ދައުލަތުން ނަގާފައިވާ ބޭރުގެ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ މިހާތަނަށް އެކަނި ވެސް ސަރުކާރުން 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލޯނު ދެއްކުމަށް މިދިޔަ އޮކްޓޯބަރު 14، ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 840.7 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ދިޔަ އަހަރުގެ ހަމަ މި މުއްދަތުގެ ތެރޭގައި ލޯނު ދެއްކުމަށް ސަރުކާރުން ހޭދަ ކުރީ 756.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ 83 މިލިއަން ރުފިޔާ އިތުރަށް މިއަހަރު ލޯނު ދެއްކުމަށް ސަރުކާރުން ވަނީ ހޭދަކޮށްފަ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 22.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު މިހާތަނަށް ހަރަދުކޮށްފައި ވަނީ 22.1 ބިލިއަން ރުފިޔާ އެވެ.
މިއަހަރު ސަރުކާރުން ކޮށްފައިވާ ހަރަދުގެ ތެރޭގައި ރިކަރެންޓް އެކްސްޕެންޑިޗާގެ ގޮތުގައި ހޭދަކޮށްފައިވާ 17.6 ބިލިއަން ރުފިޔާ ހިމެނެ އެވެ. އޭގެ ތެރެއިން މުސާރައާ އިނާޔާތްތައް އަދި ޕެންޝަނަށް ހަރަދުކޮށްފައި ވަނީ 7.6 ބިލިއަން ރުފިޔާ އެވެ.
ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 5.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ކެޕިޓަލް އިކުއިޕްމެންޓަށާއި އިމާރާތްތަކާއި ބިމަށް އަދި އިންފްރާސްޓްރަކްޗާ އެސެޓުތަކަށް ކުރި ހަރަދު ހިމެނެ އެވެ.
މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 3.5 ބިލިއަން ރުފިޔާ ޖަމާކުރި އިރު، 1.1 ބިލިއަން ރުފިޔާ ވަނީ ބްލޮކް ގްރާންޓްސްގެ ގޮތުގައި ކައުންސިލްތަކަށް ދޫކޮށްފަ އެވެ.
އަހަރުގެ މިހާތަނަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނި 15.1 ބިލިއަން ރުފިޔާ އެވެ. މިއީ މިހާތަނަށް ހޭދަކުރި 22.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.











