މާފަންނުގައި ހުންނަ މިފްކޯ މަސްފިހާރައިން ފައިސާތަކެއް ވަގަށް ނެގި މައްސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އެފްއޭއެމް ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި ހުންނަ އެ ފިހާރައަށް ވަގުން ވަނީ އިޝާ ނަމާދަށް ބަންދުކޮށްފައި ހުއްޓާ، ކަށިގަނޑަކުން ދޮރު މަތާލައިގެންނެވެ. އެތަނުގައި ސަތަރިގަނޑެއް ބާއްވާފައި އޮތެވެ. ބެލެވެނީ ދޮރު މަތާލީ ސަތަރިގަނޑުން ވަށައިގެން ބަންދުކުރުމަށް ފަހު އެތަނުގައި މަސައްކަތެއްކުރާ ކަމަށް ދައްކައިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މިފްކޯ މަސްފިހާރައިން ވައްކަން ކުރި މައްސަލާގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ 12:25 ހާއިރު އެވެ.
އެނގިފައިވާ ގޮތުގައި އެތަނުން ގެންދިޔައީ އިއްޔެގެ މެންދުރުފަހުގެ ކަލެކްޝަނުގައި ހުރި 30،000ރ. އެވެ.













