ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރު ހުޅުވާލުމަށްފަހު ފުރަތަމަ ފަހަރަށް އެއް ދުވަހުގެ ތެރޭގައި 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
މިއީ މި ޑިސެމްބަރު މަހުގެ ތެރޭގައި ޑެއިލީ އެރައިވަލްސް ރެކޯޑު މުގުރާލި ތިންވަނަ ފަހަރެވެ.
މި ކާމިޔާބީ ފާހަގަކޮށް ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އިއްޔެ 7،098 ޓޫރިސްޓުން އައި ކަމަށެވެ. މިއާ އެކު އިއްޔެގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ހުރީ 1،294،492 ގަ އެވެ.
މި އަހަރަށް ޓޫރިސްޓުން އަންނާނެ ކަމަށް ކަނޑައެޅި އެންމެ މަތީ ޓާގެޓަކީ 1.3 މިލިއަން ޓޫރިސްޓުންނެވެ. އެ އަމާޒަށް ވާސިލުވާން ބޭނުންވަނީ އިތުރު 5،500 އެއްހާ ޓޫރިސްޓުންނެވެ.
މިހާރު ޓޫރިސްޓުން އަންނަ އަދަދުތަކުން ލަފާކުރެވެނީ މިއަދު ނޫނީ އެންމެ ލަސްވެގެން މާދަމާ މެންދުރުކުރީގެ ވަގުތެއްގައި މި އަމާޒު ހާސިލުވާނެ ކަމަށެވެ.
ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ޑެއިލީ އެރައިވަލް ރެކޯޑުތައް
- ޑިސެމްބަރު 26 - 7،098
- ޑިސެމްބަރު 18 - 6،955
- ޑިސެމްބަރު 19 - 6،715
- ޑިސެމްބަރު 5 - 6،296
- އޮކްޓޫބަރު 16 - 6،197
މި އަހަރުގެ ތެރޭގައި މުގުރާލި އަނެއް ރެކޯޑަކީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދުގެ ރެކޯޑު (ބެޑްނައިޓްސް ރެކޯޑު) އެވެ. މި ރެކޯޑު މުގުރާލީ ޑިސެމްބަރު 15 ގަ އެވެ.
އެގޮތުން އެ ދުވަހާ ހަމައަށް 10.7 މިލިއަން ބެޑްނައިޓް ވަނީ ހަމަވެފައިވާއިރު، އަހަރު ނިމުމުގެ ކުރިން 11 މިލިއަން ބެޑްނައިޓްސް ހަމަވާނެ ކަމަށް ޓޫރިޒަމުން ލަފާކުރެ އެވެ. މި ރެކޯޑު ކުރިން ހެދި 2019 ވަނަ އަހަރު ހަމަވީ 10.6 މިލިއަން ބެޑްނައިޓެވެ.










