ފުލުސް ބޯޑުން ވަކި ކުރުމަށް ނިންމައި ނޯޓިސްދީފައިވާ ފުލުހުންގެ ހަތް ސީނިއާ އޮފިސަރުންގެ ތެރެއިން ތިން އޮފިސަރެއްގެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން، އެ މީހުންގެ ވަޒީފާ ދެމެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މީގެކުރިން ވެސް މި މައްސަލައާ ގުޅިގެން ހައިކޯޓުން އަމުރެއް ނެރުނެވެ. އެއީ ހައިކޯޓުގެ އިސްތިއުނާފީ މައްސަލަ ބަލާ ނިމެންދެން އެ އޮފިސަރުން ވަކިކުރުން މަޑުޖައްސާލުމަށެވެ.
ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން އެމީހުންގެ މައްސަލަ ބަލައި ވަކި ކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ފަސް މީހެކެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މި މައްސަލައިގައި ހިމެނޭ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މަގާމުން ވަކިކޮށްފައިވާއިރު، ދެން ވަކިކުރަން ނިންމާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
ހުކުމް އިއްވަމުން ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ މައްސަލަ ހުށަހެޅި އޮފިސަރުންގެ ތެރޭގައި ހިމެނޭ ތިން އޮފިސަރުންނަކީ މިހާރު ވެސް ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ތިން ބޭފުޅުން ކަމަށްވާތީ ސިވިލް ކޯޓުން މައްސަލަ ބަލާ ނިމެންދެން އެ އޮފިސަރުންގެ ވަޒީފާ ދެމެހެއްޓުމަށް އަމުރު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން، މައްސަލަ ނިމުމުގެ ކުރިން އެ އޮފިސަރުން ވަޒީފާ އިން ވަކިކޮށްފި ނަމަ އިއާދަނުކުރެވިދާާނެ ފަދަ ބޮޑެތި ގެއްލުންތަކެއް އެ މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތު
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރީ، ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.
ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް މަގާމުން ވަކިކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާތީ އެވެ.
އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ މަގާމުން ވަކިކުރަން ނިންމީ ތަހުގީގުކުރަމުން ދިޔަ ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހުމަތުގަ އެވެ. އެއީ ފުލުހުންގެ ތަހުގީގަށް އަތުލާފައި އޮތް ފޯނެއްގައި ހުރި ފޮޓޯތަކެއް ނައްތާލުމާ ގުޅިގެންނެވެ. މިކަން އޭނާ ކޮށްފައި ވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމީދު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނެވެ. މި މައްސަލައިގައި ފަރުހާދާމެދު ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު އަންގާފައި އޮތް ނަމަވެސް، ހަމައެކަނި ނިންމާފައި ވަނީ އޭނާ އަށް ނަސޭހަތް ދިނުމަށެވެ. ނަމަވެސް، އަލަށް އެކުލަވާލި ޕޮލިސް ބޯޑުން މި މައްސަލަ ނިއުޅައި އޭނާ ވަކިކުރަން ޖެހޭ ކަމަށް ނިންމިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު މަގާމުން ވަކިކުރަން ނިންމީ، ސިޔާސީ ފަރާތެއް ބުނެގެން ކުށްވެރިޔަކު ދޫކޮށްލި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ. އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ވަކިކުރަނީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރަމުންދާތީ އެވެ.












