މާޒިޔާ އިން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދިޔަ 11 ދުވަހުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ފާހަގަވި ކެނދިކުޅުދޫ ޓީމުގެ 19 އަހަރުގެ ގޯލްކީޕަރު އިސްމާއިލް ރާއިފަށް ކޮންޓްރެކްޓެއް ދިނީ އޭނާއާ މެދު ބޮޑެތި އުއްމީދުތަކެއް އޮތުމުން ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން މިދިޔަ މަހު 23 އިން މި މަހު ހަތަަރަކަށް ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔައިރު، ރާއިފް ވަނީ މާޒިޔާއާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. ކެނދިކުޅުދޫ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ރާއިފް ކުޅުނެވެ. ރާއިފްގެ ކުޅުން ފާހަގަވެ، މާޒިޔާ އިން އޭނާ އަށް ވަނީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދީފަ އެވެ. މި މަސް ތެރޭގައި މާލެ އައިސް މާޒިޔާގެ ފަރިތަކުރުންތަކުގައި ރާއިފް ބައިވެރިވާން ފަށާނެ ކަމަށް މާޒިޔާ އިން ބުނެ އެވެ.
ޓްރެއިނިން ކޭމްޕަށް ފަހު އެނބުރި އައިސް މާޒިޔާ އިން މި ހަފްތާގައި މާލޭގައި ޓްރެއިނިންތައް ފަށާފައިވާއިރު، ފުރަތަމަ ސެޝަންގެ ތެރެއިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ކޯޗު މޯހަން ވަނީ ރާއިފްގެ ހުނަރާބެހޭ ގޮތުން މައުލޫމާތުތަކެއް ދީފަ އެވެ.
"ކެނދިކުޅުދޫ ކީޕަރު (ރާއިފް) ފެނިފައި، ފުރަތަމަ ދުވަހު ވެސް އަޅުގަނޑުމެން ޕްރެކްޓިހަކަށް ނެރެލައި ހެދިއިރު ވެސް ފާހަގަކުރެވުނު ހުނަރު. ހާއްސަކޮށް ފަޔަށް ވަރަށް މޮޅު ކީޕަރެއް. ވަރަށް ކޫލް ޕްރެޝަރުގައި ވެސް ވަރަށް ރަނގަޅު ޓަޗްތަކާ އެއްޗެހި ހުރި ކުޅުންތެރިއެއް. ކުޅެލީމަ އެނގުނީ އަތަށް ވެސް އެހާ މޮޅުކަން. ޑައިވް އެއްޗެއްސާއި ސޭވްތަކާ އެއްޗެހި ވަރަށް ރިފްލެކްޝަން ހަލުވި ކީޕަރެއް ކަން. ޗަބީކޮށް ހުރި ކަމުގައި ވިޔަސް ވަރަށް ރިއެކްޝަން އަވަހޭ ދަންނަވަންޖެހޭނީ،" އުމުރުން 16 އަހަރުގައި ކެނދިކުޅުދޫ ޓީމުން ފުރުސަތު ހޯދައި ފަހަކަށް އައިސް ގަވާއިދުން އެ ރަށު ޓީމަށް ކުޅެމުން އަންނަ ރާއިފްއާ ބެހޭގޮތުން މޯހަން ބުންޏެވެ.
"ދެން މަސައްކަތް ކޮށްގެން ޓްރިމް ކޮށްލާފައި ފިޓް ކޮށްލެވިއްޖިއްޔާ އަދި އިތުރަށް ހަލުވި ވެގެންދާނެ. ވަރަށް މުސްތަގުބަލު ހުރި ކީޕަރެއްގެ ގޮތުގައި ފާހަގަކުރެވެނީ،"
ރާއިފްގެ ހުނަރާ ބެހޭގޮތުން ކޯޗު މޯހަން ދެއްކި ވާހަކަތަކަށް މާޒިޔާގެ ކުޅުންތެރިން ވެސް އެއްބަސްވެ އެވެ. ޒުވާން އުމުރެއްގައި ރާއިފްގެ ފަރާތުން ފެންނަނީ ކޮންފިޑެންސް ހުރި ކުޅުންތެރިއެއްގެ ފަރާތުން ފެންނަ ހުނަރުކަމަށް މާޒިޔާގެ ބައެއް ކުޅުންތެރިން ބުންޏެވެ.
މޯހަން ބުނީ ކެނދިކުޅުދޫ ޓާފް ދަނޑަކީ މިހާތަނަށް ރާއްޖޭގައި ނެތް ވަރުގެ ލެވަލް ދަނޑެއްގެ ގޮތުގައި ބުނެވިދާނެ ކަމަށެވެ. އެހެންވެ، ޓްރެއިނިންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ޓްރެއިނިން ކޭމްޕްގެ ދުވަސްވަރު ކެނދިކުޅުދޫގެ ރައްޔިތުންގެ ފަރާތުން އެ ލިބުނު ސަޕޯޓާއި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވާލައިގެން ނިންމާލެވޭ ވަރަށް ވުރެ މާ ބޮޑު ކަމަށް މޯހަން ބުންޏެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ކުރިން ފުރި މޯހަން އަކީ އޭނާ ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން މަސައްކަތްކުރި ހަ ކްލަބްގައި ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިން ކޯޗެކެވެ.
މާޒިޔާގެ އެކެޑަމީން ކުރިއެރުން ހޯދާ ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް ބަލައި މާޒިޔާ އިން ވަނީ ޒުވާން ޓީމުން ހަ ކުޅުންތެރިއަކު ސީނިއާ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފުރުސަތު ދީފަ އެވެ. އެއީ މޯހަން ވެސް އެދޭ ކަމެކެވެ.
މޯހަން ބުނީ މާޒިޔާ އެކެޑަމީއެއް މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ. އަދި މާޒިޔާ އަކީ ހަގީގަތުގައި މަޝްހޫރު ބޮޑެތި ކުޅުންތެރިން ގެނެސްގެން ކުޅޭ ބޮޑު ޓީމެއް ކަމަށް ވިޔަސް އެކެޑަމީން އަންނަ ކުޅުންތެރިންނަށް ފުރުސަތު އޮންނަ ކްލަބަކަށް ވެސް ވާން ޖެހޭ ކަމަށް މޯހަން ބުނެފައިވެ އެވެ.
"އަޅުގަނޑުމެން އެބަޖެހޭ އެކެޑަމީގައި ކުރާ މަސައްކަތުން އެތާ ތިބޭ ހުނަރުވެރި ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ލިބޭކަން އަންގަން. ފުރުސަތު ލިބެން އޮތް މަގު ދައްކަން އެބަޖެހޭ. އެބައިންކަން މާޒިޔާގެ އެކެޑަމީ ތުރޫކޮށް މާޒިޔާގެ ސީނިއާ ޓީމަށް އައުމުގެ ފުރުސަތު،"
އެ ވިސްނުމުގައި މާޒިޔާގެ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްކުރި ކުޅުންތެރިންގެ އުމުރަކީ 16، 17 އަދި 18 އަހަރު ކަމަށް މޯހަން ބުންޏެވެ.











