ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ވ. އަތޮޅު ކައިރިން ގެއްލުނު އަލަމާ-5 ދޯނީގައި ތިބި ތިން ފަޅުވެރިންގެ ތެރެއިން ދެ މީހަކު މިއަދު ހެނދުނު ކަނޑުމަތިން ނެގީ ކަނޑުވިތާ 30 ގަޑިއިރަށްވުރެ ވެސް ގިނައިރުވީ ފަހުންނެވެ.
ހަންބުރިތަކެއްގައި އެލިގެން ތިއްބައި ސަލާމަތް ކުރީ ފަޅުވެރިންގެ ތެރެއިން ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ހަމަ އެ ގައުމަށް ނިސްބަތްވާ އިތުރު ފިރިހެނެކެވެ. މިހާތަނަށް ނުފެންނަނީ ދޯނީގެ ކައްޕި ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް، 32، އެވެ.
ޝަފީގުގެ އާއިލާ މީހަކު މި ނޫހާ ވަހަކަ ދައްކަމުން ބުނީ ގެއްލުނު ބިދޭސީ މީހާގެ އަންހެނުންގެ އާއިލާގެ ފަރާތުން އެނގުނު ގޮތުގައި ދޯނި ދިޔަވާން ފެށުމުން ދޯނިން ފުންމާލުމަށް ކައްޕި އެންގި ކަމަށެވެ.
"ދޯނި ދިޔަވާން ފެށީމަ ފޯނު ދަބަހަކަށް ލައިގެން ދަބަސް ފުޅިމަދު ފޮއްޓަކަށްލައިގެން ރީނދޫ ހަންތަކަކާއެކު ފުންމާލި،" ބިދޭސީންގެ ފަރާތުން އެނގުނު މައުލޫމާތު ހިއްސާ ކުރަމުން އޭނާ ކިޔައިދިނެވެ.

އެ ފަހުން ރޭ ގާތްގަނޑަކަށް 7:00 ޖެހުމާ ހަމައަށްވެސް ތިން މީހުން ވެސް ތިބީ ކަނޑުމަތީގައި އެއްތަނެއްގައި ކަމަށާއި ނަމަވެސް ފަހުން ރަށެއްގެ އަލިކަން ފެނުމާއެކު ކައްޕި އެ ދިމާއަށް ފަތައިގަތީ ކަމަށް މައުލޫމާތު ލިބުނު ކަމަށް އޭނާ ބުންޏެވެ.
"އެ އަނދިރި ތެރޭގައި ފަތައިގަތް ފަހުން ދެތިން ފަހަރަކު ގޮވާލީމަ ވާހަކަ ދެއްކި ވާހަކަ ބުނި. އެކަމަކު އޭގެ ފަހުން ޝަފީގްގެ އެއްވެސް ހަބަރެއް ނުވޭ،" އާއިލާ މެންބަރު ބުންޏެވެ.
ދޯނި ކުއްޔަށް ނަގައިގެން ދުއްވާ ހަސަން ފައުޒީއާ މި ނޫހާ ވާހަކަ ދައްކަމުން ބުނީ އަލަމާ ދޯނި ހޯދަން ފަށާފައި ވަނީ "ދޯނި އަޑިއަށް ދަނީ" ކަމަށް ބުނެ ދޯނީގެ ކައްޕި ޝަފީގް ފޯނުން ގުޅައި އެންގި ހިސާބުން ކަމަށެވެ.
އެ ޖުމްލަ ބުނި ފަހުން ޝަފީގުގެ ފޯނު ކޯލު ކެނޑުނެވެ. އަދި އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެ އެވެ. ނަމަވެސް އިއްޔެ ހަވީރު ވަނީ ދޯނީގެ ބައިތަކެއް ފ. އަތޮޅު އުތުރުން ވަނީ ފެނިފަ އެވެ. ފެނުނު ތަކެތީގެ ތެރޭގައި ހިމެނީ މަސް ފިނި ކުރާ ފޮއްޓަކާއި ބައެއް އެހެން ތަކެއްޗެވެ. ކޯސްޓް ގާޑުން ދަނީ ޝަފީގު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.













