ގިނަ ދުވަހެއް ނުވެ މާލޭގެ ހުރިހާ ދިމާލަކުން ބޮޑު ތަފާތެއް ފެނިގެން ދާނެވެ. ދެން ފެންނާނީ އެކި ހިސާބުތަކުން ދިއްލާލާފައިވާ މާލެއެކެވެ. މި ބަދަލު ގެންނާނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ "މާ ޓީވީ" ތަކަކުންނެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ސްޓެލްކޯ އިން ކުރަން ނިންމާފައިވާ ގިނަ ކަންތައްތަކެއްގެ ތެރެއިން ދެން އެންމެ ކުރިއަށް އަންނާނެ ޕްރޮޖެކްޓަކީ، މާލޭގައި ސްޓެލްކޯ އިން ގާއިމުކޮށްފައިވާ ޓްރާންސްފޯމަރު ހުރި 12 ތަނެއްގަ ސްޓެލްކޯގެ "މާ ޓީވީ" (އެލްއީޑީ ސްކްރީން) ހަރުކުރުމެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް މައުޅޫމާތު ފޯރުކޮށްދީ އިސްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސްތު ދިނުން،" ސްޓްލެކޯގެ ގެ އެސިސްޓެންޓް އޮފިސާ އަމްސާދު އަހުމަދު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ސްޓެލްކޯގަ ވަނީ މާޓީވީ އެއް ބަހައްޓާފަ އެވެ. އެ ޓީވީން އާންމުންނާ ގުޅުންހުރި ހޭލުންތެރިކަމުގެ ތަފާތު މައުލޫމާތު ފޯރުކޮށްދެ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ޓްރާންސްފޯމަރު ހުންނަ ތަންތަނުގައި ހަރުކުރާ އެލްއީޑީ ސްކްރީން ތަކަށް މިހާރު ވަނީ އޯޑަރު ދީފަ އެވެ. އަމްސާދު ވިދާޅުވި ގޮތުގައި މާޓީވީގަ އިސްތިހާރު ކުރުމަށް ވަރަށް ކުޑަ އަގެއް ހަމަޖައްސާފައި ވާއިރު، ކޮންމެ އިސްތިހާރެއް ވެސް އެއް ވަގުތެއްގަ 13 ތަނަކުން ފެންނާނެ ކަމަށެވެ.
އިސްތިހާރު ކުރުމުގެ ވިޔަފާރިން، މާލެ އަށް މީގެ ކުރިން ވެސް ވަނީ އިންގިލާބު ތަކެއް ގެނެސްދީފަ އެވެ. ދެހާހުގެ ކުރީކޮޅު މާލޭ ވަރަށް ގިނަ ހިސާބު ތަކުގައި އެއް ލޮކޭޝަނެއްގަ ތިން އިސްތިހާރު ކުރެވޭ ގޮތަށް ބެހެއްޓި ޓްރައިވިޝަންތަކެއް ވެސް ފެނިގެން ދިޔަ އެވެ.










