ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް ދިވެހިން ތަމްރީނު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ރޭ ބޭއްވި ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް" ހަފުލާ ޝަރަފުވެރިކޮށްދެއްވަން ވަޑައިގެން ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު ނަފާއެއް ލިބޭ އެއް ދާއިރާއަކީ ޓޫރިޒަމް ދާއިރާ ކަމަށް ވިޔަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން މި ދާއިރާގައި މަތީ ފަންތީގައި ތިބި ދިވެހިން މަދުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް މީހުން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިލްތިމާސްކުރައްވައިފަ އެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމު ފޯރުކޮށްދިނުމަށް ކަމަށާއި، އެއީ ގައުމެއް ބިނާވެ ކުރިއަރައިދަނީ ތައުލީމީ ގާބިލު އުފެއްދުންތެރި ޖީލެއް ބިނާ ކުރެވިގެން ކަމަށް ވާތީ ކަމަށެވެ.
މި ސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއްނެތްކަން ފާހަގަކުރައްވައި ނައިބް ރައީސް ވިދާޅުވީ މި މަޝްރޫއުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީކުރާ އިދާރާތަކުގައި މަސައްކަތްކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ބާރުއަޅުއްވައިފަ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ނައިބް ރައީސް ވަނީ މަސައްކަތުގެ މާހައުލުގައްޔާއި މުޖުތަމައުގައި އުޅޭއިރު މީހުންނަށް އިހްތިރާމުކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތް ބަލައިގަތުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިކަން އިސްކުރުމަށް ވެސް ދަރިވަރުންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި އަދި މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް އެމަނިކުފާނު ވަނީ ބާރު އެޅުއްވި އެވެ.














