ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެ ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ސަރަހައްދުގައި ފެށި އޮޕަރޭޝަނަކީ ގުރޫޕުތަކާއި ގޭންގު ކުށްތައް ހުއްޓުވުމުގެ އަމާޒުގައި ފެށި އޮޕަރޭޝަނެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނާ ގުޅިގެން "އަދަދު"އަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ "ގުޅިގެން" ނަމުގައި މިއަދު ފެށި އޮޕަރޭޝަނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން އުފައްދާފައިވާ ގައުމީ ޓާސްކް ފޯހުގެ މަސައްކަތްތައް ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.
މިގޮތުން، މާލެ ސަރަހައްދުގައި އާންމުކޮށް ގޭންގުތަކާއި ގުރޫޕުތައް އެއްވެ ތިބޭ ސަރަހައްދުތަކުގެ އިތުރުން އެފަދަ ގުރޫޕުތަކަށް ނިސްބަތްވާ އުޅަނދުތައް ވެސް މި އޮޕަރޭޝަންގެ ދަށުން މޮނިޓާ ކުރެވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
"ގޭންގުތައް އާންމުކޮށް އެއްވެ ތިބޭ ތަންތަނާއި ސަރަހައްދުތަކުގައި ފުލުހުންގެ ޕްރެސެންސް އިތުރުކުރުން މި އޮޕަރޭޝަންގެ ބޭނުމަކީ. އެކަމުގައި ފުލުހުންނާއެކީ ސިފައިން ވެސް ހަރަކާތްތެރިވާ ގޮތަށް ގުޅިގެން މި އޮޕަރޭޝަން ހިންގަނީ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ސިފައިންނާ ގުޅިގެން މިފަދަ އޮޕަރޭޝަނެއް ފެށީ އެކި ކުށްތަކަށް އަރައިގަތުމާއި، ތޫނު ހަތިޔާރު ގެންގުޅުން ފަދަ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގޭންގުތަކާއި ގުރޫޕުތަކުން އަމަލުކުރަމުންދިއުން ފަހަކަށް އައިސް އިތުރުވެފައިވާތީ ކަމަށް ހަމީދު ވިދާޅުވި އެވެ.
އަދި މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ކުރިއަށް ގެންދެވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭ މެންދަމު 12:22 ގައި ފުލުހުން ބަޔާން އާންމުކުރިތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މާލޭގެ ބައެއް ސަރަހައްދުތަކުން ފެނިފައި ވެއެވެ.
ނަމަވެސް މިއޮޕަރޭޝަންގައި އަދި މިހާތަނަށް އެއްވެސް ތަނެއް ބަލާފާސްކޮށް، އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
މި އޮޕަރޭޝަން ފަށާފައި މިވަނީ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑްގައި ދެ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ފުލުހަށް ހަމަލާ ދިނުމަށް ފަހު ބިރު ދައްކާފައިވާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.













