ. ވައުދުވި އިގްތިސާދީ ބަދަލު އަންނަނަމަ އަންނާނީ މާ ފަހުންނެވެ.

ރަސްމާލޭގެ މުއާމަލާތާމެދު ދިވެހިންގެ ގިނަ ބަޔަކު މި ގަންނަ ބިރާއި، މިހުރި ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ސަރުކާރުން އެ ބުނާ ބުނުން ސާބިތުކޮށްދެވޭނޭ ހަމައެކަނީ ގޮތަކީ، މި މުއާމަތާލާ ގުޅޭ ތަފުސީލު ލިޔެކިޔުންތަކާއި، މުއާމަލާތުގެ ހުރިހައި ހަގީގަތެއް ހާމަކުރުމެވެ. އެކަން އެގޮތަށް ކުރެވެންދެން، ތިޔަ ވިދާޅުވާ 20 ނުވަތަ 12 ބިލިއަން ޑޮލަރަކީ ހަމައެކަނި ސުރުހީއެކެވެ. ފަސް ހާސް ގެއަކީ ހަމައެކަނި ވައުދެކެވެ. އެތައް ހާސް ވަޒީފާއަކީ ހަމައެކަނި އަންދާޒާއެކެވެ. މުޅި މަޝްރޫއުއަކީ އަނެއްކާ ވެސް ވެވޭ އަނެއް ހޮޅި ވައުދެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox