ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން ކުރަމުންދާ ހަރަދުގެ ޖުމުލަ އަދަދު ހަތަރު ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން ގިނަ ހަރަދުތަކެއް ކުރަމުން އަންނަ އިރު ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 2.2 ބިލިއަން ރުފިޔާ މިވަނީ ހަރަދުކޮށްފަ އެވެ.
އަދި އިގުތިސާދަށް އައި ލޮޅުމާއެކު ވިޔަފާރިތަކަށް އެހީތެރިވުމަށް އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން މިހާތަނަށް 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 26 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާ ގުޅިގެން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ނެވެ.
އެ އިދާރާއިން 868.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުން ހަރަދުކުރި 84.1 މިލިއަން ރުފިޔާވެސް ހިމެނެ އެވެ.
ދެ ވަނައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ވުޒާރާއިން މިިހާތަނަށް 838.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީން 40.9 މިލިއަން ރުފިޔާ، ޓޫރިޒަމް މިނިސްޓްރީން 29.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ، ޖެންޑާ މިނިސްޓްރީން 4.6 މިލިއަން ރުފިޔާ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ވަނީ ކޮވިޑާ ގުޅިގެން ހަރަދުކޮށްފަ އެވެ.
ސަރުކާރުގެ އިތުރު މުއައްސަސާތަކުން ކޮށްފައިވާ ހަރަދަށް ބަލާއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވަނީ 198.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ދިވެހި ސިފައިންގެ އިދާރާއިން 67.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ފުލުހުންގެ އިދާރާއިން 31.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ނެޝަނަލް ޑްރަގް އެޖެންސީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އިމިގްރޭޝަނުންވެސް ވަނީ ކޮވިޑް-19އާ ގުޅިގެން ހަރަދުކޮށްފަ އެވެ.










