ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި ޓެކްސް ނުދައްކާ ވިޔަފާރިތަކުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުމާއި މައްސަލަތައް ކޯޓަށް ހުށަހެޅުން މެދުކަނޑާލާފައި އޮތް އޮތުން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)އިން އުވާލައިފި އެވެ.
ޓެކްސް ދެއްކުމުގައި ވިޔަފާރިތަކަށް ދިން ލުއިތައް އުވާލިކަމަށް މީރާއިން ބުނީ އެ އިދާރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓު ސިޔާސަތުގެ ދަށުން މި އަހަރަށް އެކުލަވާލި "ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން"ގަ އެވެ.
މައިގަނޑު ފަސް ކަމެއް ކުރަން ރާވާ އާންމުކުރި މި އަހަރުގެ ޕްލޭނުގައި މީރާއިން ވަނީ ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި، ދައުލަތަށް ނުލިބިވާ ފައިސާ ހޯދަން މީރާގެ އެންފޯސްމަންޓް ޕްލޭންގެ ތެރެއިން ތަންފީޒީ ފިޔަވަޅު (އެންފޯސްމަންޓް އެކްޝަންސް) އަޅާނެ ކަމަށް ބުންޏެވެ.
ޓެކްސް ދައްކަން ވިޔަފާރިތަކަށް ދިން ލުއިތައް އުވާލަން ނިންމީ މީރާއިން ބުނި ގޮތުގައި ކޮވިޑުގެ ހާލަތަށް ފަހު ރާއްޖޭގެ އިގުތިސޯދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށެވެ.
މި ފިޔަވަޅުތައް އެޅުން މީރާއިން ފުރަތަމަ މަޑުޖައްސާލީ ކޮވިޑުގެ ސަބަބުން ގައުމު ލޮކްޑައުން ކުރަން ޖެހުމާ ގުޅިގެން ވިޔަފާރިތަކަށް ދިން ލުޔެއްގެ ގޮތުގައި އެވެ. އޭރު މި ފިޔަވަޅުތައް އަޅަން މަޑުޖައްސާލި ގޮތަށް މީރާއިން އެއްވެސް ވިޔަފާރިއަކާ ދެކޮޅަށް ފިޔަވަޅެއް ނާޅަ އެވެ. އަދި، މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނުގައި ހިމަނައިގެން އެ ނިންމުން އެގޮތަށް ދެމެހެއްޓި އެވެ.
ނަމަވެސް މީގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން ބޮޑު ބަޔެއް ގެއްލިގެން ދިޔުމުގެ ކަންބޮޑުވުން އޭރު ވެސް އޮތެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އާންމުކުރި ރިޕޯޓެއްގައި ވެސް މި ކަންބޮޑުވުންތައް ހިއްސާކުރި އެވެ.
ޓެކްސް ގާނޫނަށް ތަބާނުވުން (ނަން-ކޮމްޕްލަޔަންސް) ހުއްޓުވަން އެންފޯސްމަންޓް އެކްޝަންސް ނެގުމުގެ އިތުރުން މީރާއިން ވަނީ އަމިއްލަ އިހުތިޔާރުގައި ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން (ވޮލުންޓަރީ ކޮމްޕްލަޔަންސް) އިތުރުކުރަން ވެސް ކޮމްޕްލަޔަންސް މެނޭޖްމަންޓް ޕްލޭނުގައި ހިމަނާފަ އެވެ.
މީރާގެ ކޮމްޕްލަޔަންސް ޕްލޭން 2022
- ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކުހުގެ މައުލޫމާތުތަކަށް ހޭލުންތެރިކުރުވުން.
- ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުވުން.
- ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވެދިނުން.
- ބޮޑެތި އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުން.
- ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
މީރާއިން މި ފަދަ ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފުކުރީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.










