އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އަންނަ އަހަރުގެ ފެބްރުއަރީ އިންޓޭކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އައިޔޫއެމްއިން އިން 56 ކޯހެއް އަންނަ އަހަރު ހިންގާނެ އެވެ. އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 އިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ 1:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އިއުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓާސް ލެވެލްގެ 12 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯހަކާއި، ބެޗްލާސް ލެވެލްގެ 11 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ ކޯހަކާއި ޑިޕްލޮމާގެ 11 ކޯހަކާ އެކު ސެޓްފިކެޓް ލެވެލްގެ 20 ކޯހެވެ.
ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގް، ފިގުހް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖާނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ގުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެ އެވެ.
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި އައިޔޫއެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ގާއިމު ކުރެވިފައިވާ އައިޔޫއެމްގެ ލާނިންގް ސެންޓަރުގައި ކޯސްތައް ކުރިއަށްދާނެ އެވެ.

މީގެ އިތުރުން ޔުނިވާސިޓީން ލ. ފޮނަދޫ އާއި ފުވައްމުލަކު ސިޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމު އައިޔޫއެމް ލާނިން ސެންޓަރަށް ހުށަހެޅުމަށް އައިޔޫއެމުން ވަނީ އެދިފަ އެވެ.













