ސުޕްރީމް ކޯޓުން އިއްޔެ ނިންމެވީ ބޮޑު ނިންމެވުމެކެވެ; ޒިނޭގެ މައްސަލަތަކުގައި ޑީއެންއޭ ހެކީގެ ގޮތުގައި ބަލައިގަތުމަށް ނިންމެވީ އެވެ. މީގެ ސަބަބުން ޒިނޭގެ ކުށް ހަމައެކަނި އަންހެނުންގެ މައްޗަށް ސާބިތުވާ ގޮތަށް އޮތް ނިޒާމް މުޅިން ބަދަލުވެގެން ދިޔައީ އެވެ. ދެން ޑީއެންއޭގެ ހެއްކަށް ރިއާޔަތްކޮށް ފިރިހެނުންނަށް ވެސް ކުށް ސާބިތު ކުރެވި, ދަރީންގެ ޒިންމާ އުފުލަން ޖެހޭނެ އެވެ.
ބައެއް މީހުންނަށް މިއީ އިންސާފާއި ހަމަޔަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނަމަވެސް, އަނެއް ބަޔަކު ސުވާލު އުފައްދަނީ އިސްލާމީ ޝަރީއަތް ހިންގާ ގައުމެއްގައި ޒިނޭގެ ކުށް ސާބިތުކުރަން ޑީއެންއޭ ބޭނުންކުރުން ހުއްދަވާނެކަމާމެދު އެވެ. ދެން ތިބި ބަޔެއްގެ ބަހުސަކަށް ވެފައި އޮތީ ޝަރުއީ ގާއިދާތަކަށް އެކަނި ބިނާކޮށް، ބޭރު ފުށުން ކުރާ ޝަރީއަތެއް އިންސާފުވެރި ވާނެކަމާމެދު އެވެ.
މައްސަލައިގައި ކަންހިނގައިދިޔަ ގޮތް
މުހައްމަދު ތައުފީގު ކިޔާ މީހެއްގެ މައްޗަށް ޒިނޭގެ ދައުވާ ކުރި އެވެ. ހަމަ އެ މައްސަލައިގައި ދައުވާ ކުރި ފާތިމަތު ޝަމީމާ ކިޔާ މީހަކު ވަނީ އޭނާ ވިހެއީ ތައުފީގުގެ ދަރިއެއް ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭއާ ވެސް ދިމާވެ އެވެ. ނަމަވެސް ޝަމީމާއާއެކު ޒިނޭ ކުރި ކަމަށް ތައުފީގު އިންކާރު ކުރެ އެވެ.
އިސްލާމް ދީނުގައި ޒިނޭގެ ކުށް ސާބިތުކުރުމަށް ހަތަރު ފިރިހެނުންގެ ހެކިބަސް އޮންނަން ޖެހޭތީ, ދަށު ކޯޓާއި ހައިކޯޓުގައި ތައުފީގުގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ކުއްޖާގެ ޑީއެންއޭ އާއި ތައުފީގު ޑީއެންއޭ ދިމާވި ނަމަވެސް, އެއީ ހެއްކެއްގެ ގޮތުގައި ނުބެލޭނެ ކަމަށް އެ ދެ ކޯޓުން ވެސް ނިންމި އެވެ.
ނަތީޖާއެއްގެ ގޮތުން ތައުފީގު ސަލާމަތްވެ, ކުށްވެރިވީ އަންހެން މީހާ އެކަންޏެވެ.

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ތައުފީގުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައި އޮއްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވައި އިއްޔެ ނިންމެވީ ޑީއެންއޭއަކީ ހާދިސާއަށް ބާރުދޭ އިތުރު ގަރީނާ ހުރިނަމަ ކުށް ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ހެއްކެއް ކަމަށެވެ.
މި ނިންމުމަށް ތައުރީފު ކުރާ ފަރާތްތައް ބުނަނީ ޑީއެންއޭ ހެއްކާއި ނުލާއި، ކައިވެނީގެ ބޭރުން އަންހެން މީހާ ބަލިވެ އިނދެ ހޯދާ ދަރީގެ ބައްޕަ ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި އުފަންވާ ކުއްޖާ ބައްޕައަކު ނެތި، އަންހެން މީހާ ހުރިހާ ޒިންމާއެއް އުފުލަން ޖެހުމުން ދެން ނިކުންނަ އިޖްތިމާއީ މައްސަލަތައް މާ ގިނަ ކަމަށެވެ.
ފާޑު ކިޔާ ފަރާތްތައް ބުނަނީ ޑީއެންއޭއިން ޒިނޭ ސާބިތުުކޮށް އަދަބު ދިނުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި، ޑީއެންއޭ ހެކި ބަލައިގަނެ، އެ ގަރީނާގެ މައްޗަށް ބިނާކޮށް ތައުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތް ހިންގާ ދައުލަތެއް ނަމަ އެފަދަ ނިންމުމެއް ނިންމިގެން ނުވާނެ ކަމުގައި އެފަރާތްތަކުން ބުނެ އެވެ.
ތާއީދު ކުރަނީ އިންސާފަށް ވާސިލްވުމަށް ފަސޭހަވާނެތީ
ދީނީ އިލްމުވެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެ މަނިކުފާނު ލީޑް ކުރައްވާ މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް)ން މި ނިންމުމަށް ތާއީދުކޮށްފައި ވަނީ މި ސަބަބާހެދި އެވެ.
އެ ޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާ މި ނޫހާ ވާހަކަ ދައްކަަވަމުން ވިދާޅުވީ ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަނޑައެޅުމަކީ ބޭރުފުށަށް ޝަރީއަތް ހިންގައިގެން އިންސާފާއި ހަމައަށް ވާސިލްވާން ދަތި މައްސަލަތަަކުގައި ހައްގުތައް ކަށަވަރުކުރުމަށް ލިބުނު އިތުރު ޔަގީން ކަމެއް ކަމަށެވެ.
"ސައިންޓިފިކަލީ އެ ނިންމުމާ ގުޅިގެން ބައެއް މައްސަލަތައް ސާބިތުކުރަން ފަސޭހަވެ، އިންސާފާއި ހަމައަށް ވާސިލްވެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." ނާދިރާ ވިދާޅުވި އެވެ.
އެމްއެންޕީއިން ވެސް މި ނިންމުމަށް ތާއީދުކޮށްފައިވާއިރު، އެ ޕާޓީގެ ތަރުޖަމާނު، އަދި ގާނޫނީ ވަކީލް އަޒްރާ ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި ސައިންޓިފިކް ތަހުލީލުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޑީއެންއޭ ހެކި ހުށަހަޅައިގެން ޒިނޭގެ ކުށް ސާބިތުކުރެވޭނެ ކަމަށް ސުޕްރިމް ކޯޓުން ކަނޑައެޅުމަަކީ ކައިވެނީގެ ބޭރުން ވިހާ ކުދިންގެ ބައްޕަ ކަށަވަރުކުރުމަށް ބާރުލިބޭ ކަމެއް ކަމަށާއި، ނަސަބު އޮޅިގެން ދިއުމަށް އޮތް މަގު ބަންދު ކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމުމަށް ތާއީދު ކުރަން. އެއީ ޒިނޭ ދީނުގައި ހަރާމް ކުރެއްވީ ނަސަބު އޮޅިގެން ދިއުމުން ރައްކާތެރި ކުރުމުގެ މަގްސަދުގައި ކަމަށް ވާތީ. މި ނިންމުމާއި އެކު ކުއްޖާގެ ބައްޕަ ސާބިތުކުރަން ފަސޭހަވާނެ. ގިނަ ފަހަރަށް މިވާ ގޮތަކީ ޒިނޭ ކުރާ ފިރިހެން މީހާ އެކަމަށް އެއްބަސް ނުވާނެ. އަންހެން މީހާ މި ޖެހެނީ ކައިވެނީގެ ބޭރުން ހޯދާ ދަރިއާއި އެކު ހުރިހާ ތަކްލީފެއް އުފުލަން. އެއީ އިންސާފުވެރި ގޮތެއް ނޫން. މި ނިންމުމާއި އެކު ދެ ފަރާތަށްވެސް އިންސާފުވެރިކަމާއި އެކު އަދަބު ކަނޑައެޅިގެން ދާނެ ކަމަށް ގަބޫލުކުރަނީ" އޭނާ ވިދާޅުވި އެވެ.
ތާއީދު ކުރަނީ ސުޕްރިމް ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން
މި ނޫހާ ވާހަކަ ދެއްކި ބައެއް ގާނޫނީ ވަކީލުންނާއި، ޝަރުއީ ދާއިރާ ދިރާސާ ކުރައްވާ ފަރާތްތައް މި ނިންމުމަށް ތާއީދު ކުރައްވަނީ ޝަރުއީ އެންމެ މަތީ މަރުހަލާގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.
އެ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މި ހުކުމް ނެރިފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ގިނަ ހިދުމަތްތައް ކުރައްވާފައިވާ ތަޖުރިބާ ކާރު ފަނޑިޔާރެކެވެ. އެހެންކަމުން ފާޑުކިޔާނެ ފުރުސަތެއް ނެތް ކަމަށާއި، އެ ނިންމުމަކީ ޝަރުއީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ބަލައި، އިހުތިރާމް ކުރުން ނޫން ގޮތެއް ނެތްކަން އެ ފަރާތްތަކުން ވިދާޅުވެ އެވެ.
"މި ހުކުމެއް ނެރުއްވީ ހުސްނުއްސުއޫދު ދެއްތޯ، ރާއްޖޭގައި މިހާރު ހުރި އެންމެ އިލްމީ، ތަޖުރިބާކާރު، އެއް ފަނޑިޔާރު. ކޮންމެވެސް ހިކުމަތެއް މި ނިންމުމުގައި ވާނެ ކަމަށް ގަބޫލުކޮށް، ސުޕްރިމް ކޯޓުގެ ނިންމުމަކަށް ވާތީ އަޅުގަނޑު އެއަށް އިހުތިރާމްކުރަން. ގޯސް ނިންމުމެއް ކަމަކަށް ނުދެކެން." ގާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅަކު ވިދާޅުވި އެވެ.
ފާޑުކިޔަނީ ޒިނޭއާ ގުޅިގެން އައި ހުކުމަކަށް ވުމުން
މި ނިންމުމަށް ފާޑު ކިޔަމުން ޕީޕީއެމް ޕީއެންސީ ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޑީއެންއޭއަކީ ހައްދާއި ގިސޯސްގެ މައްސަލަތައް ފިޔަވައި، އެހެނިހެން ޖިނާއީ ކަންކަން ސާބިތުކުރުމުގެ ވަސީލަތެއް ކަމަށެވެ.
ނަމަވެސް, ނަސަބުގެ މައްސަލަތަކުގައި އިސްކުރަންޖެހޭނީ ނުސޫސުތަކާއި ޝަރުއީ ގަވާއިދުތައް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވަނީ ޑީއެންއޭއިން ޒިނޭ ސާބިތުުކޮށް އަދަބު ދެނީ ކޮން ގައުމަކުންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ދުނިޔޭގެ އެންމެ މަތީ ދީނީ އިލްމުވެރިންގެ މަޖިލީހުގައި ވެސް ޑީއެންއޭ ބޭނުންކޮށްގެން ޒިނޭ ސާބިތު ނުވާ ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެކު, ތައާރަފުވެގެން ގޮސްފައިވަނީ "ގާނޫނީ ޒިނޭ" އެވެ. އެއީ, ޝަރުއީ ހަމަތަކަށް ނުފެތުނު ނަމަވެސް އެކަމުގެ އެ ކުށް ސާބިތު ކުރެވޭ ހާލަތެވެ. ހުކުމްގައި ވެސް ފާހަގަ ކުރި ގޮތުގައި ޑީއެންއޭއިން ޒިނޭގެ ކުށް ސާބިތުވާނަމަ, ހައްދުގެ އަދަބެއް ނުދެވޭނެ އެވެ. ދޭން ޖެހޭނީ ތައުޒީރީ އަދަބެކެވެ.
މިއީ ކޯޓުތަކުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ވަކާލާތު ކުރައްވަމުން ގެންދެވި ގޮތެވެ.
ނަމަވެސް, އަދާލަތު ޕާޓީގެ ޝައިހް އަލީ ޒައިދު ވިދާޅުވީ ގާނޫނީ ޒިނޭ ކިޔާ އެއްޗެއް ނޯންނާނެ ކަމަށެވެ.
"ގާނޫނީ ޒިނޭ ކިޔާއެއްޗެއް ނޯންނާނެ. ދީނުގެ މުސްތަލަހަތަކާ ކުޅެ ހިތަށްއެރި މާނައެއް އެއަށްދިނުމަކީ ވަރަށް ބޮޑު ނުބައެއް. ޒިނޭއަކީ ޝަރުއީ ޒިނޭ. އެ ސާބިތުކޮށް އަދަބުދޭންވާނީ ޝަރުއުގައި އެކަން އޮތްގޮތަށް. ތައުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ. އެއަށްކިޔާނީ ބަދުއަހުލާގީ މައްސަލަ" އޭނާ ވިދާޅުވި އެވެ.













