ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮޕް26 ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެޑްވައިޒަރުގެ ގޮތުގައި މަސައްކަތްކުރައްވާ އުރުދުންގެ ޕްރިންސް ޒައިދު ރާދު ޒައިދު އަލް ހުސެއިންއާ ބައްދަލުކުރައްވައިފި އެވެ.
އެ ދެބޭފުޅުން ބައްދަލުކުރެއްވީ ރައީސް ސޯލިހު ކޮޕް26 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ސްކޮޓްލެންޑަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން އެގައުމުގެ ވެރިރަށް ގްލާސްގޯގަ އެވެ. ޕްރިންސް ޒައިދު އަކީ ކުރިން އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.
އެ ބައްދަލުވުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕްރިންސް ޒައިދު ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ ގޮތުގައި ހުންނެވިއިރު ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަން އަގުވަޒަންކުރައްވާ ރައީސް ސޯލިހު ވާހަކަދައްކެވި ކަމަށެވެ.
އަދި ކޮޕް26 ގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ޕްރިންސް ޒައިދު އެއްބަސްވެވަޑައިގަތީތީ ރައީސް ޝުކުރު އަދާކުރެއްވިކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެ އެވެ.
ޕްރިންސް ޒައިދު ރާއްޖޭގެ ވަފްދާ ގުޅިވަޑައިގަތުމަކީ ފަހުރެއްކަމަށާއި، އަދި އޭނާގެ ތަޖުރިބާގެ ސަބަބުން ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާނޭކަމެއްކަމާއި ކޮޕް26 އަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއްކަމަށް ފާހަގަކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ވަފްދާއެކު ކޮޕް26 ގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތި ވަރަށް އުފާކުރައްވައި ފަހުރުވެރިވާކަމަށް ޕްރިންސް ޒައިދު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޮޕް26 އަށް ރާއްޖެއިން ހަމަޖެއްސި އެޑްވައިޒަރު ޕްރިންސް ޒައިދުއާ ރައީސް ސޯލިހު ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ބައްދަލުވުމުގައި ދެން މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ މޫސުމީ ބަދަލުތަކާހެދި ކުރިމަތިވާ ކާރިސާތަކުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް މާލީ އެހީތެރިކަމުގެ މުހިންމުކަމާ ގުޅޭ ގޮތުންކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ކޮޕް26 ސަމިޓުގައި ރާއްޖޭގެ އަމާޒުތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަދެއްކެވިކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްލުވުމުގައި ރާއްޖޭގެ ތިމާވެށީގެ މިނިސްޓަރު އާމިނަތު ޝައުނާ އަދި ރާއްޖޭން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިން ވެސް ބައިވެރިވެވަޑައިގަތެވެ.
އުރުދުން އަށް ނިސްބަތްވާ ޒައިދު އަކީ އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓްގެ ސީއީއޯ އަދި ރައީސް އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުކަން ޒައިދު ކުރެއްވީ 2014 އިން 2018 އާ ހަމަޔަށެވެ. ކެރިއާ ޑިޕްލޮމެޓެއްކަމުގައިވާ ޕްރިންސް ޒައިދު ވަނީ އުރުދުންގެ ފަރާތުން އދ. އަށް އައްޔަނުކޮށްފައި ހުންނަ ޕާމަނެންޓް ރެޕްރެސެންޓެޓިވްގެ މަގާމު ވެސް 14 އަހަރު ފުރުއްވާފަ އެވެ.
ޒައިދު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އދ. ގެ ޕީސްކީޕަރެއްގެ ގޮތުގައި ކުރީގެ ޔޫގޮސްލާވިއާގަ އެވެ. ޕްރިންސް ޒެއިދް އަކީ އިރާގުގައި ކުރިން ރަސްކަން ކުރި ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ.












