ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އިސްކޮށް ހުންނަވައި އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.
ސިޔާސީ ޕާޓީީގެ ގާނޫނުގެ ދަށުން އެމްއެންޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 15، ގައި ވަ5،000 މީހުންނަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު އެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްފައި މި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިންތާ ދެ މަހާއި 12 ދުވަސް ތެރޭގަ އެވެ.
އެމްއެންޕީ ރަޖިސްޓަރީކުރެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޕާޓީ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ޕާޓީގެ ފައުންޑާ ނާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރެވެ. ރިޔާޒަކީ ތިމަރަފުށީ ދާއިރާގެ މެމްބަރެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ 396 ވަނަ ޖަލްސާއިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނިންމައި އެ ޕާޓީއާ މިހާރު ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.
އެމްއެންޕީ އުފެއްދުމަށް ބޭއްވުނު ބައްދަލުވުމުގައި ޕާޓީގެ އިިންޓެރިމް އެގްޒެކެޓިވް ކައުންސިލް ވަނީ އިންތިހާބުކޮށްފަ އެވެ. އެންއެންޕީގެ އިިންޓެރިމް އެގްޒެކެޓިވް ކައުންސިލް އެކުލެވިގެން ވަނީ ޕާޓީގެ ރައީސް، ހަ ނާއިބު ރައީސުން، ވިމެންސް ވިންގްގެ ލީޑާ، ޔޫތު ވިންގްގެ ލީޑަރު އަދި އިތުރު 21 މެމްބަރުން ހިމެނޭހެން ޖުމްލަ 30 މެމްބަރުންގެ މައްޗަށެވެ.

އެމްއެންޕީގައި ހަ ނައިބު ރައީސުންގެ ތެރެއިން އިންތިހާބަކަށް ނުގޮސް ހަތަރު ނާއިބު ރައީސުން ވަނީ މަގާމުތަކަށް ހޮވާފަ އެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލް އާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް އަހްމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް އަބްދުﷲ ރިޔާޒު އާއި ދެކުނު ރީޖަން އަށް އަހްމަދު ޝަރީފެވެ. އެމްއެންޕީގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
އަންހެނުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ މިރުފަތު އިސްމާއީލް ޝަފީގު އެވެ. އަންހެނުންގެ ވިންގުގެ ލީޑަރަކީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ. އަދި އެ ޕާޓީގެ ޒުވާނުންގެ ވިންގުގެ ލީޑަރަކީ އުމައިރު އަހްމަދެވެ.
އެ ޕާޓީގެ ދާއިމީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެއިންތިހާބުގައި ފަސް އަހަރުގެ ދައުުރަކަށް ޕާޓީގެ ލީޑާޝިޕާއި ނެޝަނަލް އެގްޒެކެޓިވް ކައުންސިލް އިންތިހާބުވެގެން ދާނެ އެވެ. ނަމަވެސް، މިވަގުތުގެ އަމާޒުހުރީ ޕާޓީގެ މެމްބަރުން އިތުރުކޮށް އަވަސް ފުރުސަތެއްގެ ތެރޭ 10،000 މެމްބަރުން ހަމަކުރުމަށް ކަމަށް އެމްއެންޕީން ބުނެ އެވެ.
މީގެ އިތުރުން އެންމެ އަވަހަށް ދެން އޮންނަ އެންއެންޕީގެ އިިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރެޖިސްޓްރާ، ސްޕޯކްސްޕާސަން އަދި ޓްރެޝަރާ އައްޔަންކުރުމާއި ޕާޓީގެ އެޑްވައިޒަރީ ކައުންސިލަށް މެމްބަރުން އައްޔަނުކުރުން ވެސް އޮންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.












