ދިވެހިރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ ހޯމް، ޕަބްލިކް ވޯކްސް އަދި ސްޕޯޓްސް މިނިސްޓަރު ނިޝާން އިއްޒުދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ސަރުކާރުން މިއަދު ނިންމާފި އެވެ.
އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ލިބުނު ހިތާމާގައި ގައުމީ ދިދަ ބައި ދަނޑިއަށް ދިދަ ތިރިކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގަ އެވެ.
އެމަނިކުފާނު އަވަހާރަވީ ކޮވިޑް ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.
އުމަރު ޒާހިރަކީ ސަރުކާރު މަތީ ވަރަށް ގިނަ މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް އެމަނިކުފާނު ވަނީ ފުރުއްވާފައި ވެއެވެ.

އުމަރު ޒާހިރަށް ދިވެހި ދައުލަތުން ވަނީ ނިޝާން ޢިއްޒުދީންގެ ޢިއްޒަތުގެ ޝަރަފް އަރުވައިފަ އެވެ. އަދި 1990 ވަނަ އަހަރު މިނިވަން 25 ގެ އިނާމު ވެސް ދެއްވި އެވެ. އަދި ކުޅިވަރަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް "ހަވީރު ސްޕޯޓްސް އެވޯޑްސް" ގައި ވަނީ 2016 ވަނަ އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފަ އެވެ.













