ދިވެހިންގެ ތެރޭގައި އޮންނަ ދީނީ އަގީދާއަށް ފުރައްސާރަކޮށްގެން ނުވަތަ އެފަދަ އަމަލެއް ހިންގައިގެން 21 މައްސަލައެއް މިދިޔަ ތިން އަހަރުގެ ތެރޭގައި ފުލުހުން ތަހުގީގުކޮށްފައިވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ނުހިތާ މީހުންނާމެދު ފުލުހުން ފިޔަވަޅު ނާޅާ ކަމަށް ނުބުނެވޭނެ ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ދީނީ އަގީދާއަށް ފުރައްސާރަ ކުރި 21 މައްސަލައެއް ބަލައި ތިން މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ހަގީގަތުގައި މިދިޔަ ތިން އަހަރަށް ބަލާއިރު ވެސް އަޅުގަނޑުމެން މި ވަނީ ދީނީ އަގީދާއާ ދެކޮޅަށް އެއްވެސް އެއްޗެއް ގަސްދުގައި ބުނުން ނުވަތަ އަމަލެއް ހިންގައިގެން މައްސަލަތަކެއް ތަހުގީގުކޮށްފަ. ހާއްސަ ގޮތެއްގައި މައްސަލަތަކެއް ޕްރޮސެކިއުޓް ކުރުމަށްޓަކައި ފޮނުވައިފަ،" ހަމީދު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ 31 މައްސަލައެއް ވެސް ފުލުހުން ބަލާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް ޓެރަރިޒަމަށް ހިތްވަރުދީގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމެއް ހަމީދު ވިދާޅެއްނުވެ އެވެ.
ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މީހުންނާމެދު ފިޔަވަޅު ނާޅާ ކަމަށް އާންމުކޮށް ސޯޝަލް މީޑިޔާގައި ބުނަން ފެށީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މައްސަލައިގައި އެމްޑީއެން އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ނިންމައި އެ ޖަމިއްޔާ އުވާލައިފަ އެވެ.

އެކަމަކު ދީނީ އެކި މައުލޫތަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނަމުންދިޔައީ އެމްޑީއެން އުވާލައިގެން ނުފުދޭނެ ކަމަށާއި އެ ޖަމިއްޔާގެ ބޯޑު މެމްބަރުންނަށް ވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.












