މެޑްރިޑް (ޖެނުއަރީ 6) - ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ރޭ ސްޕެނިޝް ކަޕްގައި ކުޅުނު މެޗުތަކުން ތިން ވަނަ ޑިވިޝަނުގެ ޓީމުތަކެއް އަތުން މޮޅުވެއްޖެ އެވެ.
ތިން ވަނަ ޑިވިޝަނުގެ، ލިނާރެސް ދަނޑުގައި ބާސެލޯނާ ފަހަތުން އަރައި މޮޅުވީ 2-1 އިންނެވެ. ރެއާލް މެޑްރިޑުން ވަނީ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ އަލްކޮޔާނޯ އަތުން 3-1 އިން މޮޅުވެފަ އެވެ. ރޭގެ ނަތީޖާއާ އެކު ރެއާލާއި ބާސެލޯނާ ވަނީ ސްޕެނިޝް ކަޕްގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތީ މިދިޔަ ނޮވެމްބަރު މަހު ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާ އަލުން ގުޅުނު ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސް ޓީމުގައި ހިމަނައިގެންނެވެ. އުމުރުން 38 އަހަރުގެ އަލްވޭސް ރޭ ކުޅުނީ ބާސެލޯނާގެ ޖޯޒީގައީ އޭނާގެ 392 ވަނަ މެޗެވެ. އޭނާ އޭގެ ކުރިން އެންމެ ފަހުން ބާސެލޯނާ އަށް މެޗެއް ކުޅެދިނީ މީގެ ފަސް އަހަރާއި ހަތް މަސް ކުރިންނެވެ.
ބާސެލޯނާ ހާސްކޮށްލުމަށް ފަހު ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ލިނާރެސް އިން ލީޑުނެގި އެވެ. ކާނިގާ މަގާން ނަގައިދިން ހުރަހަކުން ޑިއާޒް ސަންޗޭޒް މި ގޯލު ޖެހީ ބޮލުންނެވެ. ބާސެލޯނާ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގެ ގޯލުތަކާ އެކީގަ އެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ 63 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ އެވެ. އޭރިއާބޭރުން ޑެމްބެލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ބާސެލޯނާ އިން އެއްވަރުކުރި ފަހުން ލިނާރެސް އިން ދެ ވަނަ ގޯލެއް ޖަހައި ލީޑުނެގި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑްގައި ހުރި ޑިއާޒް ކުޅުމުގައި ބައިވެރިވުމުން ގޯލު ބަލައިނުގަންނާށެވެ. މެޗުގެ 68 ވަނަ މިނިޓްގައި ބާސެލޯނާ ޒުވާން ކުޅުންތެރިޔާ ޖުޓްލާ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އެ ޓީމަށް މެޗުގައި ކުރި ހޯދައިދިނެވެ. ބާސެލޯނާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ޑެމްބެލޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރެއާލްގެ ގޯލު ޖެހުމަށް ފަހު ހަޒާޑް (ކ) އާއި މިލިޓާއޯ އުފާފާޅުކުރަނީ.
މިދިޔަ ސީޒަނުގައި ރެއާލް ވަނީ އަލްކޮޔާނޯ އަތުން އިތުރު ވަގުުތުގައި 2-1 އިން ބަލިވެފަ އެވެ. އެކަމަކު، ރެއާލުން މި ފަހަރު ރަނގަޅު ކުޅުމެއް ދައްކައި، އަލްކޮޔާނޯގެ މައްޗަށް ކުރިހޯދި އެވެ.
ރެއާލުން ރޭގެ މެޗުގައި ލީޑުނެގީ މެޗުގެ 39 ވަނަ މިނިޓްގައި ރޮޑްރީގޯ ނެގި ކޯނަރަކުން އެޑާ މިލިޓާއޯ ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް، ޑަނީ ވޭގާ ވަނީ އަލްކޮޔާނޯ އަށް އެއްވަރުކޮށްދީފަ އެވެ. ވޭގާ ވަނީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 76 ވަނަ މިނިޓްގައި ރެއާލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މާކޯ އަސެންސިއޯ ޖެހި ގޯލުންނެވެ. އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަސެންސިއޯ ޖެހި ބޯޅަ ގޯލަށް ވަނީ އަލްކޮޔާނޯ ޑިފެންޑަރެއް ފައިގައި ޖެހިފަ އެވެ. ރެއާލްގެ ފަހު ގޯލަކީ އެ ޓީމުގެ އިސްކޯގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އަލްކޮޔާނޯގެ 42 އަހަރުގެ ގޯލްކީޕަރު ހުއާން ހޯސޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.












