އަނިޔާވެރި ގޮތަކަށް އދ. ދަނގެތިން ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ކަމަށް އެއްބަސްވެފައިވާ އެ ރަށުގައި ދިރިއުޅޭ ބިދޭސީއެއް ކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
އޭނާގެ މައްޗަށް އުފުލީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.
މި މައްސަލާގެ ތަހުގީގު ނިންމައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި މަހުމޫދު މަރާލި ކަމަށް ތަހުގީގުގައި އެއްބަސްވެ ސާލިމް ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި މަރާލި ކަމަށް ބެލެވޭ ސަބަބަކީ ނުވަތަ މޯޓިވަކީ ފައިސާ ހޯދުންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މަހުމޫދު އަތުން ފައިސާ ހޯދުމަށް ސާލިމް ބޭނުންވި ސަބަބުތައް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އެ ރޭ މަހުމޫދަށް ސާލިމް ދިރިއުޅޭ ގެއަށް ދައުވަތު ދިން ސަބަބު ވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަނަވެސް, އެއިން އެއްވެސް ކަމެއްގެ ތަފްސީލެއް ފުލުހުން މިއަދު ހާމައެއް ނުކުރެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، 57 އަހަރުގެ ވިޔަފާރިވެރިޔާ މަހުމޫދު ގެއްލިގެން ހޯދަނިކޮށް އޭނާ ފެނުނީ އަތް ފައި ބަނދެ، ބޮލާއި ފައި ގޯންޏަކަށްލައި، ވަޅަލަކަށް އެއްލާލާފައި އޮއްވަ އެވެ. މަހުމޫދު ފެނުނުއިރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ނިޝާނުތައް ފެންނަން ހުއްޓެވެ.
މި މައްސަލައިގައި ފުރަތަމަ އެ ރަށުގައި ދިރިއުޅުނު ތޮއްޑޫ ދެ ޒުވާނަކަށް ތުހުމަތު ކުރި ނަމަވެސް، ފުލުހުން މި މައްސަލައިގެ ތުހުމަތު ކުރަނީ ސާލިމަށް އެކަންޏެވެ. ފުލުހުން ބުނެފައި ވަނީ ސާލިމްގެ އިތުރުން މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.












