މުޅި ސެމިސްޓާ އޮންލައިންކޮށް ކިޔެވުމަށްފަހު، ޔުނިވާސިޓީއަށް ހާޒިރުވެގެން އިމްތިހާނު ހަދަން އުޒުރުވެރިވެ، ދަރިވަރުންގެ ޕެޓިޝަނެއް އިސްލާމިކް ޔުނިވާސިޓީއަށް ހުށަހަޅައިފި އެވެ.
300 އަށްވުރެ ގިނަ ދަރިވަރުންގެ ސޮޔާއެކު މި ޕެޓިޝަން އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް ބޯޑަށް ހުށަހަޅާފައި ވަނީ މިއަދު އެވެ. އެ ޕެޓިޝަނުގައި ސޮއިކުރި ދަރިވަރުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ.
އެގޮތުން އެންމެ ގިނަ ދަރިވަރުން ފާހަގަކުރާ އެއްކަމަކީ އޮންލައިންކޮށް ކިޔަވައިދިން އިރު، ފިލާވަޅުތައް ދަރިވަރުންނަށް ރަނގަޅަށް ފަހުމްކޮށްދެވިފައި ނުވާ ކަމެވެ. އަދި އިންޓަނެޓްގެ ގިނަ މައްސަލަތައް ދިމާވި ކަމާއި، ބައެއް މާއްދާތަކުގެ ގަޑިތައް ބަރާބަރަށް ނަގާނުދެވި ލެކްޗާތަކުގެ ފެންވަރު ދަށް ކަމުގެ ކަންބޮޑުވުމެވެ.
މި ސަބަބުތަކަށްޓަކައި މި ސެމިސްޓާގެ ފަހު އިމްތިހާން ހާޒިރުވެގެން ބާއްވައިފި ނަމަ، ގިނަ ދަރިވަރުން ފާސްނުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ދަރިވަރުން ބުންޏެވެ.
"އޮންލައިންކޮށް ކިޔަވާތީ ދަރިވަރުގެ ސިކުނޑިވެސް ވަރަށްބޮޑަށް ބައްޓަންވެފައި އިންނަނީ އެގޮތަށް، އެހެންކަމުން ފިޒިކަލްކޮށް ޓެސްޓް ހެދުމަކީ ދަރިވަރުގެ ނަތީޖާއަށް ވަރަށް ބޮޑަށް ނޭދެވޭ ބަދަލު އަންނާނެ ކަމެއް ކަމަށް އަޅުގަނޑު ގާބޫލުކުރަން އަދި އެކި މާއްދާތަކުން ނަގަންޖެހޭ ހުރިހާ ކްލާސް ޓެސްޓުތަކެއް ނަގާފައިވަނީ އޮންލައިންކޮށްކަން މިފުރުސަތުގައި ފާހަގަކުރަން،" މާސްޓާސް އޮފް އާޓްސް އިން ގްރުއާނިކް ސްޓަޑީސްގެ ދަރިވަރަކު ފާޅުކުރި ޝުއޫރުގައި ވެއެވެ.

އޭނާ އިތުރަށް ބުނީ އެހާ ބޮޑު ހަރަދެއް ކޮށްގެން ކިޔަވާއިރު ހުރިހާ ދަރިވަރުންވެސް ރަނގަޅު ނަތީޖާ ހޯދަން ބޭނުންވާނެ ކަމަށާއި، ކިޔަވާ ދާއިރާއިން ކުރިޔަށްދިޔުން ވެސް ގުޅިފައިވަނީ ލިބޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
އެހެންކަމުން ޔުނިވަސިޓީއިން ދަރިވަރުންގެ މިއެދުން ގަބޫލުކޮށް، މިކަން ހައްލު ކޮށްދޭނެކަމަށް އޭނާ އުއްމީދު ކުރެ އެވެ.
މީގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގައި މާލީ ހާލަތު ގޯސްވެ، ރަށްރަށަށް ބަދަލުވި ކުދިން އެ ހިސާބުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ގޮސް، އިމްތިހާން ހަދަން އެތައް ހަރަދެއް ދާނެކަންވެސް ޕެޓިޝަނުގައި ސޮއިކުރި ބައެއް ދަރިވަރުން ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ސެންޓަރު ގާއިމުކުރެވިފައިވާ ރަށަށް ދިއުމުގެ ހަރަދާއި، އެރަށުގައި 14 ދުވަހު އިމްތިހާން ހަދަން މަޑުކުރުމުގެ ހަރަދާއި، ކެއުމުގެ ހަރަދަށް ގިނަ ފައިސާތަކެއް ހޭދަވެ، ދަރިވަރުންނަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށް ބުނެ އެވެ.
"ޔުނިވާސިޓީގައި މާލެއިން ބޭރުގެ ގިނަ ދަރިވަރުން ތިބުމާއެކު، ކޮވިޑްގެ ހާލަތާ ގުޅިގެން އެހެން ސިޓީތަކާއި ހިސާބުތަކަށް ގިނަ ދަރިވަރުން ވަނީ ދިރިއުޅުން ބަދަލުކޮށް ސެޓުލްވެފައި. ކަންމިހެން ހުރި އިރު އޮންލައިންކޮށް، އެއްކޮށް ކޯސްގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްފަހު، އަތޮޅުތެރޭގެ ދަރިވަރުންގެ ހާލަތަށް ރަނގަޅަށް ރިއާޔަތް ކުރުމެއް ނެތި، އެކްޒާމްއަށް އެރަށަށް ދާން އެންގުމީ ބޮޑެތި ހަރަދު ތަކެއް ހިންގާނެ ކަމެއް. މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑާޝިޕްގެ ދަރިވަރެއް ހިއްސާކޮށްފައިވާ ޝުއޫރުގައި ވެއެވެ.
އަދި އޮންލައިން ކްލާސް ތަކުގައި ފިޒިކަލީ ޕްރެސެންޓެޑް އިމްތިހާނަކަށް ތައްޔާރު ކޮށްދެވިފައި ނުވާތީ، ދަރިވަރުންގެ ހާލަތަށް ރިއާއަތްކޮށް، ފަހު އިމްތިހާނުތައް އޮންލައިކޮށް ބޭއްވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދިފައި ވެއެވެ.
މި ޕެޓިޝަނުގައި އިސްލާމިކް ޔުނިވާސިޓީގައި އޮންނަ ނުވަ ކުއްލިއްޔާގެ ދަރިވަރުން ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ހުރިހާ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރުން ހިމެނެ އެވެ.
ޕެޓިޝަން ލުމުގައި އިސްކޮށް އުޅުނު ދަރިވަރަކު "އަދަދު"އަށް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ އޮރިއެންޓޭޝަން ބޭއްވި ދުވަހު ފިޒިކަލްކޮށް ޓެސްޓު ބާއްވާނެކަން އިއުލާންކޮށްފައި ވެއެވެ. އަދި ކޮވިޑްގެ ހާލަތަށް ރިޔާއަތްކޮށް، ކުލާހަށް ހާޒިރުވެގެން ކިޔަވައިދޭ ގޮތަށް ފަހުން ބަދަލުކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ފާހަގަކޮށްފައި ވެއެވެ.
އޭނާ ބުނި ގޮތުގައި އެހިސާބުން ފެށިގެން ދަރިވަރުން އައީ އޮންލައިންކޮށް ކިޔަވައިދިނުމަށްފަހު ފިޒިކަލްކޮށް އެކްޒާމް ހެދުމާއި ދެކޮޅަށް ވަކާލާތުކުރަމުންނެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުވެ، ކްލާހަށް ހާޒިރުވެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލުމާއެކު ދަރިވަރުން އެކަމަށް ލެކްޗަރާއިން ގާތު އެދުނު ކަމަށްވެސް އެ ދަރިވަރު ބުންޏެވެ.
ނަމަވެސް ކްލާސްތައް ތައްޔާރު ނުވާތީ އެކަމަށް ލެކްޗަރާރުން އިއުތިރާޒުވި ކަމަށް ވެއެވެ. އެހިސާބުން ފެށިގެން އޮންލައިންކޮށް ކިޔަވައި ދިނުމަށްފަހު ކޮލެޖަށް ހާޒިރުވެ، ޓެސްޓު ހަދަން ނިންމާފައިވާ ނިންމުން މުރާޖާކޮށްދިނުމަށް ޔުނިވާސިޓީގައި އެދެމުން ދިޔަ ކަމަށް އޭނާ ބުންޏެެވެ.
ދަރިވަރުންގެ އެދުމާ އެއްގޮތަށް ލެކްޗަރާއިން ވެސް އެ ގޮތަށް އެއްބަސްވާކަމަށް ދަރިވަރުން ބުނެ އެވެ.
ނަމަވެސް އެ ކަންބޮޑުވުންތައް މެނޭޖެމެންޓް ލެވެލްއާއި ހިސާބަށް ގެންދެވިފައި ނުވާކަން ދަރިވަރުންނަށް ދާދިފަހުން އެނގުނު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ފިޒިކަލްކޮށް ކްލާހަށް ހާޒިރުވެގެން މާލޭގެ ސްކޫލްތަކުގައާއި، ގައުމީ ޔުނިވާސިޓީގައިވެސް ކިޔަވައިދެމުން ގެންދާއިރު، އިސްލާމިކް ޔުނިވާސިޓީގައި އެފަދަ އިންތިޒާމްތައް ހަމަނުޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މިދިޔަ ސެމެސްޓާގައި ގައުމީ ޔުނިވާސިޓީގެވެސް ބޮޑުބައެއް އޮންލައިންކޮށް ކިޔަވައިދިނުމަށްފަހު ފިޒިކަލްކޮށް ޓެސްޓު ބާއްވަން ނިންމުމާ ގުޅިގެން ދަރިވަރުން އެކަމ ކަންބޮޑުވުން ފާޅުކޮށް، ޕެޓިޝަނެއް ލުމުން އެ ނިންމުން މުރާޖާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ވިލާ ކޮލެޖާއި، އެވިޑް ކޮލެޖްގެ އިތުރުންވެސް އެހެނިހެން ކޮލެޖްތަކުގައިވެސް އޮންލައިންކޮށް ކިޔަވައިދިނުމަށްފަހު ޓެސްޓު ބާއްވަނީ އޮންލައިންކޮށް ކަން އެ ދަރިވަރު ފާހަގަކުރި އެވެ.
އެ ދަރިވަރު ބުނި ގޮތުގައި މި ޕެޓިޝަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ހުށަހަޅާނެ އެވެ.
މިކަމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ބަހެއް ހޯދުމަށް މި ނޫހުން މަސައްކަތް ކޮށްފައި ވީނަމަވެސް އާންމުކޮށް މައުލޫމާތު ދެއްވާ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ކާމިޔާބުވެފައި ނުވެ އެވެ.












