ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ކޯޓުން ހުކުމް ކުރާ މީހުންގެ މައުލޫމާތު އާންމުނުކުރަނީ އެފަދަ ކުށްވެރިންގެ ދަފްތަރު ހަރުދަނާ ކުރަމުން އަންނާތީ ކަމަށް ޖެންޑާ މިނިސްޓްރީން ބުނީ އިއްޔެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިވާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ އެ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީގެ ޒިންމާއެކެވެ.
ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުށްވެރިވާ މީހުންގެ މައުލޫމާތު "އާންމުކޮށް ޝާއިއު ކުރަމުން ގެންދަންވާނެ" ކަމަށެވެ. އަދި އާންމު ކުރަންޖެހޭނީ "ކުށް ކުރާ މީހުންގެ ފުރިހަމަ މައުލޫމާތު" ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އެކަމުގެ
އޭގެ އިތުރުން އެ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިންނާ ބެހޭ މީހުންގެ މައުލޫމާތު އާންމު ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ކުދިންގެ ރައްކަލަށް މަސައްކަތް ކުރާ ދައުލަތުގެ މުއައްސަސާއިން ކަމަށެވެ.
ނަމަވެސް ގާނޫނުގައި ބުނެފައިވާ މައުލޫމާތު އާންމު ކުރުމަށް ހެދި ވެބްސައިޓުގައި 2021 ވަނަ އަހަރު ހުކުމް ކުރި އެއްވެސް މީހެއްގެ މައުލޫމާތު ހިމަނާފައެއް ނުވެ އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ކުށް ކުރި އެންމެންގެ މައުލޫމާތެއް ވެސް ވެބްސައިޓުގައި ފެންނާކަށް ނެތެވެ. އޭގެ އިތުރުން، ކުރިންސުރެ ޝާއިއުކޮށްފައިވާ މައުލޫމާތު އެންމެ އަދާހަމަ ނޫންކަން ވެސް ފާހަގަ ކުރެވެ އެވެ.

ކުޑަކުދިންނާ ބެހޭ މީހުންގެ މައުލޫމާތު އާންމުނުކުރަނީ ކީއްވެގެންތޯ މި ނޫހުން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ ޑިޕާޓްމަންޓުން ފޮނުވި ޖަވާބެއްގައި ބުނެފައި އޮތީ ކުށްވެރިންގެ ދަފްތަރު ހަރުދަނާ ކުރުމަށް އެ އޮފީހުން މަސައްކަތެއް ކުރަންފެށިތަނާ އޭގައި ހުރި މައުލޫމާތު "ނުފެންނަކަން މި ސާވިސްއަށްވެސް ވަނީ ފާހަގަ ކުރެވިފާ" ކަމަށެވެ.
"ކުޑަކުދިނަށް ޖިންސީ ގޯކުރާ މީހުންގެ ދަފްތަރު ހަރުދަނާކުރުމުގެ މަސައްކަތް މިސާވިސް އިން ދަނީ ކުރަމުން. މި މަސައްކަތް ކުރަމުންދާއިރު މިދަފްތަރުގެ ބައެއް މައުލޫމާތު އާންމުކޮށް ނުފެންނަކަން މި ސާވިސްއަށްވެސް ވަނީ ފާހަގަ ކުރެވިފާ. އެހެންކަމުން, ދަފްތަރު ހަރުދަނާ ކުރުމުގެ މަސައްކަތާ އެކު މި މަސައްކަތްވެސް ދަނީ ކުރެވެމުން،" ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.
ކުޑަކުދިންނާ ބެހޭ މީހުންގެ މައުލޫމާތު އާންމުކުރަން މަޝްވަރާ ކުރީ ވެސް އެ މައުލޫމާތު އާންމު ކުރުމަށް ގާާނޫނުގައި ބުނެފައި އޮންނަތާ ހަ އަހަރު ފަހުންނެވެ.
މުހައްމަދު ނާފިއު އިބްރާހިމް
ކުޑަކުދިންނާ ބެހޭ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނު ވުޖޫދަށް އައީ ވަރަށް އަނިޔާވެރިކޮށް ޖޫން 11، 2009 ގައި މަރައިލި، އެންމެ 10 މަހުގެ މުހައްމަދު ނާފިއު އިބްރާހިމްގެ ހަނދާނުގަ އެވެ. އެންމެ ފުރަތަމަ އެ ގާނޫނަށް ކިޔަން އުޅުނީ ވެސް ނާފިއު ގާނޫނެވެ. ނަމަވެސް މެމްބަރުން އެ ނަން ފާހެއް ނުކުރި އެވެ.
ނާފިއު މަރައިލީ އޭނާގެ މަންމަ އާއި މަންމަގެ ލޯބިވެރިޔާ އާއި އިތުރު މީހަކު މަސްތުވާން ތިއްބާ ރޯތީވެ އުނދަގޫވެގެންނެވެ. ނާފިއު މަރުވީ އޭނާގެ ދެ ކިހިލިފަތުގައި ހިފައި ތަޅުވައިގަތްލެތް ބާރުކަމުން، ވަގުތުން ހިތް ހުއްޓިގެންނެވެ. ޑޮކްޓަރުން ބުނެފައި ވަނީ ގިނަ ދުވަސްތަކެއްގެ މަތިން ނާފިއުއަށް ޖިންސީ ގޯނާ އާއި އެހެނިހެން ހާނިއްކަ ދީފައި ހުރިކަމުގެ ނިޝާން އެ ތުއްތު ކުއްޖާގެ ހަށިގަނޑުގައި ފެންނަން ހުރި ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ މަންމަ ނޫރުޒާދާ އަލީ އާއި ލޯބިވެރިޔާ މުހައްމަދު ވަހީދުގެ މައްޗަށް ދައުވާ ކުރި އެވެ. ވަހީދުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
އެ މައްސަލައިގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އެއިރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ
"މި ހާދިސާ ހިނގި ދުވަހު މުހައްމަދު ނާފިއު އިބްރާހިމް ބެލެހެއްޓުމާއި ހަވާލުވެ ހުރީ މުހައްމަދު ހަސަން ކިޔާ މީހަކު ކަމުގައި އެ ކުއްޖާ ގެ މަންމަ ސ. ހިތަދޫ، ސިލްވާ ލީފް، ނޫރުޒާދާ އަލީ ބުނެފައި ވާތީ މުހައްމަދު ނާފިއު އިބްރާހިމް އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އެ އަނިޔާތައް އެ ކުއްޖާ އަށް ލިބިފައި ވަނީ މުހައްމަދު ވަހީދުގެ ފަރާތުންކަން ޝަރީއަތަށް ސާބިތު ނުވާހިނދު މިފަދަ މައްސަލަތައް އެއްވެސް ކަހަލަ ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުން ކުރަން ޖެހޭ ކަމަކަށް ވެފައި އެމިންވަރަށް މިގަޒިއްޔާގައި މުހައްމަދު ވަހީދުގެ މައްޗަށް ހެކިބަސް ލިބިފައި ނުވާތީ މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ކުޅަ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީ،" ގާޒީ އެ ދުވަހު ވިދާޅުވި އެވެ.
މުހިންމު ބައެއް ހަބަރުތައް
- ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށް މަތިކޮމަންޑޫ ގުޅާލުމުގެ އަގުބޮޑު މަޝްރޫއެއް އެމްޓީސީސީއާ ހަވާލު ކުރީ އިއްޔެ އެވެ. އެ މަސައްކަތް 730 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަންޖެހެ އެވެ.
- ކޮވިޑް-19 ފެތުރޭ މިންވަރު ގިނަވެފައި އޮތް ނަމަވެސް އަންނަ އާދީއްތަ ދުވަހު ސްކޫލު ނިއު ނޯމަލްގެ އުސޫލުތަކާއެކު ފަށާނެ ކަމަށް ސަރުކާރުން ބުނީ ވެސް އިއްޔެ އެވެ. އެޑިއުކޭޝަނުން ބުނީ މާސްކު އެޅުމާއި ގައި ދުރުކުރުމާއި އަތް ދޮވުން ފަދަ ކަންކަމަށް ސްކޫލްތަކުގައި ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
- ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ށ. ކޮމަންޑޫއަށް އިއްޔެ ވަޑައިގަތުމުން އެ ދާއިރާއިން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވަނީ އިއްޔެ އެވެ. އޭނާ ކޮމަންޑޫއަށް ވަޑައިގެންނެވީ ހުސެއިން އިންނެވި ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނަށެވެ.
ދުވަހުގެ ކޯޓޭޝަން
ސިޔާސީ ޕާޓީތަކާ އިއްޔެ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ބައްދަލު ކުރެއްވުމަށްފަހު މި ނޫހަށް މައުލޫމާތު ދެމުން އެ ކޮމިޝަނުގެ ނައިބު ރައީސް ހަބީބް ވިދާޅުވީ:
"ކެމްޕެއިން ކުރާ ގޮތުގެ ޝަކުވާ [އެންޓި-ކެމްޕެއިން ކުރާކަމުގެ ޝަކުވާ] ކުރިން ލިބިފައިވާތީ، އެކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު. އެގޮތަށް ކަންތައް ނުކުރަން އީސީން ނަސޭހަތްތެރިވި."
ދުވަހުގެ ފޮޓޯ

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ އަހުމަދު މުހައްމަދު (ކޯކޭ) އިއްޔެ ބޭއްވި ގައުމީ ބީޗްވޮލީބޯޅަ ޕްރެކްޓިހުގެ ތެރެއިން ބޯޅަ ފޮނުވާލަނީ: އިއްޔެ އަކީ ގައުމީ ބީޗްވޮލީ ޓީމަށް ހަމަޖެއްސި ބްރެޒިލްގެ ކޯޗު ވިނީޝިއުސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ ޓްރެއިނިން ސެޝަން-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ނެޝަނަލް ސްޓަޑީ އޮން ވަޔަލަންސް އަގެއިންޓްސް ޗިލްރެން އިން ދަ މޯލްޑިވްސް"
އެއީ 2009 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސް ޗިލްރެންސް ފަންޑް އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހެދި ދިރާސާއެކެވެ. އެ ދިރާސާ ޝާއިއުކޮށްފައި ވަނީ ފެބްރުއަރީ 15، 2009 ގަ އެވެ. އެ ދިރާސާ ހެދުމަށް އިސްކޮށް ހުރީ ވިއެޓްނާމާއި ސްރީ ލަންކާގެ ދެ ބޭފުޅުންނެވެ.
އެ ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖޭގައި ބޮޑުވާ ކުދިންގެ ތެރެއިން 47 ޕަސެންޓު ކުދިންނަކީ ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާ ލިބިގެން ބޮޑުވާ ކުދިންނެވެ. އަދި ސްކޫލްތަކުގައި ވެސް ބައެއް ޓީޗަރުންގެ ފަރާތުން ވެސް ދަރިވަރުންނަށް ޖިސްމާނީ އަނިޔާ ލިބެމުންދާކަން އެ ދިރާސާއިން ހާމަވި އެވެ. އަދި ސެކަންޑްރީ ސްކޫލަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން 20 ޕަސެންޓު ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަން ވެސް އެ ދިރާސާއިން އެނގުނެވެ.












