ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.
ހޮކޭ، 36، ވަނީ ކުޅުން ހުއްޓާލިކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. ހޮކޭ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 10 އަކަށް ވުރެ ގިނަ އަހަރު ކުޅެފަ އެވެ.
ފުލްބެކްގެ މަގާމާއި މިޑްފީލްޑަރަކަށް ވެސް ކުޅޭ ހޮކޭ ވަނީ މި ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެފަ އެވެ. އެއީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއާ ދެކޮޅަށެވެ.
ރ. އަލިފުށްޓައް އުފަން ހޮކޭ ބުނީ ކުޅުން ހުއްޓާލަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި ފުޓްބޯޅަ ކެރިއަރުގައި ގައުމު ތަމްސީލްކުރުމަކީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކޮށް، ހޮކޭ ވަނީ އޭނާގެ ކެރިއަރުގައި އެހީތެރިވެދިގެން އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

2017 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ހޮކޭ ބޯޅަ ހިފައިގެން.-- ފޮޓޯ: އިމޭޖަަސް،އެމްވީ
ނިއު އިން ކެރިއަރު ފަށައި، އޭގެ ފަހުން އަލީ ސުޒޭންގެ ކޯޗުކަމުގައި 2010 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބުން ވިދާލި ހޮކޭ ވަނީ މޮޅަށް ކުޅެ، ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. ގިނަ ކޯޗުންގެ ތައުރީފު ލިބުނު ހޮކޭ އަކީ ޖެހިލުންކުޑަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުންތެރިއެކެވެ.
ކްލަބް ކެރިއަރުގައި ވިކްޓްރީ އަށް ފަހު ހޮކޭ ދެން ފެނުނީ ކްލަބް ވެލެންސިއާ އިންނެވެ. އެ ޓީމަށް 2013 ވަނަ އަހަރު ބަދަލުވުމަށް ފަހު ހަމަ އެ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނެވެ.
ހޮކޭ ވަނީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ނިއު ރޭޑިއަންޓަށް ކުޅެފަ އެވެ. ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅުނު ހޮކޭ ވަނީ އެ ޓީމާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. ފާއިތުވި އަހަރުތަކުގައި ނިއު އެންމެ ވަރުގަަދަކޮށް އޮތްއިރާއި ކުޅުންތެރިން މަދުވެ، ބަލިކަށިވެފައި އޮތް ދަނޑިވަޅުތަކުގައި ވެސް ހޮކޭ ވަނީ ޓީމުގައި މަޑުކޮށްފަ އެވެ.
ނިއު ދޫކޮށް ހޮކޭ 2019 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށެވެ. އެ ޓީމުން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު، ޓީމުގެ ލީޑަރެއްގެ ރޯލު ކުޅުނީ ހޮކޭ އެވެ. ހޮކޭ މިދިޔަ ސީޒަނުގައި ފެނުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ. މި ސީޒަނުގައި ވެސް އޭނާ ކުޅެން ނިންމީ ސަސް އަށެެވެ. އެކަމަކު، ވަރަށް ފުންކޮށް ވިސްނުމަށް ފަހު ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެންނަން ނިންމީ އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ވަނީ ގައުމީ ޓީމަށް އެއް ގޯލު ޖަހައިދީފަ އެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖޭން 1-0 އިން ނޭޕާލް ބަލިކުރިއިރު، ރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ ހޮކޭ އެވެ. ހޮކޭ އަކީ ރާއްޖޭން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ހޮކޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު އެވެ.













