މެޗަކުން ބަލިނުވެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް

Jul 1, 2024, 8:30 PM
ޓީސީގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ޓީސީގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ޕެނަލްޓީގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 5-4 އިން ކުރިހޯދައި ޓީސީ ސްޕޯޓްސް ކުލަބުން ފުރަތަމަ ފަހަރަށް އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

ޓީސީން މުބާރާތުގެ ތަށި އުފުލާލީ މެޗަކުން ބަލިނުވެ އެވެ.

މި މެޗުގެ ކުރިން ވަނީ ދާދި ފަހުން ނިޔާވި، ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ޝަރަފުގައި އެގްޒަބިޝަން މެޗެއް ކުޅެފަ އެވެ. މި މެޗުގައި އެކަޑަމީތަކުގެ ކުޅުންތެރިންގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އަދި މެޗުގެ ކުރިން ވަނީ އެއް މިނެޓުގެ ސުކޫތެއް ގެނެސްފަ އެވެ.

Advertisement

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާ އަކުންނެވެ.

މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު, މި ހާފުގައި ސަސް އަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްދިނީ މުހައްމަދު އިޒާން އަލީ އެވެ. ޓީސީގެ އޭރިއާ ތެރެއަށް ވަދެ އިޒާން ނަގާދިން ހުރަސް ޖަހާނެ ކުޅުންތެރިއަކުނުވެވީ ބޭކާރެވެ. އޭގެ ފަހުން ޓީސީގެ މުޒްދާން ހަސަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު, މި ހާފުގެ ފަހު ކޮޅު ޓީސީން ވަނީ ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަމަކު ސަސްގެ ވަރުގަދަ ޑިފެންސް އެ ޓީމަށް ފޫއަޅުވާލެވޭ ގޮތް ނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު, 0-0 ގެ ނަތީޖާ އަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ސަސްގެ އަހުމަދު ނަވާފް ފައުޒީ ފޮނުވާލި ޕެނަލްޓީ ޓީސީގެ ކީޕަރު މުހައްމަދު ޝިޔާޒް ދިފާއުކުރިއިރު, ޓީސީގެ އިސްމާއިލް އަފްލާޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ޓީސީ މެޗުން މޮޅުވީ ސަސްގެ ސޫޒާން ހަސަން އަހުމަދު ފޮނުވާލި ޕެނަލްޓީ ބޭރަށް ގޮސްގެންނެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދާފައިވަނީ ސަސްގެ އިޒާން އެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ޓީސީގެ މި ކާމިޔާބީ ހާއްސަވާ އެއް ފަރާތަކީ އެ ޓީމުގެ ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. އޭނާ މި ވަނީ ޔޫތު ޗެމްޕިއަންޝިޕްގެ ތާރީހުގައި ހާއްސަ ކާމިޔާބެއް ހޯދައިފަ އެވެ. އެއީ ޖެހިޖެހިގެން ދެ މުބާރާތް ދެ ޓީމުގައި ހުރެ ހޯދައިގެންނެވެ. ކްލަބް އީގަލްސް އިން 2022 ވަނަ އަހަރު ސަސް ބަލިކޮށްފައި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ނިމާގެ ކޯޗުކަމުގަ އެވެ. ނިމާ މި ފަހަރު އެ ތަށި މި ހޯދީ ޓީސީގައި ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox