އާދީއްތަ ދުވަހުގެ ރޭ މާލޭ މަގުމަތިން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ހޯދި މަސްތުވާތަކެއްޗާ ގުޅުން ހުރި އިތުރު 91 ޕެކެޓް ހުޅުމާލޭން ހޯދައިފި އެވެ.
ފުލުހުން ވަނީ މާލޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފަށަފަ އެވެ. އެ އޮޕަރޭޝަންގައި ވެހިކަލްތައް ވެސް ބަލާ ފާސްކޮށްފައިވެ އެވެ.
އަތުލައިގަތް ޓެކްސީން ހޯދާފައި ވަނީ 28 ޕެކެޓާއި ދަބަހެކެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވީ މިދިޔަ 48 ގަޑިއިރު ތެރޭ 119 ޕެކެޓް މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އެއީ ހެރޮއިން ކަމަށް ބެލެވޭ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
އޭގެ ތެރެއިން ކޮންމެ ޕެކެޓެއްގައި ހުންނަނީ އެއް ކިލޯ އެވެ. އެހެންވެ ޖުމްލަ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް މިފަހުން ވަރުގަދަކޮށްފައިވާއިރު، ލޯންޗަކާއި ޓެކްސީއެއް ބަލާފާސްކޮށް ބަނގުރާ ފުޅިތަކަކާއެކު ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި 1000 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. އަދި އެ ތަކެއްޗާ ގުޅުން ހުރި، މަސްތުވާތަކެތި ވިއްކާ ނެޓްވޯކުތަކުގެ ވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް އޭގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނެތެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން އުޅޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުށްކުށާއި މަސްތުވާތަކެއްޗާ ބެހޭ އޮފީހުން 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން އޮތީ ހޯދާފަ އެވެ.
އަދި ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 2500 ވަރަކަށް މީހުން އުޅޭއިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް އެ ދިރާސާތަކުން ދައްކަ އެވެ.













