ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ފާއިތުވި ދެ ސީޒަންގައި ވެސް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ފަރިތަކުރުންތައް ފަށައިފި އެވެ.
މާޒިޔާގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ސިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން މާޒިޔާ އިން މިއަދު ޓާފް ދަނޑުގައި ފަރިތަކުރުންތައް ފެށިއިރު، ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ބައިވެރިއެއް ނުވެ އެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، އެންމެ ދުރާލާ ޕްރީ ސީޒަން ޕްރެކްޓިސް ފެށި ޓީމަކީ މާޒިޔާ އެވެ.
މާޒިޔާ އިން ބުނީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވާނީ ގައުމީ ޓީމާއެކު ސްރީލަންކާ މި މަހު ފަށާ މަހިންދާ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕްގައި ބައިވެރިވުމަށް ފަހު ކަމަށެވެ. މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ހިމެނޭތީ، އެ ޓީމުން މިއަދު ފަރިތަކުރުންތައް ފެށިއިރު، މާޒިޔާގެ ޔޫތު ޓީމުގެ ބައެއް ކުޅުންތެރިން ވެސް ފަރިތަކުރުންތަކުގައި ބައިވެރިކުރި އެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން އަދި އިތުރު ކުޅުންތެރިއެއް އަދި ނުގެނެ އެވެ. އެ ކްލަބުން ބުނީ މި މަހުގެ ތެރޭގައި އެ ކްލަބުގެ ޓްރާންސްފާތަކުގެ ކަންތައްތައް ނިންމާނެ ކަމަށެވެ. އިތުރު ތަފްސީލެއް މި ވަގުތު އެ ކްލަބުން ނުދެ އެވެ.
މިދިޔަ ސީޒަންގައި މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ އެވެ. ކޮވިޑް-19އާ ގުޅިގެން ސީޒަން ކުރުކޮށްލީ ލީގުގެ ދެ ބުރަށް ފަހު އެވެ. މިދިޔަ ސީޒަން މާޒިޔާ އިން ފެށީ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގަ އެވެ. އެކަމަކު، ސީޒަން ކުރީކޮޅުގައި ނިޒާމްބެ ޓީމާ ވަކިވިއިރު، އެ ޓީމުގެ ކޯޗަކަށް ދެން ހަމަޖެއްސީ ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތަކަށް ވާނީ ޑިސެމްބަރު މަހަށް ތާވަލްކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. މާޒިޔާ ވަނީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލައިފަ އެވެ.










