ގްރޭޑް އެކަކުން ފެށިގެން އަށެއްގެ ދަރިވަރުން އަންނަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭގޮތަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ކޭސްތައް އަނެއްކާ ވެސް އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ގްރޭޑް އެކަކުން އަށެއްގެ ދަރިވަރުން ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެއީ މިފެށޭ ފުރަތަމަ ހަފްތާއަށް އެކަންޏެވެ.
ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުން ގެންގުޅެމުން އައި ތިން ފޫޓޫގެ ގައިދުރުކަން ހިފެހެއްޓުމާއި، މާސްކު ނަގައިގެން ސްކޫލުގައި އެއްވެސް ހަަރަކާތެއް ނުހިންގުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައި އެވެ.
މީގެ އިތުރުން ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ހުރިތޯ ބަލައި ސެނެޓައިޒް ކުރުމާއި އަދި ކިޔަވައިދޭ ދަންފަޅީގެ ވަގުތުވެސް ކުރުކުރަން ނިންމާފައިވެ އެވެ.
އަދި ވަކި ސްކޫލްތަކުން، އެ ސްކޫލްތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އަންނަ ހަފްތާގައި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭތީވެ، ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވެސް ވަނީ ފާއިތުވި 10 ދުވަސް ތެރޭ ދެ ގުނަ އިތުރުވެފަ އެވެ. އެގޮތުން ޖެނުއަރީ ދެ ވަނަ ދުވަހު 2،463 އިން ޖެނުއަރީ 11، އާ ހަމައަށް ކޭސްތަކުގެ އަދަދު 4،320 އަށް ވަނީ މަތިވެފަ އެވެ.
އޭގެ އިތުރުން، ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 13 އިން 20 އަށް އުފުލިފަ އެވެ. ނަމަވެސް މިހާތަނަށް އެނގޭ ގޮތުގައި އޮމިކްރޯން ވޭރިއެންޓްގައި ބަލީގައި ސީރިއަސްވުން ކުޑަވެ އެވެ.
އެކަމަކު ކުއްލިއަކަށް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ ނަމަ ހޮސްޕިޓަލްތަކާއި ސިއްހީ މަސައްކަތްތެރިންނަށް ބާރުބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.














