އިބްރާހިމް މުހައްމަދުގެ ސައިކަލް މަޑި ދަށުންނާއި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނެވެ. އެކަން ސާބިތުކުރާނެ ރިޕޯޓްތަކާއެކު ދައުލަތުގައި އަތުގައި ހެކި އެބަ ހުއްޓެވެ. އެކަމަކު, މައްސަލަ ނިމުނީ ދައުލަތާ ދެކޮޅަށެވެ. އިޖުރާއީ ކުޑަ ގޯހަކުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއިން އިބްރާހިމް މުހައްމަދު ސަލާމަތްވީ އެވެ.
އިބްރާހިމް މުހައްމަދު ހުއްޓުވައި އޭނާގެ ސައިކަލް މަޑިދަށް ފާސްކޮށް ނެގި ތަކެތީގެ އިންވެންޓްރީއެއް ދީފައެއް ނުވެ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލާފާސްކުރުމަށްފަހު ހޯދި ތަކެތީގެ އިންވެންޓްރީއެއް ވެސް ދީފައި ނުވެ އެވެ.
ނަމަވެސް, މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ފުލުހުން ފުރިހަމަ ކުރަން ޖެހޭނެ އިޖުރާއަތެކެވެ. އެހެންވެ, ކުރިމިނަލް ކޯޓުން ކަނޑައެޅީ އެ އިޖުރާއަތް ފުރިހަމަ ކޮށްފައިނުވުމަކީ އޭގެ ފައިދާ ދައުވާ ލިބޭ މީހާއަށް ކުރަން ޖެހޭނެ ކަމެއްގެ ގޮތުގަ އެވެ.
މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނި ގޮތުގައި ގާނޫނާ ހިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ހޯދާ ހެކި ޝަރީއަތަށް ބަލައިނުގަނެވޭނެ އެވެ.
"އަމަލު ކުރަން އޮންނަ އެއްވެސް އިޖުރާއަތެއް ދޫކޮށްލައިފިނަމަ މުއްތަހަމަށް ގާނޫނުގައި ލިބިދީފައިވާ ހައްގުތަކުން މަހްރޫމްވާނެ ކަމާއި މިއިން ހައްގަކުން މަހްރޫމްކުރުމަކީ އިންސާފުވެރި ހުކުމާ ހަމައަށް ވާސިލްވުމަށް ހުރަސްއެޅޭނެ ކަމެއް," ހުކުމްގައި ވެއެވެ.

"ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށް ވާނެ."
އެހެންވެ, މި މައްސަލާގައި ޖިނާއީ މަސްއޫލިއްޔަތު އިބްރާހިމް މުހައްމަދު އުފުލަން ނުޖެހޭ ކަމަށް ކަނޑައަޅައި, ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މައްސަލަ ނިންމެވި އެވެ.
ދައުލަތާ ދެކޮޅަށް އައި މި ހުކުމުން ހާމަވާން އޮތީ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމެވެ. އޭގެ ސަބަބުން ކުށް ސާބިތުވުމުގެ ފުރުސަތު ބޮޑު މީހަކު ދޫވެގެން ދިޔުމެވެ. މިކަމުގެ ކަންބޮޑުވުމާއެކު, ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމަށް ނިންމަވާފަ އެވެ.
ޝަމީމް ގަބޫލު ކުރައްވާ ގޮތުގައި އިހުމާލުގެ މައްސަލަ ބަލަން ޖެހެ އެވެ. އެކަމަކު, މުޅި މައްސަލާގެ މައުލޫއަށް އަސަރު ނުކުރާ (ޑްރަގް ފެނުނުކަމާމެދު ސުވާލެއް ނެތްނަމަ) އެއީ ބަލައިގަނެވޭނެ ކަމެކެވެ. އެފަދަ ހާލަތުގައި ހަމައެކަނި އިޖުރާއީ ގޯހަށް ބަލައި މައްސަލަ ނުނިންމޭނެ އެވެ.
އޭނާ މި ވާހަކަ ގެންނެވީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ މުހިންމު ނިންމުމަކަށް ރިއާޔަތްކޮށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އަލީ ޒުބައިރު ކިޔާ މީހަކު ބަންދު ކުރި އަމުރު, އޭނާގެ ފަރާތުން ސުޕްރީމް ކޯޓުން އިސްތިއުނާފުކުރުމުން ނިންމާފައިވާ މި ނިންމުމުގައި އިޖުރާއަތެއް ގޯސްވުމުގެ ނަތީޖާއަކީ ކޮބައިކަމާމެދު ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައި ވެއެވެ.
އެގޮތުން ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ލިޔުއްވާފައިވާ ގޮތުގައި އިޖުރާއަތުގެ ތަންފީޒުކުރާ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން ގާނޫނުއަސާސީގެ ދަށުން ލިބެން ޖެހޭ ހައްގެއް ގެއްލިގެން ނުދާނަމަ, އަދި އެ ހިލާފުވި އިޖުރާއަރަކީ ރަނގަޅު ކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއްނަމަ އެކަމެއް ރަނގަޅު ކުރުމާއެކު އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެ އެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގިނަ އިޖުރާއަތްތަކަކީ އަސާސީ ހައްގަކަށް, މައްސަލައިގެ ނިޔާއަށް އަސަރު ނުކުރާ, ގޯސްކޮށް ކުރެވިއްޖެނަމަ ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ އިޖުރާއަތްތަކެވެ.
އެފަދަ އިޖުރާއަތްތައް ގާނޫނުގައި ބުނެފައިވާ ގޮތަށް ބުނެފައިވާ ވަގުތުތަކުގައި ނުކުރެވިވާނަމަ, އެކަމެއް ކުރަން ތިބި ބައެއްގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމުގައި އެ ކަންކަމަށް ފިޔަވަޅު އެޅިގެންދާނެ އެވެ.
"އެއީ ފުލުހުން ވިޔަސް, ޕަބްލިކް ޕްރޮސިކިއުޓަރުން ކަމަށް ވިޔަސް, މައްސަލަ ބަލާ ފަނޑިޔާރު ވިޔަސް, މަސައްކަތުގެ ފެންވަރު ބެލުމުގައި އެ ކަންކަމަށް ބެލޭނެ, ތައުދީބީ ފިޔަވަޅު ވެސް އެޅޭނެ," ފަނޑިޔާރު ލިޔުއްވި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތަކާ ހިލާފުވުމުން މުޅި އެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ވެގެންދާނީ ދެ ހާލަތެއްގަ އެވެ;
- ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލީކަމަކާ ހިލާފުވުމުން
- އެ އިޖުރާއަތު އެއްވެސް މިންވަރަކަށް ނުހިންގައި މުޅި އެ އިޖުރާއަތު ބޮލާލައި ޖަހާފައިވާނަމަ
ސުއޫދު ވިދާޅުވި ގޮތުގައި ގާނޫނެއްގައި ވަކި ގޮތަކަށް ކަންކުރަން ޖެހޭ ކަމަށް ބުނެފައިވަނިކޮށް އެކަން ކުރަން އޮތް ގޮތް ނޫން ގޮތަކަށް ނުވަތަ އެންމެ ފުރިހަމަ ނޫން ގޮތަކަށް އެކަން ކޮށްފިނަމަ ނުވަތަ އެފަދަ ގޮތަކަށް އިޖުރާއަތެއް ހިންގައިފިނަމަ ނުވަތަ އެކަމެއް ކުރަން އޮތް މުއްދަތުގެ ފަހުން އެކަން ކޮށްފިނަމަ, އެފަދަ ކަންކަން ބެލެވޭނީ އެއީ އިޖުރާއީ ހިލާފެއް ކަމަށެވެ.
އެކަމުގެ ސަބަބުން އެ މައްސަލައެއްގައި ސުވާލު އުފެދިފައިވާ މުޅި ޖިނާއީ އިޖުރާއަތު އެއީ ޣައިރު ގާނޫނީ އިޖުރާއަތަކަށް ވެގެން ނުދާނެ އެވެ.
ސުވާލު އުފެދިފައިވާ ކަމަކީ ޣައިރު ގާނޫނީ ކަމެއްތޯ ނުވަތަ އިޖުރާއަތާ ހިލާފު ކަމެއްތޯ ބަލާނެ ފަސޭހަ ޓެސްޓެއް ވެސް ފަނޑިޔާރު ސުއޫދު ވަނީ ހުކުމްގައި ހިމަނުއްވާފަ އެވެ; "ގާނޫނުގައި އެކަން ބަޔާންކޮށްފައިވާ އިބާރާތަށް ބެލުން,"
އެގޮތުން, ސުއޫދު ވިދާޅުވި ގޮތުގައި އިޖުރާއީ ގާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައިވަނިކޮށް އެ ނޫން ގޮތަކަށް އެކަންކޮށްފިނަމަ ބެލެވޭނީ އެކަމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. އެއާ ހިލާފަށް އިޖުރާއަތާ އެއްގޮތް ނޫން އަމަލަކީ އިޖުރާއީ ގާނޫނުގައި އެކަން ކުރުން ލާޒިމްކޮށްފައިވާ ހާލަތުގައި އެކަން ކުރަން ކަނޑައަޅާފައިވާ އެންމެ ފުރުހަމައަށް އެކަން ކޮށްފައި ނެތުމެވެ. އުނިކަންތައްތަކާއެކު އެކަން ކޮށްފައި އޮތުމެވެ.
"ނަމަވެސް އެފަދަ އުނިކަމަކީ ތޮބީއީ އިންސާފުގެ ހަމަތަކާ ހިލާފު އުނި ކަމަކަށް ނުވަތަ އައިބަކަށް ވެގެން ނުވާނެ އެވެ. ޣައިރު ގާނޫނީ ކަމަކީ އެއްވެސް ހާލެއްގައި ގާނޫނީ ކަމަކަށް ފަހުން ނެހެދޭނެ އެވެ." ހުކުމްގައި އެވެ.
"...އެއާ ހިލާފަށް އިޖުރާއަތާ އެއްގޮތް ނޫން ކަމަކީ ފުރިހަމަކޮށް އިސްލާހުކުރުމުހެ ފުރުސަތު އޮންނާނެ ކަންކަމެވެ."
އެހެންކަމުން އިބްރާހިމް މުހައްމަދު ގޮވައިގެން ޕްރޮސިކިއުޓާ ޖެނަރަލް ހައިކޯޓަށް ދާ މައްސަލާގައި އެ ކޯޓަށް ކަނޑައަޅަން އޮތް ކަމަކީ މިއީ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގައިވާ އިޖުރާއަތެއް ދޫކޮށްލުމަކީ ޣައިރު ގާނޫނީ ކަމެއްތޯ ނުވަތަ އިޖުރާއީ ހިލާފެއްތޯ އެވެ. އެ އިޖުރާއަތަކީ ފަހުން ރަނގަޅު ކުރުމުގެ ފުރުސަތު އޮތް އިޖުރާއަތެއްތޯ ބެލުމެވެ. އަދި, އޭގެ ސަބަބުން އަސާސީ ހައްގެއް ގެއްލި, މައްސަލައިގެ ނިޔާއަށް އަސަރު ކުރެވޭތޯ އެވެ.












