ފަހުރުވެރި ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި ގައުމަށްޓަކައި ތެދުވާނެ ޒުވާން ލޭ ހިނގާ ދަރިން އިތުރުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ ބަޔެއްގެ ރޭވުމުގެ މަތިން ތަމަޅައިންގެ ބަޔަކު ބަޑިއާއެކު މާލެ އަރައި ދިން ހަމަލާތަކުން ދިވެހިން ނަސްރު ހޯދިތާ މިއަދަށް 33 އަހަރު ފުރުނީ އެވެ. މިއަދު މުނާސަބަތުގައި ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވީ ނަސްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުން ކަމަށެވެ.
"ދީނާއި ގައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުން, މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި، ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދުވަހެއް،" ރައީސް ވިދާޅުވި އެވެ.
"މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ ދުވަހު މި ގައުމަށް ދެއްކެވި ގައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް."
ރައީސް ސޯލިހު ވިދާޅުވީ 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއް ކަމާއި އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާތިނުންގެ ހަބަރުތައް، ގައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް ކަމަށެވެ. އެއީ ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ދިވެހި ރައްޔިތުން އެ ދުވަހުވެސް އުއްމީދު ކަނޑައެއްނުލާ, ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ދެމެހެއްޓި, ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިން. ގާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވި. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި އަގީދާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ގުރުބާނީގެ ސަބަބުންނެވެ.
އެ ދުވަހު ބައިނަލްއަގްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށާއި ހާއްސަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ގައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ހައްގު ޝުކުރު އަދާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަމެއް. އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ގައުމު ނެރެންޖެހޭކަމެއް. ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުން. ނަމަވެސް ރައްޔިތުން، އެއް އަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރު," ރައީސް ވިދާޅުވި އެވެ.
"އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ގައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ. ޝަހީދު ކޯޕްރަލް ހުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ގައުމީ ބަތަލުން އެ ސާބިތުކޮށްދެއްވީ އެކަން."












