ޒިކުރާ މިސްކިތް ހުރި 10 ބުރީގެ ޒަމާނީ އިސްލާމިކް ސެންޓަރެއް އެޅުމުގެ ޕްރޮޖެކްޓު ހަވާލު ކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު. ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރި ޖިނާއީ ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އުފުލި ދައުވާ ޒިޔާދުގެ މަައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިސްތިއުނާފް ކުރުމަށް އެ އޮފީހަށް ލިބޭ 60 ދުވަހުގެ ތެރޭގައި އެ މައްސަލަ ހައި ކޯޓަށް ފޮނުވުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ޖުމްލަ އަގު 130 މިލިއަން ރުފިޔާއަށް އަރާ އެ ޕްރޮޖެކްޓު އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ އޯޕަން ބިޑިން މަރުހަލާއެއް ނެތި ސަރުކާރުން ޕްރޮޖެކްޓް އެވޯޑް ކުރާ ގޮތަށެވެ. ޖުމްލަ ތިން ބިޑުގެ ތެރެއިން އެސްޖޭއަށް މަސައްކަތް އެވޯޑް ކުރުމަށް ފެންނަ ކަމަށް ފައިނޭންސް މިނިސްޓްރީން އޮތީ ބުނެފަ އެވެ. އަދި އެ މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް ރައީސް އޮފީހުން އޮތީ އިސްލާމިކް މިނިސްޓްރީއަށް އަންގައިފަ އެވެ.
އެ މަސައްކަތް އެވޯޑު ކުރުމުގައި ސަރުކާރުގެ ވިސްނުން ހުރީ އިމާރާތް ކުރާ ފަރާތަށް އިމާރާތުގެ ތިން ބުރި އަދި ސަރުކާރަށް ހަތް ބުރި ހޯދުމެވެ. ނަމަވެސް ޖުލައި، 2018، ގައި ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު އޮތީ، އެސްޖޭއަށް އިމާރާތުން ހަތަރު ބުރި އަދި ސަރުކާރަށް ހަ ބުރި ލިބޭ ލިބޭ ގޮތަށެވެ. އެއީ ޒިޔާދުގެ މައްޗަށް ދައުވާ އުފުލި މައިގަނޑު ސަބަބެވެ.

އޭގެ އިތުރުން، އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އެސްޖޭއަށް އިސްލާމިކް މިނިސްޓްރީން ދިން ނަމަވެސް އިސްލާމިކް ސެންޓަރުގެ މަސައްކަތް ކުރިއަށް ގޮސްފައިނުވުމަކީ ވެސް ޒިޔާދުގެ މައްޗަށް ދައުވާ އުފުލި ސަބަބެކެވެ.
އެ މައްސަލައިގައި ޒިޔާދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ އޭނާ އެއްބަސްވުމުގައި ސޮއިކުރިއިރު އެސްޖޭއަށް އިމާރާތުން ހަތަރު ބުރި އަދި ސަރުކާރަށް ހަ ބުރި ލިބޭ ގޮތަށް އެގްރިމެންޓުގައި ލިޔެފައި އޮތީ އޮޅުމަކުން ކަމަށެވެ. އަދި އޮޅުން އިސްލާހު ކުރުމަށް މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވެފައިވެ އެވެ.
އެގްރިމެންޓުގައި އޮތް ކުށް އިސްލާހު ކުރުމަށްޓަކައި އެސްޖޭ ކޮންސްޓްރަކްޝަން އެ މިނިސްޓްރީއަށް ހާޒިރުވުމަށް އެންގި ކަމަށް ޑރ. ޒިޔާދު އޮތީ ޝަރީއަތުގައި ވިދާޅުވެފަ އެވެ. އަދި އެ އީމެއިލް ފޮނުވި މުވައްޒަފު ވެސް ކޯޓަށް ހާޒިރުވެ އެ މައްސަލައިގައި ވަނީ ހެކިބަސް ދީފަ އެވެ.
އަންގާރަ ދުވަހު ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވަމުން ކަނޑައަޅުއްވާފައި ވަނީ ޒިކުރާ މިސްކިތް ޕްރޮޖެކްޓުގެ އެއްބަސްވުމުގައި އެސްޖޭއަށް އިމާރާތުގެ ހަތަރު ބުރި ލިބޭ ގޮތަށް ލިޔެފައި އޮތީ "ގަސްދުގައި ނުވަތަ ނުނިޔަތެއްގައި" ކަން ސާބިތުނުވާ ކަމަށެވެ.
"ޑރ. އަހުމަދު ޒިޔާދު ބަލަންވާ މިންވަރަށް ނުބަލައި އެއްބަސްވުމުގައި ސޮއި ކުރުމުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ދައުލަތުން ދެކޭއިރު، އެ އެއްބަސްވުމަކީ އިސްލާމިކް މިނިސްޓްރީގެ އެކި ފަންތިތަކުގެ މުވައްޒަފުންނާއި ވެރިންގެ ލެވެލްތަކުން އަދި އެކި ސެކްޝަންތަކުން ބެލުމަށްފަހު ފައިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ހޯދުމަށްފަހު ސޮއިކޮށްފައިވާ އެއްބަސްވުމެއް،" އެ މައްސަލައިގައި ޒިޔާދު ޒިންމާވާން ނުޖެހޭނެ ކަމަށް ކަނޑައަޅުއްވައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެސްޖޭއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޒިޔާދުގެ ފަރާތުން ވިދާޅުވެފައި ވަނީ އެ ފައިސާ އިމާރާތް ކުރަން ހަވާލު ކުރި ކުންފުންޏަށް ދޫކުރީ އެގްރިމެންޓުގެ ދަށުން އެ ފައިސާ ދޫކުރަންޖެހޭތީ ކަމަށެވެ.
އެ ނުކުތާގައި ކޯޓުން ނިންމީ އެ 30 މިލިއަން ރުފިޔާއަކީ ޖާއިޒު ނޫން ގޮތެއްގައި ދިން ފައިސާއެއްކަން އެނގެން ނެތް ކަމަށެވެ. އަދި އެއީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ވެސް އޮތް ފައިސާއެއް ކަމަށާއި އެއީ އެންމެ ރަނގަޅު ޕްރޮޕޯސަލްކަން ފައިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
"ވުމާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ލިބިފައިވުމަކީ އެއްބަސްވުމުގެ ދެ ބައިވެރިންގެ މެދުގައި އޮތް އިލްތިޒާމްތަކުގެ ތެރެއިން އިލްތިމާޒެއް. އަދި އެއީ ޖާއިޒު ނޫން ގޮތެއްގައި ލިބިދިނުމަށް އުސޫލުން ބޭރުން އެއްބަސްވުމުގައި ހިމަނާފައިވާ ފައިސާއެއް ކަމަށް ބަލާނެ ހުއްޖަތެއް، ދަލީލެއް ދައުލަތުން ހުށަހަޅާފައެއް ނުވޭ،" ގާޒީ މިސްބާހުގެ ހުކުމުގައި ލިޔުއްވާފައިވެ އެވެ.












