އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓުގައި ހަ ރަށެއްގެ ކޯޒްވޭ މަޝްރޫއުތަކަށް ޖުމްލަ 7.5 މިލިއަން ރުފިޔާ ހަރަަދުކުރަން ހުށަހަޅައިފި އެވެ.
ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވަނީ ޖުމްލަ ފަސް ރަށެއްގައި އަލަށް ކޯޒްވޭ އަޅަން ނިންމާފަ އެވެ. އަދި އެއްރަށުގައި މިހާރު ވެސް އަޅާފައިވާ ކޯޒްވޭއެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
ބަޖެޓުގައި އަލަށް ކޯޒްވޭ އަޅަން ނިންމާފައިވާ ރަށްތަކާއި މަޝްރޫތަކަށް މި އަހަރު ކުރާ ހަރަދުތަކަކީ:
- ބ. ގޮއިދޫ - ފެހެންދޫ: 200،000ރ
- މ. މުލި - ނާލާފުށި: 1،095،000ރ
- ލ. ކަލައިދޫ - ދަނބިދޫ: 1،095،000ރ
- ލ. ކުނަހަންދޫ - ހިތަދޫ: 1،095،000ރ
- ތ. ވޭމަންޑޫ - ކިނބިދޫ: 1،095،000ރ
މި ހަރަދުތަކަކީ ހަމައެކަނި މި އަހަރަށް ހުށަހަޅާފައިވާ ހަރަދުތަކެވެ. މި ހަރަދުތަކުގެ އިތުރުން ވެސް ބަޖެޓުގައި ވަނީ ކުރިޔަށް އޮތް ދެ އަހަރަށް އެ މަޝްރޫއުތަކަށް ހޭދަވާނެކަމަށް ބެލެވޭ ހަރަދުގެ އަންދާޒާ ހިމަނާފަ އެވެ.
މި ފަސް ރަށުގެ އިތުރުންވެސް، ގދ. ފަރެސްމާތޮޑާގައި ސަރުކާރުން އެޅި އެއާޕޯޓާއި އެ ރަށާ ގުޅުވާލުމަށް ވެސް ކޯޒްވޭއެއް އަޅަން ވަނީ ހިމަނާފަ އެވެ. އެ މަޝްރޫއަށް ޖުމްލަ 2،957،371 ރުފިޔާ މި އަހަރު ހަރަދުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އެ މަޝްރޫއު މިހާރު ވަނީ އެވޯޑު ކުރެވިފަ އެވެ.

މި މަޝްރޫއުތަކާއެކު ބަޖެޓުގައި ކޯޒްވޭ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވާ އަދަދު އަރަނީ 7،537،371 ރުފިޔާ އަށެވެ.
އެ މަޝްރޫއުތަކުގެ އިތުރުން ވެސް ބަޖެޓުގައި ވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫ ކޯޒްވޭގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރުމަށް ހިމަނާފަ އެވެ. ނަމަވެސް، އެ މަޝްރޫއު ބަޖެޓު ކޮށްފައިވަނީ މަޑަވެލީގެ ބިންހިއްކުމުގެ މަޝްރޫއާއެކުގައިކަމަށް ވާތީ ސީދާ ކޯޒްވޭ މަޝްރޫއަށް ދާ ހަރަދުގެ ތަފްސީލެއް ބަޖެޓަކު ނެތެވެ. އެ މަޝްރޫއަކީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއެކެވެ.
ކޯޒްވޭ އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ލ. ކަލައިދޫ އާއި ދަނބިދޫއާއި ދެމެދުގައި 3،000-3،500 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ. އެ މަޝްރޫއު މިހާރު އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ. މި މަޝްރޫއުގެ ސަބަބުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫ އެއްފަސްވެގެންދާނެ އެވެ.
ލ. އަތޮޅުގައި ދެން ކޯޒްވޭ އަޅަން ނިންމާފައިވާ ކުނަހަންދޫ އާއި ހިތަދުއާ ދެމެދުގައި ދަނޑުވެރިކަމުގެ މަސައްކަތަށް ސަރުކާރުން އަމިއްލަ ފަރާތަކަށް ހަވާލުކޮށްފައިވާ ލ. މެންދޫ ނަމަކަށް ކިޔާ ރަށެއް އޮވެ އެވެ. އެހެންކަމުން، ކުނަހަންދޫ - ހިތަދޫ ކޯޒްވޭ އަޅަން ހުށަހަޅާފައިވާކަމަށް ބެލެވެނީ މެންދޫއާ ވެސް ގުޅުވާލާ ގޮތަށް ކަމަށް ބެލެވެ އެވެ.
އެގޮތުން ކުނަހަންދޫއާ މެންދޫއާ ދެމެދުގައި 800 އެއްހާ ފޫޓުގެ ދުރުމިނެއް އޮންނަ އިރު، މެންދުއާ ހިތަދޫއާ ދެމެދުގައި 500 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ. އެ މަޝްރޫއު މިހާރު އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ.
ތ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ވޭމަންޑުއާއި ކިނބިދޫގައި ވެސް ސަރުކާރުން ކޯޒްވޭ އަޅަން ހުށަހަޅާފައިވާކަމަށް ބެލެވެނީ، އެ ދެ ރަށް ދެމެދުގައި އޮންނަ ތ. އެލާ އާއި ގުޅުވިގެން ދާ ގޮތަށެވެ.
ނަމަވެސް، އެލާ އަކީ ވިލާ ކުންފުންޏަށް ރިސޯޓު ތަރައްގީކުރުމަށް 2019 ވަނަ އަހަރު ހަވާލުކޮށްފައިވާ ރަށެއްކަން ފާހަގަކުރެވެ އެވެ. ކިނބިދުއާ އެލާއާ ދެމެދުގައި 2،000 އެއްހާ ފޫޓުގެ ދުރުމިނެއް އޮންނައިރު، އެލާއާއި ވޭމަންޑުއާ ދެމެދުގައި 4،000 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ. އެ މަޝްރޫއު މިހާރު އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ.

ތ. ކިނބިދޫ، އެލާ އަދި ވޭމަންޑޫ-- ފޮޓޯ:ޕީއެސްއެމް
މ. އަތޮޅު މުލި އަދި ނާލާފުށި ދެމެދުގައި ވެސް ކުޑަ ފަޅު ރަށެއް އޮވެ އެވެ. ނާލާފުއްޓާއި އެ ފަޅުރަށާއި ދެމެދުގައި 500 އެއްހާ ފޫޓުގެ ދުރުމިނެއް އޮންނަ އިރު އެ ފަޅު ރަށާއި މުއްޔާއި ދެމެދުގައި 2،000 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ. އެ މަޝްރޫއު މިހާރު އޮތީ ޕްރީޓެންޑަރިން މަރުހަލާގަ އެވެ.
ޒަމާނުއްސުރެން ވެސް އެ ދެ ރަށެއްގެ ދެމެދުގައި ކޯޒްވޭއެއް ނުވަތަ އެއްފަސްގަނޑަކުން ގުޅިފައި އޮތުމަކީ މުހިންމުކަމެއް ކަމަށް އެ ރަށެއްގެ ގިނަ ބަޔަކު ގަބޫލުކުރާ ފެހެންދުއާއި ގޮއިދޫ ދެމެދުގައި 5،000 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ.
މިއީ ބަޖެޓުގައި ހިމަނާފައިވާ އެންމެ ބޮޑު ކޯޒްވޭ މަޝްރޫ އެވެ. އެހެންނަމަވެސް އެ ކޯޒްވޭއާއެކު ފެހެންދޫގެ ގިނަ އާންމުންތަކަކަށް ކުރިމަތިވާ ބޮޑެތި ތަކުލީފްތަކަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މި މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިފްރާސްޓްރަކްޗާގެ ޑޮމެސްޓިކް ބަޖެޓުގެ ދަށުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކެކެވެ.












