72 ގަޑިއިރު ތެރޭ އަލީ ވަހީދު ހާޒިރުނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅަން ނިންމައިފި

އަސްހަދު މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަނީ: އޭނާއާމެދު ފިޔަވަޅު އަޅަން ވަނީ ނިންމާފައި

އަސްހަދު މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަނީ: އޭނާއާމެދު ފިޔަވަޅު އަޅަން ވަނީ ނިންމާފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރިއިރު، އަސްހަދު ވަނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަސްހަދުގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ދިޔަ އެވެ. އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އޭނާ ކުރިމިނަލް ކޯޓުގައި އެދުނީ ބޭސްފަރުވާ ކުރިއަށް ގެންދަން ޖެހޭތީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ.

އެ އިންތިޒާމް ކުރިމިނަލް ކޯޓުން ހަމަޖައްސައި, އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުކޮށްގެން ދެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް, އެގޮތަށް އަޑުއެހުން ކުރިއަށް ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.

އެހެންވެ, އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުން މައްސަލަ ނުބެލުމުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހިފައިގެން ދައުލަތުން ދިޔަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް ޗިޓް ފޮނުވުމުން ވެސް ރާއްޖެ ނައުމުން ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގާފަ އެވެ. އެހެންވެ އެ މައްސަލާގެ އަޑުއެހުންތައް މަޑުޖެހިފައި އޮތުމަށްފަހު މިއަދު ކުރިމިނަލް ކޯޓުން މައްސަލާގެ އަޑުއެހުމެއް ބޭއްވި އެވެ.

އާންމުކޮށް ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން ޝަރީއަތް ބޭއްވި ލައިވްކޮށެވެ. އަޑުއެހުމަށް އަލީ ވަހީދުގެ ވަކީލުންނާއި އޭނާގެ މައްޗަށް ޖާމިނުވި އަސްހަދު ހާޒިރުކުރި އެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަޑުއެހުމުގައި ވިދާޅުވި ގޮތުގައި, ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށެވެ. ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެއިތުރުން މަތީ ކޯޓުތަކަށް ވެސް އަލީ ވަހީދު ހާޒިރު ނުވެ, އެ ކޯޓުތަކުގެ ހުރުމަތް ވެސް ކަނޑާފައިވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި, ސުޕްރީމް ކޯޓުގެ އަމުރާއެކު މައްސަލާގެ އަޑުއެހުންތައް ދެން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަން ވެސް ވެސް ފާހަގަ ކުރެއްވި އެވެ.

އެހެންވެ އަލީ ވަހީދު ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ކުރިމިނަލް ކޯޓަށް ހާޒިރުވާން ގާޒީ އެންގެވި އެވެ. އޭނާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ ދިނީ އަސްހަދު ޖާމިނުވެ, އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށްވާތީ, 72 ގަޑިއިރު ތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަން ގާޒީ އިއުލާން ކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން އަސްހަދު ވިދާޅުވީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންވެ, މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އެ ވާހަކަތައް ހުއްޓުވައި އަސްހަދު އިށީންނަން ގާޒީ ހަސަން ސައީދު އެންގެވި އެވެ. އަދި އެކަމުގައި ދައުލަތުގެ ބަހެއް ހޯދި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, އަލީ ވަހީދު ފުރަން ހުއްދަ ދިނީ އަސްހަދު ޖާމިނުވެގެން ކަމަށްވާތީ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން އަސްހަދަށް ފިޔަވަޅު އަޅަން ދައުލަތުން އެދުނެވެ. ފުރަތަމަ ފަހަރު އެދުނީ ހަތަރު މަސް ހަމަވުމާއެކު އެވެ. ނަމަވެސް, އޮންލައިން އަލީ ވަހީދު ކޯޓަށް ހާޒިރުވެފައިވާ ކަމަށް ބުނެ އޭރު އަސްހަދަށް ފިޔަވަޅެއް ނާޅަ އެވެ.

އޭގެފަހުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ ގޮތުން ނެރުނު ހުކުމްގައި އެކަމާ ކަންބޮޑުވެ, އަސްހަދަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަލީ ވަހީދު ޝަރީއަތަށް ފިލައިގެން އުޅޭ މައްސަލާގައި އޭނާ ހާޒިރުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ މީހާއަށް ފިޔަވަޅު އެޅުން ގާނޫނީ އަދި ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

އެ ހުކުމާ ގުޅިގެން އަސްހަދަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް, އެއީ ކުރިން ވެސް ގޮތް ނިންމާފައިވާ ކަމަށް ވިދާޅުވެ, އޭރު ގާޒީ ހަސަން ސައީދު އެކަމާމެދު ގޮތެއް ނުނިންމި އެވެ.

ޖާމިނުވުމާއި އޭގެ ގާނޫނީ ޒިންމާ!

އަލީ ވަހީދު ވީތަނެއް ނޭނގޭކަން ޝަރުއީ ކޯޓަކަށް އޭނާއާ ޖާމިނުވީ އަސްހަދު އެންގިއިރު، މިކަމުގައި ހުރި ގާނޫނީ ނުކުތާތައް އެނގުން މުހިންމެވެ.

ޖާމިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ މިކަމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަސްހަދު ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ނަމަވެސް، މި ހާލަތުގައި އަލީ ވަހީދު ހުންނެވީ ބަންދުގައި ނޫން ކަމުން މި މާއްދާއަށް ސީދާ ނުފެތެވެ. އަލީ ވަހީދުގެ ހާލަތާ ގުޅޭ މާއްދާއެއް އޮތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގަ އެވެ. އެ ގަވާއިދުގެ 26 ވަނަ މާއްދާގައި ހާއްސަކޮށްފައިވަނީ މީހަކު ޖާމިނުވުމުން ފުރުމުގެ ހުއްދަ ދިނުމާ އެވެ.

"ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށްފައިވާ މީހަކު ރާއްޖެއިން ބޭރަށް ދާން ބޭނުންވެގެން އެހެން މީހަކު ޖާމިނުވެ، ޕާސްޕޯޓް ދޫކުރެވޭ މީހާ ނުފިލާނެ ކަމާއި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެއަށް އަނބުރާ ގެންނާނެ ކަމަށް ޖާމިނުވާ މީހާ އިގުރާރުވުމުން ޕާސްޕޯޓް ދޫކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ،" އެ މާއްދާގައި އޮތީ މިހެންނެވެ.

ދެން، އެ މާއްދާގައި ބުނަނީ ޖާމިނުވާ މީހާ އިގުރާރާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް އޮތް ކަމެވެ. އެއްބަސްވުން ހެދިިއިރު, ގަވައިދުގައި އެ މާއްދާ އޮތް ނަމަވެސް, މިހާރު ސުޕްރީމް ކޯޓުން ވަނީ މާއްދާ އުވާލާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ.

އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛

ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛

15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛

ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox