ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަތުން ބަލިވެއްޖެ އެވެ.
ބަންގްލަދޭޝްގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުން ލަންކާ ވަނީ 67-56 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މިއަދު ރާއްޖޭގެ މައްޗަށް އިންޑިއާ އިން ކުރިހޯދީ 88-31 އިންނެވެ.
އަނިޔާގެ ސަބަބުން ގައުމީ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) އަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ވަނީ ރިކަވާވެގެން މި މެޗުގައި ކުޅެފަ އެވެ. ފުރަތަމަ ކުއާޓަރުގައި އިންޑިއާ އިން ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އެ ގޮތުން އެ ޓީމުން މި ކުއާޓަރު ނިންމާލީ 26-4 އިންނެވެ. ދިވެހި ޓީމުގެ ފުރަތަމަ ޕޮއިންޓްތައް އެއްކުރީ ޒަބީ އާއި އިބްރާހިމް ރަޝްވާން (ޗިކު) އެވެ.
ރާއްޖޭގެ ޓީމުން މިއަދުގެ މެޗުގައި ގިނަ ކުޅުންތެރިންނަށް މިނިޓް ދިނުމުގެ ގޮތުން ރޮޓޭޓްކުރި އެވެ. އެ ގޮތުން ޒުވާން ކުޅުންތެރިޔާ މުހައްމަދު އައިކް ނީޝަމް ވެސް ވަނީ އެކަށީގެންވާ ގިނަ ވަގުތު ކުޅެ، މުހިއްމު ތަޖުރިބާތަކެއް ހާސިލްކޮށްފަ އެވެ.
ދެ ވަނަ ކުއާޓަރު ނިންމާލިއިރު، އިންޑިއާ ކުރީގައި އޮތީ 54-11 އިންނެވެ. އަދި ރަނގަޅު ކުޅުން ދަމަހައްޓައި ގޭމް މެނޭޖްކޮށްގެން ބާކީ ދެ ކުއާޓަރު އިންޑިއާ ނިންމާލީ ރަނގަޅު ލީޑަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ކޯޗަކަށް ހުރީ ކުރިން ގައުމީ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކޮށް ފަހުން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ފެނުނު ބާސްކެޓްގެ ކާމިޔާބު ތަރި، އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. އިއްލެގެ އެސިސްޓަންޓުންނަކީ 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ އެވެ.
ރާއްޖޭން ސާބާ ޗެމްޕިއަންޝިޕްގައި ކުޅޭ ދެ ވަަނަ މެޗުގައި ކުރިއަށް އޮތް ދެ ދުވަހު އަނެއް ދެ މެޗު ކުޅޭނެ އެވެ. މާދަމާ ބަންގްލަދޭޝްއާ ކުޅޭނެ އެެވެ. އަދި ތިން ވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ކުޅޭނީ ބުރާސްފަތި ދުވަހު އެވެ. ރާއްޖޭން ޓާގެޓްކުރަނީ މި މުބާރާތުން މެޑަލަކަށެވެ.













