ލޯންޗަކާއި ޓެކްސީއެއް ބަލާފާސްކޮށް ބަނގުރާ ފުޅިތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފަސް މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭ ސަރަހައްދުންނެވެ.
ހައްޔަރުކޮށްފައިވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފިރެހެނެކެވެ.
މި އޮޕަރޭޝަންގައި އެ ލޯންޗުން ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފެނިފައިވާ ކަމަށާއި ޓެކްސީ ބަލާފާސްކުރުމުން ބަނގުރާފުޅިތަކެއް ހުރި ތިން ފޮށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ހަމަ އެ ދުވަހު ފުލުހުން ކ.މާފުށީގައި ހިންގި ދެ އޮޕަރޭޝަންއެއްގައި ހަ މީހަކު ހައްޔަރުކުރި އެވެ.

އެއީ ދިވެހި ފަސް ފިރެހެނުންނާއި ބިދޭސީ އެކަކެވެ. ބިދޭސީ މީހައަކީ ޝްރީލަންކާއަށް ނިސްބަތްވާ 28 އަހަރުގެ ފިރެހެނެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ކ.މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ.
މި މައްސަލަތަކުގައި ހައްޔަރު ކުރި މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ޑްރަގްގެ ބޮޑެތި ނެޓްވޯކްތައް ވެސް އަތުލައިގެންފައިވެ އެވެ.












